11 May 2014, 19:45
ފުރުގާން މިސްކިތުގެ މަސައްކަތް ލަސްވެފައި ވަނީ އޮފީސް އޮފް ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓް (އޯޕީޕީ)ގެ ސަބަބުން ކަމަށް ބުނެ މާރިސް ކޮންސްޓްރަކްޝަނުން ދެއްކި ވާހަތަކަށް އޯޕީޕީ އިން ދޮގުކޮށްފި އެވެ.
މާރިސް ކޮންސްޓަރަކްޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެފައި ވަނީ މިސްކިތުގެ މަސައްކަތް ލަސްވެފައި ވަނީ އޯޕީޕީއަށް ހުށަހެޅި ބިލްތައް އެޕްރޫވްކުރުން ލަސްވެގެން ކަމަށެވެ.
އޭނާގެ ވާހަކަތަކަށް ރައްދު ދެއްވައި އޯޕީޕީގެ އޮފިސަރ އިންޖާޗް އަންވަރު އަލީ ވިދާޅުވީ އެތަނާ ގުޅޭގޮތުން ސައީދު މީޑިއާތަކަށް ދީފައިވާ މައުލޫމަތަކީ ހަގީގަތެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ މާރިސް ކޮންސްޓަރަކްޝަންގެ ފަރާތުން މީގެކުރިން ހުށަހެޅި ބިލްތަކެއް އިސްލާހުކޮށް އަލުން ހުށަހެޅުމަށް ހަ ފަހަރު އަންގާފައިވާ ކަމަށާއި ތަކުރާރުކޮށް ހުށަހަޅާ ބިލްތަކުގައި ވެސް މައްސަލަ ހުންނަ ކަމަށެވެ. އަދި އެންމެ ފަހުން އެ ކުންފުނިން ބިލެއް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށާއި އެ ބިލްގައި ވެސް މައްސަލަ ހުރުމުން އަލުން އިސްލާހު ކުރަން އެންގުމުން، އިސްލާހުކޮށް ފޮނުވުމުން މިއަދު އެޕްރޫވްކޮށްފައިވާނެ ކަމަށް އަންވަރު ވިދާޅުވި އެވެ.
"ބިލެއް ހުށަހެޅީމަ އޭގައި ހިމަނާފައިވާ ކަންތައްތަކަކީ އެއީ ކޮށްނިންމާފައި ހުރި ކަންތައްތަކެއްތޯ އެބަބަލަންޖެހޭ. ނުނިމި ހުރި މަސައްކަތްތައް ބަލައި ޗެކްކުރަން ޖެހޭ. މާރިސް ކޮންސްޓްރަކްޝަނުން ފޮނުވި ބިލްތަކެއް ހަ ފަހަރެއްގެ މަތިން އަޅުގަނޑުމެން ވާނެ އިސްލާހު ކުރަން ފޮނުވާފައި. ކޮންމެ ފަހަރަކު ބިލް ފޮނުވާއިރު ކޮންމެވެސް މައްސަލައެއް ހުރޭ. ދެން އަޅުގަނޑުމެން އަނެއްކާ އަންގަނީ އިސްލާހުކޮށް ބިލް އަލުން ފޮނުވަން،" އަންވަރު ވިދާޅުވި އެވެ.
ފުރުގާން މިސްކިތުގެ މަސައްކަތް އެންމެ ފުރަތަމަ ސަރުކާރުން ހަވާލުކުރީ ވިމްލާ ކޮންސްޓްރަކްޝަނާ އެވެ. ނަމަވެސް ސަރުކާރުން އަންގާފައިވާ މުއްދަތުގައި މަސައްކަތް ނިންމާފައި ނުވާތީ އެކުންފުނީގެ ކިބައިން އެތަން ވަކިކުރުމަށްފަހު މާރިސް ކޮންސްޓަކްޝަނާ އެ މަސައްކަތް ހަވާލުކުރީ 2011 ވަނަ އަހަރުގެ މާޗް މަހުގެ 14 ވަނަ ދުވަހު އެވެ.
ރޯދަ މަސް ފެށެންވާއިރަށް އެ މިސްކިތުގެ މަސައްކަތް ނިންމާލެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް މާރިސް ކޮންސްޓަރަކްޝަނުން މިއަދު ވަނީ ބުނެފަ އެވެ.