ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާ ޔުނިވާސިޓީއަކަށް ބަދަލުކުރުމަށްޓަކައި ފުރިހަމަ ކުރަން ޖެހޭ ހުރިހާ ލިޔެކިޔުންތައް މި މަހުގެ ނިޔަލަށް ނިންމައި ރައީސުލް ޖުމްހޫރީއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ހަވާލު ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ކުއްލިއްޔާ ޔުނިވާސިޓީއަކަށް ބަދަލުކުރުމަށް ހަދަންޖެހޭ ފީސިބިލިޓީ ސްޓަޑީ އާއި ސްޓްރެޓެޖިކް ޕްލޭން އަދި ކީ ޕާފޯމެންސް އިންޑެކްސް (ކޭޕީއައި) އެއް އެކުލަވައިލުމަށް އިއްޔެ އާއި މިއަދު ކުރިއަށް ގެންދިޔަ ދެ ދުވަހުގެ ވޯކްޝޮޕް ބަދަލުވުން ނިންމުމުގެ ރަސްމީއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ ކުއްލިއްޔާ ޔުނިވާސިޓީއަކަށް ހެދުމަށް ކުރަންޖެހުނު ކޮންމެ މަސައްކަތައް ކުރައްވާނެ ކަމަށާއި އެކަމުގައި "ނުފޮރުޅާނެ ގަލެއް އަދި ޓަކި ނުޖަހާނެ ދޮރެއް" ނުހުންނާނެ ކަމަށެވެ.

ކުއްލިއްޔާ ޔުނިވާސިޓީއަކަށް ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ރައީސް ޔާމީން އެކުލަވައިލެއްވި ކޮމެޓީ ޗެއާ ވެސް ކުރެއްވި މިނިސްޓަރު ޝަހީމް ވިދާޅުވީ އެ ކޮމެޓީގެ މަސައްކަތްތައް ނިމުމުން ދެން އޮންނާނީ ކުއްލިއްޔާ ޔުނިވާސިޓީއެއްގެ ގޮތުގައި އިއުލާން ކުރުން ކަމަށެވެ.

ކުއްލީއްޔާ އިސްލާމިކް ޔުނިވާސިޓީއަކަށް ހެދުމަށްޓަކައި އިސްލާމީ ތަފާތު އެކިއެކި ޖަމްއިއްޔާ ޖަމާއަތްތަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށާއި ޔުނިވާސިޓީއަކަށް ބަދަލުވުމުން އެތަނަށް އެހީ ހޯދުމަށް އިތުރަށް ފަސޭހަވެގެންދާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ކުއްލިއްޔާ ޔުނިވާސިޓީއަކަށް ބަދަލުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މެމޯރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ކުއްލިއްޔާ އާއި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް)އާ ދެމެދު މިއަދު ވަނީ ސޮއި ކޮށްފަ އެވެ.

އެ އެއްބަސްވުމުގެ ދަށުން ކުއްލިއްޔާ ޔުނިވާސިޓީއަކަށް ބަދަލުކުރުމަށް ބޭނުންވާ އެކިއެކި ފަންނީ އެހީތެރިކަން އައިއައިޔޫއެމްގެ ފަރާތުން ފޯރުކޮށްދޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އަދި ކުއްލިއްޔާ ޔުނިވާސިޓީއަކަށް ބަދަލުވުމުން އެތަނަށް ބޭނުންވާ ލެކްޗަރާ އިން ތަމްރީނު ކުރުމާއި ޔުނިވާސިޓީގެ ކޯސްތައް ފަރުމާ ކުރުންފަދަ ކަންކަމުގައި އައިއައިޔޫއެމް އިން އެހީތެރިވެދޭނެ އެވެ.