11 May 2014, 18:41
އޭއެފްސީ ޗެލެންޖް ކަޕް ރާއްޖޭގައި ބޭއްވުމަކީ މުޅި ގައުމަށް ލިބުނު ބޮޑު ޝަރަފެއް ކަމަށާއުި މުޅި ޖުޑީޝަރީ އޮތީ ގައުމީ ޓީމާއެކުގައި ކަމަށް އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ވިދާޅުވެއްޖެ އެވެ.
~
އުއްތަމަ ފަނޑިޔާރު އެހެން ވިދާޅުވީ އޭއެފްސީ ކަޕުގެ ތިންވަނަ ހޮވާ މެޗު ޝަރަފުވެރި ކުރުމަށްޓަކައި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދެއްވި ދައުވަތު ގަބޫލުފުޅު ކުރައްވައި، ސުޕްރީމް ކޯޓުގައި މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
"މިފަދަ ބޮޑު މުބާރާތެއް ރާއްޖޭގައި ބޭއްވުމަކީ މުޅި ގައުމަށް ލިބުނު ބޮޑު ޝަރަފެއް. އެގޮތުން މުޅި ޖުޑީޝަރީ އޮތީ ގައުމީ ޓީމާއެކުގަަ. މިވަގުތު ގައުމީ ޓީމަށް ބޭނުންވަނީ ދިވެހިންގެ ސަޕޯޓް. ދިވެހީންގެ ފުރިހަމަ އެއްބާރުލުން،" ފާއިޒް ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ރާއްޖެއަކީ ފުޓްބޯޅަައިގައި ކުޑަ ގައުމެއް ނޫން ކަމަށާއި ރާއްޖެ ޓީމުގައި ޗެލެންޖް ކަޕް ކާމިޔާބުކުރެވޭނެ ފެންވަރު އެބަހުރި ކަމަށެވެ.
"ރާއްޖެއަކީ ފުޓްބޯޅައިގައި ކުޑަ ގައުމެއް ނޫން. ރާއްޖޭގެ އެއް ނަންބަރު ކުޅިވަރު ރާއްޖޭގައި މި ވަނީ ވަރަށް ބޮޑަށް ކުރިއަރައިގެން ގޮސްފަ. އޭޝިއާގެ ގައުމުތަކަށް ރާއްޖޭގެ ފެންވަރު އެނގޭނެ. ރާއްޖެ ޓީމުގައި ފުޓްބޯޅައިގެ ހީރޯއިން އެބަތިބި. އިރާދަކުރެއްވިއްޔާ ރާއްޖެއަށް ޗެލެންޖް ކަޕް ކާމިޔާބުކުރެވޭނެ،" ފާއިޒް ވިދާޅުވި އެވެ.
އެފްއޭއެމްގެ ފަރާތުން އުއްތަމަ ފަނޑިޔާރަށް ޗެލެންޖް ކަޕުގެ ތިންވަނަ ހޮވާ މެޗު ޝަރަފްވެރި ކޮށްދިނުމަށްޓަކައި ދައުވަތު އަރުވައި ލިޔުން ހަވަލުކޮށްދެއްވީ، އެ އެސޯސިއޭޝަނުގެ ރައީސް އިލްހާމް އަހްމަދު އެވެ. އަދި ގައުމީ ޓީމުގެ ހަ ނަންބަރު ޖާޒީ ފާއިޒާ ހަވާލުކޮށްދެއްވީ ގައުމީ ޓީމުގެ މެނޭޖަރު އަހްމަދު މަހްލޫފް އެވެ.
ސުޕްރީމް ކޯޓުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި އެފްއޭއެމްގެ ރައީސް ވަނީ އުއްތަމަ ފަނޑިޔާރު ދައުވަތު ގަބޫލުކުރައްވައި، ފުޓްބޯޅައަށް ގެންގުޅުއްވާ ގާތް ކަމަށް އެ އެސޯސިއޭޝަނުގެ ނަމުގަ އާއި މުޅި ފުޓްބޯޅަ އާއިލާގެ ނަމުގައި ޝުކުރު ދަންނަވައިފަ އެވެ.
އޭއެފްސީ ޗެލެންޖް ކަޕް ހުޅުވާ މެޗުގައި މި މަހުގެ 19 ވަނަ ދުވަހުގެ ރޭ 9:00 ގައި ބައްދަލުކުރާ ދެ ޓީމަކީ ރާއްޖެ އާއި މިޔަންމާ އެވެ. އަދި އެދުވަހުގެ ހަވީރު 4:00 ގައި ބައްދަލުކުރާނީ ފަލަސްތީނާއި ކިރްގިސްތާނެވެ. މުބާރާތުގައި ރާއްޖެ ވާދަކުރާ ދެ ވަނަ މެޗުގައި މިމަހުގެ 21 ވަނަ ދުވަހުގެ ރޭ 9:00 ގައި ނިކުންނާނީ، ކިރްގިސްތާނާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މިމަހު 23 ވަނަ ދުވަހުގެ ރޭ 9:00 ގައި ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ.