11 May 2014, 16:50
ލ. ފޮނަދޫގެ އެންމެ ބޮޑެތި ނުވަ މަގުތައް ތާރުއަޅައިގެން ހެދުމަށް މޯލްޑްވްސް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އާ މިއަދު ހަވާލުކޮށްފި އެވެ.
ފޮނަދޫގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް އެމްއާރުޑީސީ އާ ހަވާލުކުރުމަށް މިއަދު މެންދުރުފަހު ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިޔާތުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ މަސައްކަތް ހަވާލުކޮށްފައިވަނީ 47 މިލިއަންރުފިޔާ ސަރުކާރުގެ ބަޖެޓުން ހަވާލުކޮށްގެން ކަމަށެވެ. އަދި ހެދުމަށް ހަމަ ޖެހިފައިވަނީ އެރަށުގެ އެންމެ ބޮޑު ނުވަ މަގު ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އެންމެ ފުރަތަމަ ފެށޭނީ މަގުގެ ދުވާރުތައް ހެދުމުގެ މަސައްކަތް ކަމަށާއި އެއްބަސްވުމުގައިވާ ގޮތުން އަމަލީ މަސައްކަތްފަށާތާ 18 މަސްދުވަސްތެރޭގައި ނިންމަން ޖެހޭ ކަމަށެވެ.
ފޮނަދޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމާއެކު ތަރައްގީގެ އެކި މަޝްރޫއުތަކަށް މަގު ފަހިވެގެންދާނެ ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ.
" މި މަޝްރޫއުއާއެކު ފޮނަދޫ ވެގެންދާނީ ތަރައްގީގެ މަސައްކަތަކަށް މަގުފަހި ވެފައި އޮންނަ ރަށަކަށް. މަގުތައް ރަނގަޅު ފެންވަރަކަށް ހެދިގެން ދިއުމަކީ އެހެނިހެން ކަންކަން ވަރަށް ބާރު ސުޕީޑެއްގައި ކުރުމަށް އެޅިގެންދާ ފިޔަވަޅެއް، " މުއިއްޒު ވިދާޅުވި އެވެ.
ލ.އަތޮޅުގެ ގުޅިފައިވާ ހަތަރު ރަށުގެ ލިންކް ރޯޑް ހެދުމުގެ މަސައްކަތްވެސް ކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. ފަނަރަ ކިލޯ މީޓަރުގެ އެ ލިންކްރޯޑް ޒަމާނާއެއްގޮތަށް ހެދުމަށް ހަމަ ޖެހިފައިވަނީ ޗައިނާގެ ހިލޭ އެހީގަ އެވެ. "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މިއަދު ވިދާޅުވީ އެ މަޝުރޫއުއަށް ބޭނުންވާ ކޮންޓެކްޓަރުން ހޯދުމުގެ މަސައްކަތް ޗައިނާއިން މިހާރު ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މި މަސް ނިމުމުގެ ކުރިން ކޮންޓެކްޓަރުން ރާއްޖެ އަންނާނެ ކަމަށް ޗައިނާއިން އުއްމީދުކުރާ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.