29 Dec 2010, 16:33
ޓެކްސް ދެއްކުމުގެ ނިޒާމަކީ އެންމެ އާދައިގެ މީހާ އަށް ވެސް ފަސޭހަކަމާ އެކު ޓެކްސްދެއްކޭނެ ގޮތްތަކެއް ހެދުން ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.
ޖީއެސްޓީގެ ގާނޫނާ ގުޅޭ ގޮތުން މީޑިއާ އަށް މައުލޫމާތު ދިނުމަށް މިއަދު މިރާގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މީރާގެ ޑައިރެކްޓާ ޖެނެރަލް، ރެވެނިއު ސާވިސް ފަތުހުﷲ ޖަމީލު މިއަދު ވިދާޅުވީ އެ ތޯރިޓީގެ އެންމެ ބޮޑު އަމާޒަކީ ޓެކްސް ދެއްކުމުގެ ނިޒާމަކީ އެންމެ ދައްފައްތީގެ ވިޔަފާރި ވެރިޔާ އިން ފެށިގެން ގޮސް އެންމެ މުއްސަދި ވިޔަފާރި ވެރިޔާއަށް ވެސް އެއްވެސް އުނދަގުލަކާއި ނުލައި ޓެކްސް ދެއްކޭނެ ނިޒާމެއް ގާއިމް ކުރުން ކަމަށާއި އަންނަ އަހަރުގެ މެދުތެރޭގައި އޮންލައިންކޮށް ޓެކްސްދެއްކޭނެ ސޮފްޓްވެއާއެއް ގާއިމް ކުރުން ކަމަށެވެ. އޭނާ ވިދާޅުވީ އެ ސޮފްޓްވެއާގެ ޒަރިއްޔާއިން ޓެކްސް ދެއްކުމަށް ރެޖިސްޓްރީ ކުރުމާއި ފައިސާ ދެއްކުމުގެ އިންތިޒާމް ގޭގައި އިނދެގެން ހަމަޖެހިގެން ދާނެ ކަމަށެވެ.
"އޭރުން ދެން މިތަނަށް އަންނާކަށް ނުޖެހޭނެ. ގޭގައި އިނދެލައިގެން ހުރިހާ ކަމެއް ހަމަޖައްސައި ލެވޭނެ. އަޅުގަނޑުމެން ބޭނުން ވަނީ ޒަކާތް ދައްކާ އުސޫލުން ޓެކްސް ދެއްކުން،" ޖަމީލް ވިދާޅުވި އެވެ.
މީރާގެ މަސައްކަތް ކުރިއަށް ގެންދިޔުމުގައި އެންމެ ބޮޑަށް ދިމާވި އެއް ޗެލެންގެއް ކަމުގައި ޖަމީލު ފާހަގަ ކުރެއްވީ ގަވާއިދުތައް އެކުލަވައި ލުމުގައި ލިބުނު މަދު ދުވަސްކޮޅު ކަމަށެވެ.
"އަޅުގަނޑުމެންނަށް މި ލިބުނީ އެންމެ ހަތަރު މަސް ދުވަސް ގާނޫނީ ބޮޑީއެއްގެ ގޮތުގައި ވޯކްކުރަން،" ޖަމީލް ވިދާޅުވި އެވެ.
ޖެނުއަރީ މަހުގެ އެކަކުން ފެށިގެން ޓޫރިސްޓު ހިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ހިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީ ނަގަން ފެށުމުން ނިކުމެދާނެ މައްސަލަތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން ޖަމީލް ވިދާޅުވީ ޖީއެސްޓީ ޓެކްސް އަކީ އެއްވެސް ހާލެއްގައި ކުންފުނިން ނެގޭ ޓެކްސްއެއް ނޫން ކަމަށާއި އެއީ އިންޑައިރެކްޓް ޓެކްސް އެއް ކަމަށެވެ. އޭރުން އިންފުލޭޝަން ރޭޓަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށާއި ތަކެތީގެ އަގުތައް ބޮޑު ކުރާ ފަރާތްތަކާ މެދު ގަވާއިދުން ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީރާގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ޓެކްސް ނުދައްކާ ފަރާތްތަކާ މެދު އަމަލު ކުރާނީ ކިހިނެތް ތޯ، ނޫސްވެރިން ސުވާލު ކުރުމުން ޖަމީލް ވިދާޅުވީ އެފަދަ ވިޔަފާރިތަކަށް ދީފައިވާ ހުއްދަ ބާތިލް ކުރާނެ ކަމަށެވެ.
މިއަދުގެ އެ ނިއުސް ކޮންފަރެންސްގައި އޭނާ ވިދާޅުވީ އަންނަ އަހަރުގެ މެދެއްހާ ހިސާބުގައި ބިޒްނަސް ޕުރޮފިޓް ޓެކްސް ނަގަން ފަށާނެ ކަމަށާއި އޭރުން ތަކެތީގެ އަގުތައް ކޮންމެވެސް ވަރަކަށް އުފުލިގެން ހިގައިދާނެ ކަމަށެވެ. އެހެންކަމަށް ވުމުން ބައެއް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރާ ފަރާތްތަކަށް ޓެކްސް ދެއްކުމުގައި ހާއްސަ ގޮތްތަކަކަށް އަމަލުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބިޒްނަސް ޕުރޮފިޓް ޓެކްސް ދައްކަން ޖެހޭނީ ވިޔަފާރި ފައިދާގެ ގޮތުގައި ފަސް ލައްކަ ރުފިޔާ ލިބޭ ވިޔަފާރިތަކުން ކަމަށެވެ.
އޭނާ ވިދާޅުވީ ޖެނުއަރީ އެކަކުން ފެށިގެން ކުރިން އެމްއެމްއޭ އަށް ދައްކަމުން އައި ޕޭމަންޓުތައް މިހާރު މީރާއަށް ވެސް ދެއްކޭނެ ކަމަށެވެ. އަދި ގުރައުންޑް ފުލޯގައި ވަކިން ހާއްސަކޮށް ޓެކްސް އާއި ގޮތުން މައުލޫމާތު ދޭނެ ކައުންޓަރެއް ވެސް ބަހައްޓާނެ ކަމަށެވެ.
ޖަމީލް ވިދާޅުވީ މުޖުތަމައު އަދިވެސް ބޮޑަށް ޓެކްސްގެ ކަންކަމާ ގުޅޭ ގޮތުން ހޭލުންތެރިވާން އެބަޖެހޭ ކަމަށާއި ތަމްރީނާއި މައުލޫމާތު ދިނުމުގެ ޕުރޮގްރާމްތައް މިހާރު ވެސް ހިންގަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ޓެކްސް ނަގަން މިއޮތީ ދެތިން ދުވަހަށް ވެފައި. މިކަމާ ގުޅޭ މާބޮޑު މައުލޫމާތެއް ގިނަ މީހުންނަކަށް ނޭނގޭ. އަޅުގަނޑުމެން މިހާރު މި ގެންދަނީ މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން." ޖަމީލް ވިދާޅުވި އެވެ.
ޓޫރިސްޓު ހިދުމަތްދޭ ތަންތަނުން ވިއްކާތަކެއްޗާއި ދޭ ހިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީ އަންނަ ޖެނުއަރީ މަހު އެއް ވަނަ ދުވަހުން ފެށިގެން ނަގާނެ ގޮތަށް މީރާ އިން މިހާރު ވަނީ ހަމަޖައްސައިފި އެވެ.
ސަރުކާރުން މިހާރު މަޖުލީހަށް ފޮނުވާފައިވާ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ސަރުކާރަށް ލިބޭ އާމްދަނީގެ 8،761.8 މިލިއަން ރުފިޔާގެ 59 އިންސައްތަ ހިއްސާ ކުރަނީ ޓެކްސްގެ ގޮތުގައި ސަރުކާރަށް ލިބޭ އާމްދަނީން ނެވެ.