11 May 2014, 16:29
މީހުން ސުމަގުލް ކުރަން ބޭނުންކުރާ ހަބަކަށް ރާއްޖެ ވެގެން ނުވާނެ ކަމަށް ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރާއްޖޭގެ ސަރަހައްދީ ރޮނގު ބެލެހެއްޓުމުގައި ހަރަކާތްތެރިވާ އޮފިސަރުންގެ ގާބިލުކަން އިތުރުކުރުމަށް ކުރުނބާ މޯލްޑިވްސްގައި މިއަދު ފެށި ފަސް ދުވަހުގެ މަސައްކަތު ބައްދަލުވުމެއް ހުޅުއްވައި ދެއްވަމުންނެވެ.
"... ދިވެހި ރާއްޖެއަކީ އެއްވެސް ހާލެއްގައި މީހުން ސްމަގުލްކުރެވޭ ކަހަލަ ހަބަކަށް ވެގެން ނުވާނެ. މިކަމުގައި އެއްމެ އިސްރޯލެއް ކުޅެވޭނީ އިމިގްރޭޝަން އޮފިސަރުންނާއި ފުލުހުންނާ ގުޅިގެން ކުރެވޭ މަސައްކަތުން. ހަމަ އެއާ އެކީގައި އިމިގްރޭޝަންގައި ގާއިމްކުރެވިފައިވާ އިންޓެލިޖެންސް ސެލްއަކީ ވެސް ކުރިއަށް އޮތް ތަނުގައި ހަރުދަނާ ކަމާ އެކީ މަސައްކަތް ކުރެވޭ ސެލްއަކަށް އެބަ ވާންޖެހޭ،" ނާޒިމު ވިދާޅުވި އެވެ.
މިނިސްޓަރު އަދި ވިދާޅުވީ ރާއްޖޭގެ ސަރަހައްދީ ރޮނގު މެދުވެރިކޮށް ގަވައިދާ ހިލާފަށް އެއްގައުމުން އަނެއް ގައުމަށް ދިއުމަކީ ރާއްޖެ އިން އެދޭ ކަމެއް ނޫން ކަމަށެވެ. އެކަން ހުއްޓުވަން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
"... އަޅުގަނޑުމެން ދިވެހިރާއްޖެއަކުން ބޭނުމެއް ނުވޭ، އަޅުގަނޑުމެންގެ ބޯޑަރު މެދުވެރިކޮށް އެއްވެސް މީހަކަށް ގަވައިދާ ހިލާފަށް އެހެން ގައުމަކަށް ދެވޭނެ ގޮތެއް ވާކަށް. ވަރަށް ފަހުން ވެސް އަޅުގަނޑުމެންނަށް ދިމާވި ހާދިސާއަކީ ސީރިއާގެ ބަޔަކު ރާއްޖެ މެދުވެރިކޮށް އެހެން ގައުމަކަށް ދިއުން. މިކަންކަމުގައި ވަރަށް ބޮޑެތި ފައިސާގެ އެހީތަކެއް ހޯދައިގެން މީހުން އެއް ތަނުން އަނެއް ތަނަށް މި ސްމަގުލް ކުރަނީ. މީހުން ސުމަގުލް ކުރުމަކީ ދުނިޔޭގައި ބޮޑު ވިޔަފާރިއަކަށް ވެފައި އޮތް ކަމެއް. ދިވެހިރާއްޖެ މެދުވެރިކޮށް މީހުން ސުމަގުލްކުރުން ހުއްޓުވުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތައް އަޅުގަނޑުމެން އެބަ ކުރަން ޖެހޭ. ހަމަ އެހެންމެ ދިވެހިރާއްޖޭގެ ބޯޑަރަކީ ސަލާމަތްތެރިކަމާއި ރައްކާތެރިކަން ލިބިފައިވާ، އަދި މީހުންނަށް އެކަމުގެ ޔަގީންކަން އޮތް ތަނެއްގެ ގޮތުގައި ހަދަން ޖެހޭ." ނާޒިމު ވިދާޅުވި އެވެ.
ފަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުމުގެ ބޭނުމަކީ މީހުން ސްމަގުލް ކުރުން ހުއްޓުވުމުގެ ދާއިރާ އިން، ރާއްޖޭގެ ސަރަހައްދީ ރޮނގު ބެލެހެއްޓުމަށް އިސް ސަފުގައި ހަރަކާތްތެރިވާ އިމިގްރޭޝަން އޮފިސަރުންނާއި ސިފައިންނާއި ފުލުހުންގެ ގާބިލުކަން އިތުރު ކުރުމެވެ. ބައްދަލުވުން އިންތިޒާމް ކުރީ އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އާއި ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އިމިގްރޭޝަން ގުޅިގެންނެވެ.