ބްރާވިއާ އައިޑިއާސް ކަޕްގައި ރޭ ކުޅުނު މެޗުތަކުން ބާރަށާއި އެލައިޑް މޮޅުވިއިރު، ރޫޓް އެކްސް އާއި މާލޭ ސިޓީ ކައުންސިލް ބައްދަލްކުރި މެޗް އެއްވަރުވެއްޖެ އެވެ.

މާފަންނު ސްޓޭޑިއަމްގެ އެއް ނަންބަރު މިނީ ދަނޑުގައި ކުރިއަށް ގެންދާ އެ މުބާރާތުގައި ރޭ އަލައިޑުން މެޗް ކާމިޔާބު ކުރީ އަލިފުށި (ސޭ)އާ ވާދަކޮށް 5-3 ލަނޑުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އެލައިޑްގެ މުހައްމަދު ރިއްފަތެވެ. އޭނާ ވަނީ ރޭގެ މެޗުގައި ދެ ލަނޑު ޖަހައިފަ އެވެ.

ރޭ ކުޅުނު ދެ ވަނަ މެޗު ބާރަށުން ކާމިޔާބު ކުރީ އެފްސީ ޓޮރެންޓުގެ މައްޗަށް 2-1 ލަނޑުން ކުރި ހޯދައިގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ބާރަށު ޓީމުގެ މުހައްމަދު ނާޝިދެވެ.

މީގެއިތުން ރޫޓް އެކްސް އާއި މާލޭ ސިޓީ ކައުންސިލް ރޭ ބައްދަލްކުރި މެޗް ނިމުނީ 2-2 ލަނޑުން އެއްވަރުވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މާލޭ ސިޓީ ކައުންސިލް ޓީމުގެ މުހައްމަދު އަޔާޒެވެ.

މިމުބާރާތުގައި މިރޭ ވެސް ތިން މެޗް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. ފުރަތަމަ މެޗުގައި މިރޭ ގްރޫޕް ސީ ފަޅިން ވާދަކުރާނީ މާފަރާއި ބަރާބަރު ޓީމެވެ. ދެ ވަނަ މެޗުގަ މިރޭ 9:00ގައި ވާދަކުރާ ދެޓީމަކީ ގްރޫޕް ޑީ ފަޅީގެ ރައީސް އޮފީހާއި އައިޑީ އެވެ. އަދި ތިން ވަނަ މެޗުގައި މިރޭ 10 ޖަހާއިރު ވާދަކުރާނީ ގްރޫޕް އީގެ ވިކެންދޯ އާއި އެމްއޭސީއެލް އެވެ. ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ މާފަންނު ސްޓޭޑިއަމް 1 ނަންބަރު މިނީ ދަނޑުގަ އެވެ.

ބްރާވިއާ އައިޑިއާސް ކަޕް 2014 ގެ މެއިން ސްޕޮންސަރަކީ ރީފްސައިޑެވެ. އެލައިޑް އިންޝުއަރެންސް އިން ކޯ ސްޕޮންސަރު ކޮށްފައިވާ މި މުބާރާތުގެ ޕްރިންޓިންގް ޕާޓްނަރަކީ އެމްސެވަން ޕްރިންޓެވެ. އަދި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ސަން އޮންލައިން އެވެ.