ޑޮނެތްސެކް، (މެއި 11) :ޔުކްރޭންގެ އިރުމަތީގެ ދެ ސަރަހައްދު ކަމަށްވާ ދޮނިތްސިކް އާއި ލޮހާންސްކް، ޔުކްރޭންގެ ދައުލަތުން ވަކިވެ ރަޝިޔާއާ ގުޅުމާމެދު އެދެ ސަރަހައްދުގެ ރައްޔިތުން ދެކޭގޮތް ބެލުމަށްޓަކައި ނަގާ ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ކަންތައް މައްސަލައެއްނުޖެހި ކުރިޔަށްދާ ކަމަށް ޚަބަރުލިބިއްޖެ އެވެ.

ރަޝިޔާ އަށް ތާއީދުކުރާ ޔުކްރޭންގެ ވަކިވެގަތުމަށް މަސައްކަތްކުރާ ހަތިޔާރުއެޅި ޖަމާއަތްތަކުގެ ބެލުމުގެ ދަށުންކުރިޔަށްދާ މިވޯޓަށް ޔުކްރެއިންގެ ސަރުކާރާއި އެމެރިކާ އާއި ޔޫރަޕުންދެކޮޅު ހަދާފައިވާއިރު ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން ވެސް ވަނީ މިވޯޓުނަގާ ތާރީޚު ފަސްކޮށްލުމަށް އެޖަމާއަތްތަކަށް މިދިޔަ ހުކުރު ދުވަހު އިލްތިމާސް ކުރައްވާފަ އެވެ.

މި ދެ ސަރަހައްދުގެ އާބާދީގައި ރަޝިޔާ ދަރިކޮޅުގެ މީހުންގެ ނިސްބަތް ބޮޑުވެފައި މި ދެ ސަރަހައްދުގެ އެއްވެސް ކޮންޓްރޯލެއް ހުޅަނގަށް ތާއީދުކުރާ ޔުކްރޭންގެ ވަގުތީ ސަރުކާރަށް ނެތުމުގެ އިތުރުން ފެންނަ ނުފެންނަ ވޯޓުގެ ކަންތައް ކުރިޔަށްގެން ދަނީ ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ ބެލުމުގެ ދަށުންކަމަށް ވާތީ ވޯޓުގެ ނަތީޖާ އަންނާނީ ޔުކްރޭނުން ވަކިވެ ރަޝިޔާގެ ދަށަށް ދިޔުމަށް ތާއީދުކޮށްކަމަށް ވަނީ ބެލެވިފަ އެވެ.

ޔުކްރެއިންގައިއޮތް ރަޝިއާ އަށް ތާއީދުކުރާ އިންތިޚާބީ ސަރުކާރު، ހުޅަނގަށް ތާއީދުކުރާ ވަތަނީ ޚިޔާލުގެ ހަރުކަށި ފަރާތްތަކުން ވައްޓާލުމާ ގުޅިގެން ޔުކްރެއިންގެ ކްރައިމިޔާ ސަރަހައްދުވެސް ވަނީ މިގޮތަށް ވޯޓު ނަގައިގެން ޔުކްރޭނުން ވަކިވެ ރަޝިއާގެ ދަށަށްގޮސްފަ އެވެ.

ވޯޓު ނެގުމުގެ ކުރިން ދޮނިތްސިކްއާއި ލޮހާންސްކްގެ ރައްޔިތުންނަށް ޔުކްރޭންގެ ވަގުތީ ރައީސް އޮލިގްޒެންޑާ ތުރްޗިނޯވް ވަނީ ހަރުކަށި އިންޒާރެއް ދެއްވާފަ އެވެ. މިއިންޒާރުގައި އޭނާ ވިދާޅުވެފައި ވަނީ ޔުކްރޭންގެ ކިބައިން މިނިވަންވެ ރަޝިޔާއާ ގުޅެން ފެންނަކަމަށް ވޯޓު ދީފިނަމަ އެ ދެ ސަރަހައްދުގެ ރައްޔިތުން ބޮޑު މުސީބާތަކާ ކުރިމަތިލާން ޖެހޭނެ ކަމުގަ އެވެ. އަދި މިގޮތަށް ވޯޓުދިނުމަކީ ގައުމަށްވެވޭ ޚިޔާނާތެއްކަމަށްވެސް ތުރްޗިނޯވް ވަނީ ވިދާޅުވެފަ އެވެ.

ޔުކްރޭންގައި ހަރަކާތްތެރިވާ ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ ތުރްޗިނޯވްގެ ސަރުކާރަކީ ޔުކްރޭންގެ ރަޝިޔާ ދަރިކޮޅުގެ މީހުންނާ މެދު ތަފާތުކުރުންތައް ގެންގުޅޭ ނަސްލީ އިމްތިޔާޒުގެ ސަރުކާރެއް ކަމަށްސިފަކޮށް އެސަރުކާރުގެ ދަށުގައި ތިބެންބޭނުންނުވާ ކަމަށް ބުނެފަ އެވެ. ދޮނިތްސިކް އާއި ލޮހާންސްކްގައި ފެންނަ ނުފެންނަ ވޯޓު ނަގަމުން ދަނީ ރަޝިޔާގެ ރޭވުމެއްގެ ދަށުން ކަމަށް ބުނެ ޔުކްރެއިނާއި އެމެރިކާ އަދި ވިލާތުގެ އިއްތިޙާދުން މިވޯޓުގެ ނަތީޖާ ބަލައިނުގަންނާނެ ކަމަށް ބުނެފައި ވީނަމަވެސް ރަޝިޔާ އިން ވޯޓުގެ ނަތީޖާ ބަލައިގަންނާނެ ކަމަށް ވަނީ ބެލެވިފަ އެވެ. (ރޮއިޓާސް)