11 May 2014, 16:06
އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ މެލޭޝިއާ (އައިއައިޔޫއެމް) އާއި ވިލާ ކޮލެޖާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
ވިލާކޮލެޖުގައި މިއަދު އޮތް ރަސްމިއްޔާތުގައި އެކޮލެޖްގެ ފަރާތުން އެމްއޯޔޫގައި ސޮއި ކުރެއްވީ ރެކްޓަރު ޑރ. އަހުމަދު އަންވަރު އެވެ. އަދި އައިއައިޔޫއެމްގެ ފަރާތުން ސޮއި ކުރެއްވީ ޕްރޮފެސަރު ޑރ. އަބުދުލް އަޒީޒް އެވެ.
އެ އެމްއޯޔޫއަކީ ވިލާ ކޮލެޖްގައި އިސްލާމިކް ސްޓަޑީޒްގެ ދާއިރާއިން މަތީ ތައުލިމް ހާސިލު ކުރުމަށް އައިއައިޔޫއެމް ޔުނިވަސިޓީން އެހީތެރިވުމުގެ ގޮތުންވި އެއްބަސްވުމެކެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޑރ. އަންވަރު ވިދާޅުވީ، އައިއައިޔޫއެމް ޔުނިވަސިޓީ އަކީ ރާއްޖޭގައި ފާހަގަކުރެވޭ ގިނަ ބަޔަކު ތައުލީމް ހާސިލުކޮށްފައިވާ ތަނެއް ކަމަށާއި އެގޮތުން މިހާރުގެ ނައިބުރައީސް ޑރ. އަހުމަދު ޖަމީލް ވެސް އެ ޔުނިވަސިޓީން ކިޔެވި ދަރިވަރުންގެ ތެރޭ ހިމެނިވަޑައިގަންނަވާ ކަމަށެވެ. އަދި އެފަދަ ޔުނިވަސިޓީއަކުން ވިލާ ކޮލެޖާއެކު އިސްލާމީ ތައުލީމްގެ ދާއިރާއިން އެހީތެރިވެ ދިނުމަށް އެމްއޯޔޫއެއްގައި ސޮއި ކުރުމަކީ ވަރަށް ބޮޑު އުފަލެއް ލިބިގެންދާ ކަމެއް ކަމަށްވެސް ޑރ. އަންވަރު ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޕްރޮފެސަރު އަޒީޒް ވިދާޅުވީ، އެ ޔުނިވަސިޓީގެ އެކްސްޕަޓީޒް އާއި ކެޕޭސިޓީ ބޭނުންކޮށްގެން ވިލާކޮލެޖަށް އެހީވެތިރިވެދިނުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އައިއައިޔޫއެމް ޔުނިވަސިޓީގެ އެތަށް ގޮފިތަކެއް މިހާރު ވެސް ދުނިޔޭގެ އެކި ގައުމުތަކުގައި ހުރި ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެ ޔުނިވަސިޓީން ވިލާކޮލެޖަށް އެހީތެރިވެވެން އޮތް ހުރިހާ ގޮތަކުން އެހީތެރިވެ ދެއްވާނެ ކަމަށެވެ.