11 May 2014, 15:59
ޖޫބާ (މޭ 11) : ދެކުނު ސޫދާންގައި ހިނގަމުންދާ ލޭއޮހޮރުވުންބޮޑު ދާޚިލީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒު ކުރުމުގެ ގޮތުން އެހަނގުރާމައިގެ ދެ ފަރާތުން ވެސް ޙަމަލާތައް ބަދަލުކުރުން ހުއްޓާލައިފި ކަމަށް ޚަބަރު ލިބިއްޖެ އެވެ.
ދެކުނު ސޫދާންގެ ދާޚިލީ ހަނގުރާމައިގެ ދެފަރާތް ކަމަށްވާ އެގައުމުގެ ސަރުކާރާ އަދި އިދިކޮޅު ހަނގުރާމަވެރިން ވެސް ވަނީ ޙަމަލާތައް ހުއްޓާލާފައިވާކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް ދެކުނު ސޫދާން ސަރުކާރުގެ ތަރްޖަމާނަކު ވަނީ ހަނގުރާމަވެރިން ސަރުކާރު ސިފައިންނަށް އެއްވެސް ޙަމަލާއެއް ދީފިނަމަ އެ ޙަމަލާއެއްގެ ކުޑަބޮޑުމިން ހުރި މިންވަރަކުން ރައްދު ދޭނެ ކަމަށް ބުނެފަ އެވެ.
ދެކުނު ސޫދާންގެ ދާޚިލީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ވުޖޫދަށް ގެނައުމުގައި މުހިއްމު ދައުރެއް އަދާކުރި އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ވަނީ ސުލްހައިގެ އެއްބަސްވުން ތަންފީޒު ކުރުމަށްޓަކައި އެގައުމުގައި އިންތިގާލީ ސަރުކާރެއް އެކުލަވާލުމުގެ މަޝްވަރާތައް އަވަހަށް ފެށުމަށް ސަރުކާރަށާއި އިދިކޮޅު ހަނގުރާމަވެރިންނަށް ގޮވާލައްވާފަ އެވެ. މީގެ އިތުރުން ޙަމަލާތައް ހުއްޓާލުމުގެ ޝަރުތުތަކުގައި ދެފަރާތުން ވެސް ހިފަހައްޓައިގެން ތިބުމަށް ކެރީ އިލްތިމާސް ކުރެއްވި އެވެ. މީގެ އިތުރުން މިއެއްބަސްވުން ތަންފީޒުކުރުމަށް ބޭނުންވާ މެކޭނިޒަމްތައް އަވަހަށް އެކުލަވާލައި ހަމަލާތައް ހުއްޓާލުމުގެ ދާއިމީ އެއްބަސްވުމަކަށް މަގުފަހިވާނެ އަމަލީ ކަންތައްތައް އަވަހަށް ފެށުމަށް ހަނގުރާމައިގެ ދެފަރާތަށް އެމެރިކާ ވަރަށް ބޮޑަށް ބާރުއަޅާނެ ކަމަށްވެސް ކެރީ ވިދާޅުވި އެވެ.
މިއެއްބަސްވުމުގައިވާ ގޮތުން މީގައި ސޮއިކުރާތާ 24 ގަޑިއިރު ތެރޭގައި ޙަމަލާތައް ދިނުން ހުއްޓާލަންޖެހެ އެވެ. އަދި ހަމަލާތައް ހުއްޓާލިކަން ކަށަވަރުކުރުމަށާ މިކަން ދެމެހެއްޓުމަށް ޓަކައި އެފްރިކާގެ ގައުމުތަކުގެ އޮބްޒާވަރުން ހަނގުރާމަ ހިނގި ސަރަހައްދުތަކުގައި ރުކުރުވާލަންޖެހެ އެވެ. މިކަންތައްތައް ކުރިޔަށްގެންދާ އިރު މިއާއެއް ހަމައެއްގައި ދެކުނު ސޫދާނުގައި އިންތިގާލީ ސަރުކާރެއް އެކުލަވާލުމުގެ މަޝްވަރާތައް ވެސް ކުރިޔަށްގެންދަން ޖެހޭނެ ކަމަށް މިއެއްބަސްވުން ބުނެއެވެ.
ދެކުނު ސޫދާންގައި ދާޚިލީ ހަނގުރާމަ ހިނގަމުންދަނީ އެގައުމުގެ ސަރުކާރު ސިފައިންނާއި ސަރުކާރާ ދެކޮޅަށް ބަޣާވާތް ކުރަމުންދާ ކުރީގެ ނައިބު ރައީސް ރިކް މުޝާރަށް ތާއީދުކުރާ ހަނގުރާމަވެރިންނާ ދެމެދުގަ އެވެ. ހަތަރު މަސްވީ މިހަނގުރާމައިގާ ދެ ފަރާތުން ވެސް އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާ އަދި ނަސްލު ނައްތާލުމުގެ ޢަމަލުތައް ފުޅާދާއިރާއެއްގައި ހިންގާފައިވާ އިރު މިޖަރީމާތަކުގައި އެތައް ހާސްބަޔަކު މަރާލައި އެތައް ލައްކަބަޔަކު ގެދޮރުން ބޭރުކޮށްލައި ހާލުގައި ޖައްސާފައިވެ އެވެ.
ދެކުނު ސޫދާނުގެ ދާޚިލީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ އެގައުމުގެ ރައީސް ސަލްވާ ކީރު އާއި އިދިކޮޅު ހަނގުރާމަވެރިންގެ ލީޑަރު އަދި ސަލްވާ ކީރުގެ ސިޔާސީ އެންމެ ބޮޑު ހަތުރުވެރިޔާ ކަމަށްވާ ކުރީގެ ނައިބު ރައީސް ރިކް މުޝާރު އެވެ. މިއެއްބަސްވުމުގައި އެދެބޭފުޅުން ސޮއިކުރައްވާފައި ވަނީ އިތިއޮޕިޔާގެ ބޮޑުވަޒީރު ހެއިލީ ދިސަލިން އާއި އެމެރިކާ އާއި ޔޫރަޕްގެ އިއްތިޙާދާ އދ. ގެ މަންދޫބުންގެ ޙާޒިރުގައި މިދިޔަ ހުކުރު ދުވަހު އެޑިސް އަބާބާގަ އެވެ.
ދެކުނު ސޫދާނަށް ސުލްޙަ ގެނައުމުގެ މި އެއްބަސްވުން ވުޖޫދަށް އައިސްފައި ވަނީ އެގައުމުގެ ދާޚިލީ ހަނގުރާމައިގެ ދެފަރާތުގެ މަންދޫބުން އެޑިސްއަބާބާގައި ދައްކަމުން ގެންދިޔަ ސުލްޙައިގެ ވާހަކަތައް ކޮޅެއްގައި ޖެއްސުމަށް ޓަކައި ޔޫރަޕްގެ އިއްތިޙާދާއި އެމެރިކާ އިން ކުރިމަތިކުރި ވަރުގަދަ ފިއްތުންތަކަކާ ގުޅިގެންނެވެ. ސުލްހައިގެ އެއްބަސްވުމުގައި ރައީސް ސަލްވާ ކީރު އާއި އޭނާގެ ހަތުރު ރިކް މުޝާރު ސޮއިކުރެއްވީ އެމެރިކާއާއި ޔޫރަޕްގެ އިއްތިޙާދުން އެދެބޭފުޅުންނަށް ކުރިމަތިކުރި އާދަޔާ ޚިލާފު ފިއްތުންތަކުގެ ސަބަބުންނާއި އެދެބޭފުޅުންނަށް ޝަޚްސީގޮތުން ހުށަހެޅި ބޮޑެތި ހުށަހެޅުންތަކަކާ ވެސް ގުޅިގެން ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް މިކަންތައްތައް ވަނީ ސިއްރު ކުރެވިފަ އެވެ.
ސުލްހައިގެ އެއްބަސްވުމުގައި ސޮއިކުރުމާ އެކު އދ. ން ވަނީ ދެކުނު ސޫދާނުގައި ޙާލުގައިޖެހިފައިވާ އާންމުންނަށް ކާބޯތަކެއްޗާއި ބޭހާއި އެނޫންވެސް އިންސާނީ އެހީގެ ތަކެތި ފޯރުކޮށްދިނުމަށް ބޭނުންވާ ފަސޭހަތައް ދިނުމަށް ދެކުނު ސޫދާނުގެ ސަރުކާރަށާއި އިދިކޮޅު ހަނގުރާމަވެރިންނަށް ގޮވާލާފަ އެވެ. ދެކުނު ސޫދާނުގައި ހައިހޫނުކަން ތަހައްމަލް ކުރަމުން ގެންދާ ބައި މިލިޔަނަށް ވުރެ ގިނަ މީހުން ތިބިކަމަށް އދ. ން ބުނެ އެވެ. (ނޫސްއެޖެންސީތައް)