މިމަހު އޮންނަ ސާކް ފިލްމް ފެސްޓިވަލްގައި ރާއްޖޭން ދިވެހި ފިލްމު، "އިނގިލި" އަދި "ދިލަކަނި" ބައިވެރިކޮށްފި އެވެ.

ޔޫތް މިނިސްޓްރީގެ ކޯޑިނޭޓަރު އަދި ފިލްމީ ތަރި އަބްދުﷲ މުއާޒް މިއަދު ސަން އަށް ވިދާޅުވީ، ސާކް ފިލްމް ފެސްޓިވަލް އޮންނާނީ ލަންކާގެ ކޮޅުނބުގައި މި މަހު 20 އިން 25ގެ ނިޔަލަށް ކަމަށެވެ.

ނޭޝަނަލް ސެންޓާ ފޮ ދި އާޓްސް (އެންސީއޭ)ގައި ފިލްމީ ދާއިރާގެ ކަންކަން ބެއްލެވުމާ ހަވާލުވެހުންނެވި މުއާ ވިދާޅުވީ މިއަހަރު ބައިވެރިކުރާ ފިލްމްތައް މިހާރު ފޮނުވާފައިވާ ކަމަށެވެ.

ފިލްމު "އިނގި" އަކީ މި އަހަރު ބޭއްވި އިލްޝާ ފިލްމް އެވޯޑްގެ އެންމެ މޮޅު ފިލްމަކަށް ހޮވުނު ފިލްމެވެ. އަދި ފިލްމް "ދިލަކަނި" ވެސް ވަނީ ގިނަ އެ ވޯޑްތަކެއް ހޯދައިފަ އެވެ.

މި އަހަރުގެ ފިލްމް އެވޯޑުގައި "އިނގިލި" ވަނީ 14 ދާއިރާއަކުން ނޮމިނޭޓްވެފަ އެވެ. އަދި އެންމެ މޮޅު ފިލްމް އެވޯޑާ އެކު ޖުމްލަ 11 އެވޯޑް ވަނީ އުފުލާލާފަ އެވެ.

އެންމެ މޮޅު ފިރިހެން އެކްޓަރުގެ އެވޯޑް އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) "އިނގިލިން" ހިއްލާލިއިރު އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު ހިފައިގެން ނިކުތީ ރަވީ ފާރޫގް ހަމަ މި ފިލްމުންނެވެ. ފީޗާ ފިލްމް ބައިން އެންމެ މޮޅު ސައުންޑް މިކްސިން އެވޯޑް ޒުވާން ފަންނާނު މުހައްމަދު އިކްރާމް އިނގިލިން ގެންދިޔައިރު އެ ފިލްމުން އެންމެ މޮޅު ސައުންޑް އެޑިޑިން އެވޯޑާއި އެންމެ މޮޅު ސްކޯ އެވޯޑް ވެސް އިކްރާމް ވަނީ ހިއްލާލައިފަ އެވެ. އެންމެ މޮޅު އާޓް ޑައިރެކްޝަންގެ ބައިންންވެސް އެ ފިލް ވަނީ އެވޯޑް ގެންގޮސްފަ އެވެ. އިނގިލިން އެންމެ މޮޅު ސިނެމެޓޯގްރެފީ އެވޯޑް ހުސެއިން މުނައްވަރު ހިއްލާލިއިރު އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭގެ އެވޯޑް މަހުދީ އަހުމަދު ނެގީވެސް ހަމަ އިނގިލިންނެވެ. އެންމެ މޮޅު ފިރިހެން އާ ތަރީގެ އެ ވޯޑް އަލީ ސޮފީހު ސާމިރު ގެންދިޔައިރު އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެ ވޯޑް އަބްދުﷲ މުއާޒް ގެއަށް ގެންދިޔައީ ވެސް އިނގިލިންނެވެ.

ސާކް ގައުމުތަކުން ބައިވެރިކުރާ ފިލްމް ފެސްޓިވަލްއަށްފަހު އޭގެ ތެރޭން އެންމެ މޮޅު ތިން ފިލްމެއް ހޮވާނެ އެވެ.
މިދިޔަ އަހަރު ސާކް ފިލްމް ފެސްޓިވަލްގައި ބައިވެރިކޮށްފައިވަނީ ފިލްމް ލޫދިފާ، ޝަޒާ އަދި އިންސާފު އެވެ.