އުމުރުން އެންމެ 14 އަހަރުގެ ކުޑަކުއްޖަކު ބަލިވެ އިނދެ ދެ ވަނަ ފަހަރަށް ވިހައިފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ ކުއްޖާ ފުރަތަމަ ފަހަރަށް ވިހާފައި ވަނީ އުމުރުން އެންމެ 12 އަހަރުގަ އެވެ. ދެ ވަނަ ފަހަރަށް ވިހާފައި ވަނީ މީގެ ދުވަސްކޮޅެއް ކުރިން އުމުރުން 14 އަހަރުގަ އެވެ.

އެނގިފައިވާ ގޮތުގައި ބަލިވެ އިނދެ ވިހެއި ކުއްޖާ ފުރަތަމަ ފަހަރަށް ރޭޕްކޮށްފައި ވަނީ އެ ކުއްޖާގެ އިތުބާރު ހިފޭ މަގާމެއްގައި ހުރި މީހެކެވެ. ދެ ވަނަ ފަހަރަށް އެ ކުއްޖާ ރޭޕް ކުރި މީހަކު އެނގޭ ގޮތް ވަނީ ނުވެފަ އެވެ.

ކުޑަކުއްޖާ ވިހެއި ތުއްތު ދެ ކުދިންގެ ހާލު ވެސް ރަނގަޅު ނޫން ކަމަށް ސަން އަށް އެނގިފައިވެ އެވެ. އެތަނުން އެއް ކުއްޖަކު ބަލަހައްޓަމުން ދަނީ ވިހެއި 14 އަހަރުގެ ކުއްޖާގެ އާއިލާގެ މީހެއް ކަމަށްވެ އެވެ.

އުމުރުން 12 އަހަރުގައި އެ ކުއްޖާ ފުރަތަމަ ފަހަރަށް ވިހެއުމުން އެ ކުއްޖާ ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދިޔަކަން ނުވަތަ ނޫންކަން ސާފުވާ ގޮތް ވަނީ ނުވެފަ އެވެ.

ކުޑަކުއްޖަކު ދެ ވަނަ ފަހަރަށް ބަލިވެ އިނދެ ވިހާފައިވުން މިއީ ކިހިނެއް ހިނގައި ދިޔަ ކަމެއްތޯ ސާފު ކުރުމަށް ޖެންޑާ މިނިސްޓްރީ އަށް ގުޅުމުން އެ މިނިސްޓްރީން ބުނެފައި ވަނީ ވަކިވަކި މައްސަލަތަކުގެ މައުލޫމާތު މީޑިއާއާ ހާމަ ކުރެވެން ނެތް ކަމަށާއި ލިޔުމުން ހުށަހެޅުމުން މައުލޫމާތު ދޭން ޖެހޭ ފަރާތްތަކަށް މައުލޫމާތު ދޭނެ ކަމަށެވެ.