11 May 2014, 15:16
މި މަހުގެ 19 ވަނަ ދުވަހު ފަށާ އޭއެފްސީ ޗެލެންޖް ކަޕްގައި ތުރުކުމެނިސްތާނާއި ފިލިޕީންސް ކުޅޭ މެޗުގެ ޝަރަފްވެރި މެހެމާނަކަށް ހަމަޖައްސާފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ރަސްމީކޮށް އެ މެޗަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދައުވަތު އަރުވައިފި އެވެ.
މިއަދު ރައްޔިތުންގެ މަޖިލީސްކުރާގޭގައި އޮތް ރަސްމިއްޔާތުގައި މަޖިލީހުގެ ރައީސަށް ދައުވަތާއި ޖާޒީ ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ރައީސް އަދި މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްޙާމް އަހުމަދު އެވެ.
މިއަދުގެ މިރަސްމިއްޔާތުގައި، އެފްއޭއެމްގެ ނާއިބު ރައީސް އަބްދުލް މުހްސިން ހަމީދާއި ގައުމީ ޓީމުގެ މެނޭޖަރުއަހުމަދު މަހްލޫފް އާއި އެފްއޭއެމްގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، މިމުބާރާތަށް އެފްއޭއެމް އިން ވަރަށް ބޮޑަށް ތައްޔާރުވެފައިވާކަމަށާއި އެފްއޭއެމްއިން އިންތިޒާމްތައް ކުރިއަށްގެންދަނީ ވަރަށް ފުރިހަމައަށްކަމަށެވެ. އަދި ދިވެހި ގައުމީ ޓީމުގެ 12 ވަނަ ކުޅުންތެރިއަކީ ކޮންމެ ދިވެހި ރައްޔިތެއްކަމަށާއި ދިވެހިންގެ އުއްމީދު ގައުމީ ޓީމާއި އެކުގައިވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.