އެމެރިކާގެ މަޝަހޫރު މިއުޒިކް ޕްރޮޑިއުސަރ ޑޮކްޓަރ ޑްރޭ ގެ ހެޑްފޯން އުދައްދާ ކުންފުނި ބީޓްސް އިލެކްޓްރޯނިކްސް، 3.2 ބިލިއަން ޑޮލަރަށް ގަތުމަށް އެޕަލް އިންމަޝްވަރާ ކުރެވެމުންދާކަމަށް ދަ ފައިނޭންޝަލް ޓައިމްސް އިން ބުނެފިއެވެ.

ފައިނޭންޝަލް ޓައިމްސް އިން މި ހަބަރު ޝާއިއުކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެއަށް ފަހު މިދިޔަ ބުދަ ދުވަހު ޑޮކްޓްރަ ޑްރޭ ވަނީ، އެޕަލް އިން ބީޓްސް އިލެކްޓްރޯނިކްސް ގަންނަން ނިންމާފައިވާކަން ކަށަވަރުކޮށްދީފައެވެ.

މިކަންތައް ކަށަވަރުކޮށްދެމުން، ފިލްމީތަރު ޓައިރީސް ގިބްސަން ގެ ފޭސްބުކް ޕޭޖް އަށް އަޕްލޯޑް ކުރި ވީޑިއޯއެއްގައި ޑޮކްޓްރ ޑްރޭ ބުނީ އޭނާ އަކީ ހިޕްހޮޕް ލަވަ ކިޔުންތެރެއިންގެ ތެރެއިން އުފެދުނު ފުރަތަމަ ބިލިޔަނަރުކަމުގައިއެވެ.

ނަމަވެސް މި ވީޑިއޯ ޝާއިއު ކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ވަނީ ނަގާފައެވެ. އަދި ބީޓްސް އިލެކްޓްރޯނިކްސް ގަތުމާ މެދު އެޕަލް އިން ރަސްމީ ބަހެއް ނުބުނަނީސް، ޑޮކްޓަރ ޑްރޭ އެކަންތައް ކަށަވަރުވާފަދަ ގޮތަކަށް ވާހަކަދެއްކުން އެއީ އެޕަލް އިން ހިތްހަމަޖެހޭނެ ކަމެއް ނޫންކަމަށް ނޫސްތަކުން ދަނީ ބުނަމުންނެވެ.

އެޕަލް އާއި ބީޓްސް އިލެކްޓްރޯނިކްސް ގެ މެދުގައި ދެކެވެމުން އަންނަ ވާހަކަތައް މި ހަފްތާގެ ތެރޭގައި ނިމުމަކަށް އަންނާނެއެވެ. އަދި އެޕަލް އިން 3.2 ބިލިއަން ޑޮލަރަށް ބީޓްސް އިލެކްޓްރޯނިކްސް ގަނެފިނަމަ، ބީޓްސްވެގެން ދާނީ މިހާތަނަށް އެޕަލް އިން އެންމެ ބޮޑު އަގެއް ދީފައި ގަނެފައިވާ ކުންފުންޏަށެވެ.

ބީޓްސް އިލެކްޓްރޯނިކްސް ގަތުމުގެ ބޭނުމަކީ އެޕަލްގެ މިއުޒިކް އަޑުއެހުމަށް ބޭނުންކުރާ ސާމާނައި އޮންލައިން މިއުޒިކް ސްޓްރީމިންގް ގެ ދާއިރާ ބޮޑަށް ވަރުގަދަ ކުރުމެވެ.މި ދެ ދާއިރާ އަކީވެސް ބޮޑެތި ކުންފުނިތަކުގެ މެދުގައި ވާދަވެރިކަން އިތުރުވެގެންދާނެ ދެ ދާއިރާ ކަމަށް ޓެކްނޮލޮޖީ އިންޑަސްޓްރީގައި ވާހަކަދައްކާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ފައިސާދައްކައިގެން އިންޓްނެޓް މެދުވެރިކޮށް ލަވަ އަޑުއަހާލެވޭ މިއުޒިކް ސްޓްރީމިން ސާވިސް އެއް ބީޓްސް އިލެކްޓްރޯނިކްސް އިން ތައާރަފްކޮށްފައި ވަނީ މި އަހަރުގެ ކުރީކޮޅުއެވެ. ނަމަވެސް އެޕަލް ގެ އައިޓިއުންސް ސްޓޯ އިން މި ހިދުމަތް މިހާރުވެސް ފޯރުކޮށްދެމުން ދާ އިރު، އަދި އެޕަލްގެ އައިޓީއުންސް ސްޓޯ އަކީ ދުނިޔޭގައި ވާ އެންމެ ބޮޑު މިއުޒިކް ކަލެކްޝަން ކަމަށް ވީ އިރު، އެޕަލް އިން ބީޓްސް އިލެކްޓްރޯނިކްސް ގަތުމުގެ ބޭނުމަކީ ކޮބައިތޯ ގިނަ ބަޔަކު ދަނީ ސުވާލުކުރަމުންނެވެ.

“މިއީ ވަރަށް ހައިރާންވާ ކަމެއް. ކުންފުންޏެއް ގަންނަން ބޭނުންވާނީ އަތުގައި ނެތް ޓެކްނޮލޮޖީއެއް ނޫނީ މިހާރު ނެތް ކަސްޓަމަރުންތަކެއް އެ ކުންފުންޏެއްގައި ހުރިނަމަ،” ފޮރެސްޓަރ ކިޔާ ކުންފުންޏެއްގެ އެނަލިސްޓްއެއް ކަމަށްވާ ޖޭމްސް މެކްކުއިވޭ ބުންޏެވެ. އެޕަލް އިން ބީޓްސް އިލެކްޓްރޯނިކްސް ގަތުމުގައި ދެ ކުންފުނިންވެސް ސިއްރުކޮށްފައިވާ ކަންތައްތަކެއް ހުރި ކަމަށް ޖޭމްސް މެކްކުއިވޭ ބުންޏެވެ.

މިދިޔަ ސެޕްޓެމްބަރ މަހުގައި އެންމެ ފަހުން އަގުކުރެވުނުއިރު ބީޓްސް އިލެކްޓްރޯނިކްސް ގެ އަގަކީ 1 ބިލިއަން ޑޮލަރެވެ.