ދައުލަތުން ހުށަހަޅާފައިވާ އަދަދަށް ބަދަލެއް ނުގެނެސް 12.3 ބިލިޔަން ރުފިޔާގެ ބަޖެޓް، އެއް އިސްލާހާއި ހަތަރު ރެކަމަންޑޭޝަނާ އެކު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފި އެވެ.


މަޖިލީހުން ފާސްކުރި އިސްލާހުތަކާ އެކު މުޅި ބަޖެޓް ފާސްކުރުމަށް ރިއާސަތުން ވޯޓަށް އެއްސެވުމުން، އެވަގުތު ޖަލްސާގައި ތިއްބެވި 76 މެންބަރުންގެ ތެރެއިން 69 މެންބަރުން ބަޖެޓް ފާސްކުރުމަށް ވޯޓު ދެއްވި އެވެ. ބަޖެޓް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ ހަތަރު މެންބަރެކެވެ. ބަޖެޓް ފާސްކުރަން ބޭނުންވާ އަދަދަކީ 37 ވޯޓެވެ.


ފަސް އިސްލާހުގެ އިތުރަށް 16 ރެކަމެންޑޭޝަނެއް މެންބަރުން ހުށަހަޅުއްވާފައިވާ އިރު، ވޯޓަށް އައްސަވާފައި ވަނީ އެންމެ އިސްލާހަކަށެވެ. ނަމަވެސް ހަ ރެކަމެންޑޭޝަނަކަށް ވޯޓަށް އެއްސެވިއެވެ. ވޯޓަށް އެއްސެވި އިސްލާހް ވަނީ ފާސްވެފަ އެވެ. އެ އިސްލާހްގައި ވަނީ، އެހެނިހެން އިންފްރާންސްޓްރަކްޗަރަށް ބަޖެޓްގައި ހިމަނާފައިވާ އޮތް ހަތް މިލިޔަން ރުފިޔާ، އުނިކޮށް އިސްލާމިކް މިނިސްޓްރީގެ މިސްކިތްތައް މަރާމާތު ކުރުމުގެ ބަޔަށް އިތުރުކުރާ ގޮތަށް ހުށަހެޅި އިސްލާހު އެކަންޏެވެ. ބަޖެޓަށް ގެނައުމަށް ފާސްކުރި ރެކަމެންޑޭޝަންތަކުގެ ތެރޭގައި ހިމެނެނީ، ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް އެކަމުގެ ބޭނުން ބޮޑުވެފައިވާ ރަށްރަށް އިސްކަންދީގެން ކުރިއަށް ގެންދިއުމަށެވެ.


ރަށްރަށުގެ ކަރަންޓްގެ ހިދުމަތް ތަރައްގީ ކުރުމަށް ބަޖެޓްގައި ހިމަނާފައިވާ 22.3 މިލިޔަން ރުފިޔާ އިން އިންޖީނުގެ ނެތް ރަށްރަށުގައި އެ ހިދުމަތްދޭ ފަރާތްތަކަށް އެހީ ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް އޮތް ރެކަމަޑޭޝަން ފާސްކުރި އެވެ. އަދި ޕީއެސްއައިޕީގެ ދަށުން 2011ގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކާއި ބޭރުގެ ހިލޭ އެހީ އާއި ލޯނު އެހީގައި ހިންގާ މަޝްރޫއުތަކުގެ އިތުރުން، ވަކިވަކި އަމިއްލަ ފަރުދުންގެ އެހީގައި ފައިސާ ކަނޑައެޅިގެން ކުރިއަށް ގެންދާ މަޝްރޫއުތައް ހިނގާ ނުހިނގާ ގޮތް ޑިޕާޓްމަންޓް އޮފް ނެޝަނަލް ޕްލޭނިންގުން ބަލައި ކޮންމެ ތިން މަހުން އެއް މަހު އެ މަޝްރޫއުތަކަށް ކަނޑައެޅިފައިވާ ހަރަދަކުގެ ތަފްސީލާއި އެ މަޝްރޫއުތައް ހިންގާ ގޮތުގެ ފެންވަރާއި މިންވަރު އާއްމުކޮށްދޭ މޮނިޓާ ރިޕޯޓެއް އެޑީޕާޓްމަންޓްގެ ވެބްސައިޓްގައި ޝާއިއުކުރުމަށާއި، ޕީއެސްއައިޕީގެ ޕްރޮގްރާމްގެ ތަފްސީލް، 2012 ވަނަ އަހަރުގެ ބަޖެޓްގައި ހިމެނުނަށް ވެސް ވަނީ ފާސްކޮށްފަ އެވެ.


ބަޖެޓަށް ހުށަހަޅާފައިވާ ހަތަރު އިސްލާހަކާއި 10 ރެކަމެންޑޭޝަނަކީ ގާނޫނު އަސާސީގެ ރޫހާ ހިލާފަށް ހުށަހަޅާފައިވާ ހުށަހެޅުންތަކެއް ކަމަށް ވިދާޅުވެ ރިޔާސަތުން އެ ހުށަހެޅުންތަކަށް ވޯޓަށް އައްސަވައިފައެއް ނުވެ އެވެ. އެކަމާގުޅިގެން އެ ހުށަހެޅުންތައް ހުށަހެޅުއްވި މެންބަރުންވަނީ، ނުރުން ފާޅު ކުރައްވައިފަ އެވެ.