11 May 2014, 14:25
ކޮންމެ އަހަރަކު ރޯދަ މަހާ ދިމާކޮށް ގިނަ މުދާތަކެއް އެއްތަނަކުން ވިއްކުމަށް ބާއްވާ "ވިޔަފާރީގެ ބޮޑު އީދު" ކަމަށްވާ ނައިޓް މާކެޓްގެ މުއްދަތު ހޯމަދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ގޯމީޑިއާ ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރު އަހްމަދު އާމިރު މިއަދު ވިދާޅުވީ ނައިޓް މާކެޓް ފެށި ދުވަސްވަރު ވިއްސާރަވެ މޫސުން ގޯސްވުމުގެ ސަބަބުން ދެތިން ދުވަހަކު ނައިޓް މާކެޓަށް އާންމުންގެ އެހާބޮޑު ތަރުހީބެއް ލިބިފައި ނުވާކަމަށެވެ. އެހެންކަމުން ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން ނައިޓް މާކެޓުގެ މުއްދަތު އިތުރު ކުރީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ނައިޓް މާކެޓް ފެށި ދުވަސްވަރު ވިއްސާރަ ވުމުން އެ ދެތިން ދުވަހު މާކެޓްގެ ވިޔަފާރި ފުދޭވަރަކަށް ދައްވި. އެހެންވީމަ މޫސުން ރީތިވުމުން އާންމުންނަށް އިތުރު ފުރުސަތުވެސް ދޭންވެގެން މި މުއްދަތު އިތުރުކޮށްލީ،" އާމިރު ވިދާޅުވިއެވެ.
"އުނގުޅޭ ބާޒާރު"ގެ ނަމުގައި މަޝްހޫރުވެފައިވާ ބޮޑު ބާޒާރުގައި މިއަހަރު ވެސް ވިޔަފާރިވެރިން ދަނީ ތަފާތު ގިނަ ވައްތަރުގެ މުދާވިއްކަމުންނެވެ. އޭގޭތެރެގައި ބަދިގެއަށް ބޭނުންވާ ސާމާނުން ފެށިގެން ދިރޭ މަހާއި ކުޑަކުދިން ކުޅޭ އެއްޗެއްސާއި އަންނައުނާއި ފައިވާން ފަދަ ތަކެތި ވިއްކަމުން ދާއިރު ކާބޯތަކެއްޗަށް ޚާއްސަ ކެންޓީނުތައް ވެސް ދަނީ ހިންގަމުންނެވެ.
ނައިޓް މާކެޓްގެ މުއްދަތު ހޯމަ ދުވަހުގެ ރޭ 12:00 އަށް އިތުރު ކޮށްފައި ވާއިރު އެހެން އަހަރުތަކާ އަޅާ ބަލާއިރު މާކެޓަށް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފައި ވާކަން ގޯމީޑިއާ އިން ފާހަގަކުރެއެވެ.