ރާއްޖޭގައި މިމަހުގެ 19 ފަށާ އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވާ އައްޑޫ ޒޯން ސްޓޭޑިއަމްގައި ސްރިލަންކާ ސަރުކާރުގެ އެހީގައި ހަރުކުރާ ލައިޓިން ސިސްޓަމް މިއަދު މާލެ ގެނެސްފި އެވެ.

ސަން އަށް ދެއްވި އިންޓަވިއުއެއްގައި ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ، ޒޯން ސްޓޭޑިއަމްގައި ހަރުކުރާ ލައިޓިން ސިސްޓަމަކީ ސްރީލަންކާގެ ކުޅިވަރާ ބެހޭ މިނިސްޓްރީގެ އެހީތެރިކަމާ އެކު ހަރުކުރާ ލައިޓިން ސިސްޓަމެއް ކަމަށާއި އެ ލައިޓިން ސިސްޓަމް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އައްޑޫއަށް ގެންދެވޭނެ ކަމަށެވެ. އަދި އައްޑޫ އަށް ލައިޓިން ސިސްޓަމް ގެންދާތާ ތިން ދުވަސް ތެރޭގައި، ސްޓޭޑިއަމްގައި ލައިޓް ހަރުކުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ވެސް މަލީހު ވިދާޅުވިއެވެ.

"ޒޯން ސްޓޭޑިއަމްގައި ލައިޓިން ސިސްޓަމް ހަރުކުރުމަށްޓަކައި ކުރަންޖެހޭ ސާވޭ ވެސް މިހާރު ވަނީ ހެދިފަ. ލައިޓް ހަރުކުރާ ލަންކާގެ ޓީމް މިރޭ މާލެ އަންނާނެ. މުބާރާތް ފެށުމުގެ ތިން ދުވަސް ކުރިން ލައިޓް ހަރުކޮށް ނިންމާލެވޭނެ" މަލީހު ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ހިތަދޫ ޒޯން ސްޓޭޑިއަމް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން މިހާރު ހުރި، ސިޑިބަރި ދެ ފަރާތުން ބޮޑުކޮށް، ސިޑިބަރީގެ ދަށުގައި އެކިއެކި ކަންކަމަށް ބޭނުން ކުރާނެ ރޫމްތައް މިހާރު ވަނީ ހަދައި ނިމިފައެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ ޗެލެންޖް ކަޕްގެ ގްރޫޕްބީގެ މެޗުތައް އައްޑޫ ޒޯން ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައިވާ އިރު އެ ގްރޫޕްގައި ހިމެނެނީ، ތުރުކުމަނިސްތާނާއި ފިލިޕިންސް އާއި އަފްގާނިސްތާނުގެ އިތުރުން ލާއޯސް އެވެ.

މުބާރާތުގެ ގްރޫޕް ބީގައި އައްޑޫ ސްޓޭޑިއަމްގައި ކުޅޭ ފުރަތަމަ މެޗުގައި މިމަހުގެ 20 ވަނަ ދުވަހު ހަވީރު 4:00 ގައި ބައްދަލުކުރާ ދެ ޓީމަކީ ތުރުކުމަނިސްތާނާއި ލާއޯސްއެވެ. ދެ ވަނަ މެޗުގައި 20 ވަނަ ދުވަހުގެ ރޭ 9:00 ގައި ބައްދަލުކުރާ ދެ ޓީމަކީ ޕިލިޕިންސްއާއި އަފްޣާނިސްތާނެވެ.