ދިރާގުން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ "ދިރާގު މޯލްޑިވްސް ރޯޑްރޭސް"ގައި ބައިވެރިވާ މަދަނީ ޖަމިއްޔާތަކަށް އެއްލައްކަ ރުފިޔާ ދިނުމަށް ނިންމައިފި އެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީނިއާ މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް އެގްޒެކެޓިވް އިބްރާހީމް އިމްޖާދު ޖަލީލު ވިދާޅުވީ، މިއަހަރުގެ ރޯޑް ރޭހުގައި ބައިވެރިވާ ހަ ޖަމިއްޔާއަކަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އެހީއެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ދިރާގު ރޯޑް ރޭހުގައި މިފަހަރު ބޭނުންކުރާ ޓީޝާޓް 30ރ. އަށް ވިއްކުމަށް ނިންމާފަިއވާއިރު އެޓީޝާޓް ވިއްކައިގެން ލިބޭ ފައިސާވެސް އެ ޖަމިއްޔާތަކަށް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށް އިމްޖާދު ވިދާޅުވި އެވެ.

ދިރާގު ރޯޑް ރޭހުގައި މިފަހަރު ބަިއވެރިވާ ޖަމިއްޔާތަކަކީ "ޓައިނީ ހާޓްސް" އާއި "އާކް"ގެ އިތުރުން "ކެންސާ ސޮސައިޓީ" އާއި "ކެއާ ސޮސައިޓީ" އާއި "ފިޒިކަލް ޑިޒޭބަލްސް" ގެ އިތުރުން "ޑައިބެޓިކް އެސޯސިއޭޝަން" އެވެ.

މިއަދު ދިރާގުން ބޭއްވި ހަފްލާގައި އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރެތަންސް އެންޑް ޑިސްޓެންސް ރޭސަސް (އެއިމްސް)ގެ ވައިސް ޕްރެސިޑެންޓް ޑޭވް ކުންޑީ ބައިވެރިވެ ވަޑައިގަތެވެ.

ދިރާގުގެ މިއަހަރުގެ ރޯޑްރޭސް ކުރިޔަށް ގެންދިޔުމަށް ނިންމާފައި ވަނީ ޖުމްލަ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއީ ފަސް ކިލޯމީޓަރުގެ ބަޔަކާއި 10 ކިލޯމީޓަރުގެ ބައެކެވެ. އެގޮތުން ފަސް ކިލޯމީޓަރުގެ ބައި ހަތަރު ކެޓަގަރީއަކަށް ބަހާލާފައި ވާއިރު 10 ކިލޯމީޓަރުގެ ބައިގައި ބައިވެރިވެވެނީ 16 އަހަރުން މަތީގެ މީހުންނަށެވެ. އަދި ފަސް ކިލޯމީޓަރުގެ ބައިން ދެ ކެޓަގަރީއަކުން އެއްވަނައަށް ދާ ފަރާތަކަށް 6000ރ ގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައި ވާއިރު އެހެން ކެޓަގަރީތަކުންވެސް ވަނަވަނައަށް ހޮވޭ ފަރާތްތަކަށް ތައްޓާއި ހަނދާނީލިޔުން ދިނުމަށް ވަނީ ނިންމާފަ އެވެ.

ތީމެއްގެ ގޮތުގައި "ހެލްޕް ޕްރޮޓެކްޓް ޗިލްޑްރަން" ހަމަޖައްސާފައިވާ ރޯޑް ރޭސް ޖޫންމަހުގެ ހަ ވަނަ ދުވަހު ހަވީރު ރާޅުގަނޑު ސަރަހައްދުގައި ބާއްވާއިރު ރޭހުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.