ކޮރަޕްޝަންސްގެ މައްސަލައެއް އުޅޭ ކަމަށް ބުނެ އެތަކެއް ސަތޭކަ މިލިއަން ރުފިޔާއެއްގެ މަޝްރޫއުތައް އެންޓި ކޮރަޕްޝްންސް ކޮމިޝަނުން ހުއްޓުވާފައި ހުއްދަ ނުދީ ލަސްކުރަމުން ގެންދާ ނަމަ އެކަމުގެ ގެއްލުން ސަރުކާރުން އުފުލަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ތުލުސްދޫގެ ބިން ހިއްކުމުގެ މަޝްރޫއު ރަސްމީކޮށް ފެށުމުގެ ގޮތުން މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ބޮޑު މަޝްރޫއެއް ހިނގަމުންދާ އިރު އެ މަޝްރޫއެއްގައި ކޮރަޕްޝަންސްގެ މައްސަލައެއް އުޅޭ ކަމުގައިވާ ނަމަ އެ މައްސަލައެއް ބަލައި ނިމެންދެން އޭސީސީ އިން ނިންމާ ގޮތަކަށް މި ސަރުކާރުން ތަބާވެ މަރުހަބާ ކިޔާނެ ކަމަށެވެ.

ނަމަވެސް އޭސީސީ އިން ބަލަމުން ގެންދާ އެތަކެއް ސަތޭކަ މިލިއަން ރުފިޔާގެ މައްސަލަ ވަކި މުއްދަތެއްގެ ތެރޭގައި ބަލައި ނިންމުމަށް ރައީސް އިލްތިމާސްކުރެއްވި އެވެ.

"އޭސީސީ އިން އެކިއެކި މަޝްރޫއުތައް ހިފެހެއްޓެވީމާ ސަރުކާރަށް އުނގަދޫވޭ. ސަރުކާރަށް ދަތިވޭ އަދި ރައްޔިތުންނަށް ހިދުމަތްދޭން ވެސް ދަތިވޭ. އޭސީސީ އިން ކުރަމުން ގެންދާ މަސައްކަތްތަކަކީ ގާނޫނީ ގޮތުން އޭސީސީ އަށް ކުރުން ލާޒިމު ކުރާ ކަންކަން. ނަމަވެސް އޭސީސީ އަށް އިލްތިމާސްކޮށްލަން ބޭނުން ވަނީ އެތަކެއް ސަތޭކަ މިލިއަން ރުފިޔާގެ ޕްރޮޖެކްޓް މިގޮތަށް ހިފެހެއްޓިގެން ދިޔައީމާ އަދި އެ މަޝްރޫއުތަކަށް ހުއްދަ ނުދެއްވައި ލަސްވާ ކަމަށް ވަންޏާ ސަރުކާރަށް އޭގެ ގެއްލުން އުފުލަންޖެހޭ. އަދި އޭސީސީ އިން ހިފެހެއްޓޭ މަޝްރޫއުތައް ވެސް ކުރިއަށްދެވޭނެ މުއްދަތެއް ކަނޑައަޅަައި ކުރިއަށް ދެވޭނެ ގޮތެއް ކަނޑައަޅައި މުއްދަތަކެއްގެ ތެރޭގައި އެ ކުރައްވާ ތަހުގީގެއް އެބަ ނިންމަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

ކޮރަޕްޝަންގެ މައްސަލައެއްގެ ތުހުމަތުގައި އޭސީސީ އިން އެއް ފަހަރަށް ވުރެ ގިނަ ފަހަރު ބައެއް މަޝްރޫއުތައް ހިފަހައްޓަވާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެކަންކަން އެ ނޫން ގޮތަކަށް ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ވިސްނަންޖެހޭ ކަމަށެވެ. ނަމަވެސް އޭގެ މަނާއަކީ އެކަންކަމަކީ ހުއްޓުވަން ނުޖެހެއެކޭ ނޫން ކަމަށާއި މިސަރުކާރުން ކޮރަޕްޝަނަށް ހިތްވަރުނުދެއްވާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

ބޮޑެތި މަސައްކަތްތަކަށް މަގުފަހިވާ ބިލެއް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅުއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވިދާޅުވީ ސިޔާސީ ވާދަވެރިންނަށް ފާރަލުމަކީ މިސަރުކާރުން ކުރާނެ މަސައްކަތެއް ނޫން ކަމަށާއި ކޮރަޕްޝަންގެ މައްސަލަތަކެއް އުޅޭ ނަމަ އެކަންކަން ބެލުމަށް އޭސީސީ އިން ކުރާ މަސައްކަތަކީ ސަރުކާރުން ކުރާ ކަމެއް ކަަމަށެވެ. އަދި އޮޑިޓާ ޖެނެރަލް ނެރުއްވާ ރިޕޯޓްތަކަކީ ވެސް އެއްވެސް ހާލެއްގައި ސަރުކާރުން ހިތްވަރުދީގެން ނެރޭ ރިޕޯޓެއް ނޫން ކަމަށާއި އެ ފަރާތްތަކުން އަދާކުރަމުން ގެެންދަނީ އެފަރާތްތަކުގެ ގާނޫނީ މަސްއޫލިއްޔަތެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އޮޑިޓާ ޖެނެރަލް ނެރުއްވާ ރިޕޯޓުގައި ގާނޫނާ ހިލާފަށް ކަމެއް ހިންގާފައިވާ ނަމަ އަދި ރައްޔިތުން ނުރުހޭ ގޮތަކަށް ކަންކަން ހުރި ނަމަ މިސަރުކާރުން އެކަންކަން ބަލައިގެންނާނެ ކަމަށާއި އެކަންކަން އިސްލާހު ކުރައްވާނެ،" ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ތުލުސްދޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ނިމިގެންދާ އިރު ރަށުގެ ބޭރު ތޮށި ލުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށާއި މި އަހަރު ނިމެންވާއިރަށް ތުލުސްދޫގެ ބަންދަރުގެ މަސައްކަތް ކުރުމަށް ޓެންޑާކުރައްވާނެ ކަމަށެވެ.

ތުލުސްދޫގެ ބިން ހިއްކުމުގެ މަޝްރޫއަކީ 10 މިލިއަން ޑޮލަރު ހަރަދުކޮށްގެން ނެދަލެންޑްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ އެއްބަސްވުމުގެ ދަށުން އެ ރަށުގެ ބިމަށް 33 ހެކްޓަރުގެ އިތުރުކޮށް، 21 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ވަނީ ހަމަޖައްސައިފަ އެވެ.