11 May 2014, 13:24
ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާ ޔުނިވާސިޓީއަކަށް ބަދަލުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މެމޯރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ)އެއްގައި ކުއްލިއްޔާ އާއި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް)އާ ދެމެދު ސޮއިކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީގައި މިއަދު އޮތް އެ ރަސްމިއްޔާތުގައި ކުއްލިއްޔާގެ ފަރާތުން ސޮއިކުރެއްވީ، އެ ކޮލެޖުގެ ރެކްޓަރު ޑރ. އިބްރާހީމް ޒަކަރިއްޔާ އެވެ. އަދި އައިއައިޔޫއެމްގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ޑެޕިއުޓީ ރެކްޓަރު ޕްރޮފެސަރު ޑރ. އަބްދުލް އަޒީޒު ބަރުގޫސް އެވެ.
މިއަދު ގާއިމު ކުރެވުނު އެއްބަސްވުމާ ބެހޭގޮތުން އިސްލާމިކް މިނިސްޓްރީން ބުނީ، ކުއްލިއްޔާއާ މެލޭޝިޔާގެ އިސްލާމިކް ޔުނިވާސިޓީއާ ދެމެދު މި ކުރެވުނު އެއްބަސްވުމުގެ ދަށުން، ކުއްލިއްޔާ ޔުނިޔާ ސިޓީއަކަށް ބަދަލުކުރުމަށް ބޭނުންވާ އެކިއެކި ފަންނީ އެހީތެރިކަން އައިއައިޔޫއެމްގެ ފަރާތުން ފޯރުކޮށްދޭނެ ކަމަށެވެ. އަދި ކުއްލިއްޔާ ޔުނިވާސިޓީއަކަށް ބަދަލުވުމުން އެތަނަށް ބޭނުންވާ ލެކްޗަރާ އިން ތަމްރީނު ކުރުމާއި ޔުނިވަސިޓީގެ ކޯސްތައް ފަރުމާ ކުރުންފަދަ ކަންކަމުގައި އައިއައިޔޫއެމް އިން އެހީތެރިވެދޭނެ އެވެ.
ކުއްލިއްޔާ ޔުނިވާސިޓީއަކަށް ބަދަލުކުރުމަށް ހަދަންޖެހޭ ފީސިބިލިޓީ ސްޓަޑީ އާއި ސްޓްރެޓެޖިކް ޕްލޭން އަދި ކީ ޕާފޯމެންސް އިންޑެކްސް (ކޭޕީއައި) އެއް އެކުލަވައިލުމަށްޓަކައި ކުއްލިޔާގެ 34 މުވައްޒަފަކާ އެކު އިސްލާމިކް ޔުނިވާސިޓީގެ ޕްރޮފެސަރުން ވަނީ ދެދުވަހުގެ މަސައްކަތު ބައްދަލުވުމެއް ވެސް އިއްޔެ ފަށައިފަ އެވެ.
އަދި ހަމަ އެހެންމެ ކުއްލިއްޔާ ޔުނިވާސިޓީއަކަށް ބަދަލުކުރުމަށް ޓަކައި، އެޑިއުކޭޝަން މިނިސްޓްރީ އާއި ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒް އާއި ރައީސް އޮފީސް ތަމްސީލުކުރާ ގޮތަށް މަތީ ފެންވަރުގެ ހާއްސަ ކޮމެޓީއެއް އެކުލަވާލައި ބައްދަލުވުންތަކެއް ވެސް މިހާރު ވަނީ ފަށައިފަ އެވެ.