އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގައި ދިވެހި ރާއްޖޭގެ ގައުމީ ޓީމް ކުޅޭ މެޗުތައް ބެލުމަށް ވީހާ ވެސް ގިނަ ދިވެހި ސަޕޯޓަރުން ދަނޑަށްވަދެ، ދިވެހި ޓީމަށް ހިތްވަރުދިނުން ވަރަށް މުހިންމު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ، އޭއެފްސީ ޗެލެންޖް ކަޕްގެ ދެ ވަނަ މެޗް ޝަރަފްވެރިކުރުމަށްޓަކައި އެފްއޭމުން ދެއްވި ދައުވަތު ގަބޫލުފުޅު ކުރެއްވުމަށް ފަހު، މީޑިއާ އަށް ދެއްވި އިންޓަވިއުގަ އެވެ.

ނަޝީދު އަމިއްލަ ގެކޮޅު، ގ. ކެނަރީގޭގައި މީގެ އިރުކޮޅެއް ކުރިން މީޑިއާއާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ، އޭއެފްސީ ޗެލެންޖް ކަޕުގައި ރާއްޖެ ކުޅޭ މެޗެއްގެ ޝަރަފްވެރި މެހެމާނަކަށް ދައުވަތު ދިނުމުން ވަރަށް އުފާފުޅުވެވަޑައިގަންނަވާ ކަމަށާއި މިއީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި މިދަޑިވަޅުގައި އެފްއޭއެމްގެ އެންމެހާ ވެރިންނަށް ޝުކުރު ދަންނަވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"މުބާރާތް ކާމިޔާބު ކުރުމަށް އެފްއޭއެމްއިން ކުރަމުން އަންނަ މަސައްކަތަށް ވަރަށް ޝުކުރު ދަންނަވަން. އިރާދަކުރެއްވިޔާ އަޅުގަނޑުމެންގެ ގައުމު މިފަހަރުގެ މުބާރާތުގައި ކާމިޔާބު ހޯދާނެ." ނަޝީދު ވިދާޅުވި އެވެ.

މިއަދު އޮތް ރަސްމިއްޔާތުގައި އެފްއޭއެމްގެ ރައީސް އިލްހާމް އަހުމަދު ވަނީ ރައީސް ނަ ޝީދަށް މުބާރާތުގެ ދެވަނަ މެޗް ޝަރަފްވެރި ކޮށްދެއްވުމަށް އެދި ދައުވަތު އަރުވާފަ އެވެ. އަދި މުބާރާތުގައި ގައުމީ ޓީމުން ބޭނުން ކުރާ ޖާޒީ ނަޝީދާ ހަވާލު ކޮށްދެއްވީ ޓީމުގެ މެނޭޖަރު އަހުމަދު މަހުލޫފް އެވެ.

އޭއެފްސީ ޗެލެންޖް ކަޕް ހުޅުވާ މެޗުގައި މި މަހުގެ 19 ވަނަ ދުވަހުގެ ރޭ 9:00 ޖަހާއިރު ބާއްދަލުކުރާ ދެ ޓީމަކީ ރާއްޖެ އާއި މިޔަންމާ އެވެ. އަދި އެދުވަހުގެ ހަވީރު 4:00 ޖަހާއިރު ބައްދަލުކުރާ ދެޓީމަކީ ފަލަސްތީނާއި ކިރްގިސްތާނެވެ. މުބާރާތުގައި ރާއްޖެ ވާދަކުރާ ދެ ވަނަ މެޗުގައި މިމަހުގެ 21 ވަނަ ދުވަހުގެ ރޭ 9:00 ޖަހާއިރު ނިކުންނާނީ، ކިރްގިސްތާނާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މިމަހު 23 ވަނަ ދުވަހުގެ ރޭ 9:00 ޖަހާއިރު ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ.