ފުރުގާން މިސްކިތުގެ މަސައްކަތް ލަސްވެފައި ވަނީ އޮފީސް އޮފް ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓް (އޯޕީޕީ)ގެ ސަބަބުން ކަމަށް އެ މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައިވާ މާރިސް ކޮންސްޓްރަކްޝަނުން ބުނެފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން މާރިސް ކޮންޓްރަކްޝަންގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވީ ފުރުގާން މިސްކިތުގެ މަސައްކަތް ކުރަނީ އަމިއްލަ ތަކެތީގައި ކަމަށާއި ތަކެތި ގަނެވޭނީ އެކަމަށް ބޭނުންވާ ފައިސާ ސަރުކާރުން ލިބުމުން ކަމަށެވެ. އަދި ވިދާޅުވީ ފައިސާ ލިބުން ލަސްވެފައި ވަނީ އޯޕީޕީ އަށް އެކުންފުނިން ހުށަހެޅި ބިލްތައް އެޕްރޫވްކުރުން ލަސްވުމުގެ ސަބަބުން ކަމަށެވެ.

"ހައުސިން މިނިސްޓްރީން ބޭނުންވޭ ކިތަންމެ އަވަހަށް ވެސް މަސައްކަތް ނިންމަން. އެކަމަކު މިނިސްޓްރީން ބޭނުންވިޔަސް އޯޕީޕީ އިން ބިލްތައް އެޕްރޫވްކުރުން ލަސްވާނަމަ ކިހިނެތްތޯ މަސައްކަތް އަވަހަށް ނިންމޭނީ. އޯޕީޕީގެ ނުކުޅެދޭކަމުން އެ މިސްކިތުގެ މަސައްކަތް ނުނިމި ލަސްވެފައި ވަނީ،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުންފުނިން އޯޕީޕީއަށް ހުށަހެޅި ބިލްތަކުގެ ތެރެއިން އެންމެ ބިލެއްފިޔަވައި އެހެން ހުރިހާ ބިލްތައް މިހާރު އެޕްރޫވްކޮށްފައިވާ ކަމަށެވެ. އަދި އެ ބިލްތަކަށް ސަރުކާރުން ފައިސާ ވެސް ލިބެމުން އަންނަ ކަމަށާއި އެހެންކަމުން މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.

ރޯދަމަސް ފެށެންވާއިރަށް އެ މިސްކިތުގެ މަސައްކަތް ނިންމާލެވޭތޯ އެކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ފުރުގާން މިސްކިތުގެ މަސައްކަތް އެންމެ ފުރަތަމަ ސަރުކާރުން ހަވާލުކުރީ ވިމްލާ ކޮންސްޓްރަކްޝަނާ އެވެ. ނަމަވެސް ސަރުކާރުން އަންގާފައިވާ މުއްދަތުގައި މަސައްކަތް ނިންމާފައި ނުވާތީ އެކުންފުނީގެ ކިބައިން އެތަން ވަކިކުރުމަށްފަހު މާރިސް ކޮންސްޓަކްޝަނާ އެ މަސައްކަތް ހަވާލުކުރީ 2011 ވަނަ އަހަރުގެ މާޗް މަހުގެ 14 ވަނަ ދުވަހު އެވެ.