11 May 2014, 12:40
ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލޭގެ ސާނަވީ ސްކޫލްތަކަށް އަމާޒުކޮށްގެން ޖުވެނައިލް ކޯޓާއިމެދު ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް ބާއްވައިފި އެވެ.
ޖުވެނައިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އެ ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައި ވަނީ އިއްޔެ ހެނދުނު 9:00 އިން ފެށިގެން މެންދުރުފަހު 3:30 އަށް ކަމަށެވެ. އެގޮތުން މާލޭގެ ސާނަވީ ސްކޫލްތަކުން 16 ދަރިވަރުންނާއި، ތިން ޓީޗަރުން އެ ޕްރޮގްރާމްގައި ބައިވެރިވެފައިވާ ކަމަށް ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.
އެ ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ، ޖުވެނައިލް ކޯޓަކީ ކޮބައިކަމާއި، ޖުވެނައިލް ކޯޓުން ކުރާ މަސައްކަތްތަކާއިމެދު ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުން ކަމަށް އެ ކޯޓުން ބުންޏެވެ.
އެ ޕްރޮގްރާމް ކުރިޔަށް ގެންދިއުމުގައި ކޯޓުން ކުރާ މަސައްކަތްތަކާއި ކޯޓާއިބެހޭ މައުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަނެއް ދަރިވަރުންނަށް ހުށަހަޅައިދީފައި ވެއެވެ.
"ޕްރެޒެންޓޭޝަނަށްފަހު، ދަރިވަރުންނާއި ދަރިވަރުންނާ ހަވާލުވެގެން ވަޑައިގެން ތިއްބެވި މުދައްރިސުންނަށް ސުވާލާއި ޖަވާބުގެ ވަގުތުކޮޅެއް ދެވުނު. އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަޑުބަދަލުކޮށްގެން ކޯޓުގައި ހެކިބަސް ނެގެމުންދާގޮތް ދަރިވަރުންނަށާއި މުދައްރިސުންނަށް ދައްކާލެވުނު. އަދި އެއަށްފަހު، ދަރިވަރުންނާއި މުދައްރިސުންނަށް ކޯޓުތެރެ ދައްކާލެވުނު،" އޮފިޝަލް ވިދާޅުވި އެވެ.
ޖުވެނައިލް ކޯޓަކީ ހަމައެކަނި ކުޑަކުދިންކުރާ ޖިނާއީ މައްސަލަތައް ބެލުމުގެ އިހްތިސޯސްލިބިގެންވާ ކޯޓެކެވެ.