10:00


މައިގަނޑު ފަސް ދާއިރާއަކުން ރާއްޖެއަށް އެހީތެރިކަން ހޯދުމުގެ މަގުސަދުގައި ބާއްވާ "މޯލްޑިވްސް ޑޯނަރ ކޮންފަރެންސް 2010" ބަނޑޮހުގައި މިއަދު ހެނދުނު ފަށައިގެން ކުރިއަށް އެބަދެ އެވެ.


ފިނޭންސް މިނިސްޓްރީގެ ޕަރމަނަންޓް ސެކެޓްރީ އިސްމާއިލް ޝަފީގް ވިދާޅުވީ، މި ބައްދަލުކުރެއްވުމުގައި ޖުމްލަ 173 މަންދޫބުން ބައިވެރިވެވަޑައިގަންނަވާއިރު އޭގެ ތެރޭގައި 90 އަށްވުރެ ގިނަ ގައުމުތަކާއި އަދި ޖަމާއަތްތަކުގެ މަންދޫބުން ހިމެނިވަޑައިގަންނަވާ ކަމަށެވެ.


ރާއްޖެއަށް މާލީ އެހީތެރިކަމާއި އެހެނިހެން ޓެކްނިކަލް އެހީތައް ހޯދުމަށް ހަމަޖެހިފައިވާ ފަސް ދާއިރާއަކީ، ރާއްޖޭގެ އިގްތިސާދު ނުވަތަ މެކްރޯ އިކޮނޮމީ އިސްލާހުކުރުމާއި، ޕަބްލިކް ސެކްޓަރ އިސްލާހުކުރުމާއި، ޑިމޮކްރެޓިކް ވެރިކަން ކުރިއެރުވުމާއި،  މޫސުމީ ބަދަލުތަކުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް ފިޔަވަޅު އެޅުމުގެ އިތުރުން ހިއުމަން ރިސޯސް ހަރުދަނާ ކުރުން ކަމަށް ޝަފީގް ވިދާޅުވި އެވެ.


މި ބައްދަލުކުރެއްވުމުގައި ބައިނަލްއަގްވާމީ ބޮޑު ޖަމިއްޔާތައް ކަމުގައިވާ އ.ދ އާއި ، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ އިތުރުން ވޯލްޑް ބޭންކު އަދި އިންޓަނޭޝަނަލް މޮނިޓަރީ ފަންޑުގެ އިސް ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ. އަދި އެކި ގައުމުތަކުގެ ސަފީރުންނާއި ސަރުކާރުގެ އިސް އޮފިޝަލުންވެސް މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.