11 May 2014, 11:59
ގދ. އަތޮޅު ވެލަގަލާގިރި ކައިރިއަށް އެންދަމަން ގޮސް އުޅުނު މީހަކު މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މަރުވެފައި ވަނީ އުމުރުން 24 އަހަރުގެ ތިނަދޫ މީހެއް ކަމަށެވެ.
ނަމަވެސް އޭނާ މަރުވާން ދިމާވި ސަބަބެއް ސާފެއްނުވެ އެވެ.
މަރުވި މީހާގެ ހަށިގަނޑުގެ ބޭރުފުށުން ފާހަގަ ކުރެވޭ ވަރުގެ އެއްވެސް ޒަހަމެއް ފެންނަން ނެތް ކަމަށް ތިނަދޫގައި ހުންނަ ޑޮކްޓަރު އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނެ އެވެ. އެ ހޮސްޕިޓަލުން ބުނެފައި ވަނީ އެމީހާ ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެހާދިސާ ހިނގާފައި ވަނީ ގދ. ތިނަދޫގައި ދުއްވާ ދޯންޏަކުން އެ އަތޮޅު މަޑަވެލި ކައިރީގައި އޮންނަ ވެލަގަލާ ގިރިއަށް މިއަދު ހެނދުނު ވަގުތެއްގައި އެންދެމުމަށް ގޮސް ދޯނީގެ މީހުން މޫދަށްއެރި އުޅެނިކޮށް ކަމަށެވެ. އަދި 24 އަހަރުގެ އެ މީހާގެ ހަބަރެއް ނުވުމުން ދޯނީގައި ތިބި މީހުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް ފެނިފައި ވަނީ 23 މީޓަރު އަޑިން ކަމަށް ފުލުހުން ބުނެ އެވެ.
މަރުވި މީހާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ އެ ދޯނީގައި މަސައްކަތްކުރާ މީހުންގެ އެހީތެރިކަމާއެކު އެވެ.