11 May 2014, 11:53
ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުގައި ބޭފުޅަކު ނެތް އިރު ކޯޓުތަކަށް ވަޑައިގެން ދައުލަތުގެ ނަމުގައި ވަކާލާތު ކުރެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ޕީޖީ އޮފީހުގެ ވަކީލުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ދަންނަވައިފި އެވެ.
ޕީޖީ އޮފީހުގެ ވަކީލުން ރައީސް ޔާމީނަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ޝަރުއީ ކޯޓުތަކުގައި ހިނގާ ޖިނާއީ މައްސަލަތަކުގައި ދައުލަތް ތަމްސީލްކުރާނެ ފަރާތަކީ ޕްރޮސިކިއުޓާ ޖެނެރަލް ނުވަތަ އޭނާ ކަނޑައަޅާ ފަރާތެއް ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެބޭފުޅުން ކޯޓުތަކަށް ވަޑައިގަންނަވަން އުޒުރުވެރިވެވަޑައިގަންނަވަނީ ޕީޖީ އަކު ނެތް ހަލާތެއްގައި ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހައިސިއްޔަތު ގާނޫނީގޮތުން އެބޭފުޅުންނަށް ލިބިފައިނުވާތީ ކަމަށް އެ ސިޓީގައި ވިދާޅުވެފައި ވެއެވެ.
"ކޯޓުތަކުގައި ދައުލަތް ތަމްސީލުކުރަން ޕްރޮސިކިއުޓަރ ޖެނެރަލެއް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރާނެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލެއް އެމަގާމުގައި ނެތި، އަޅުގަނޑުމެންނަށް ގާނޫނީ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލް ތަމްސީލުކުރެވިދާނެ ކަމަށް ގާބޫލުނުކުރެވޭތީ، ޖިނާއީ މައްސަލަތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ނަމުގައި ދައުލަތް ތަމްސީލުކުރަން ކޯޓުތަކަށް ހާޒިރުވެވިދާނެކަމާ މެދު ސުވާލު އުފެދިފައިވާތީ، 06 މެއި 2014 ދުވަހުން ފެށިގެން އަޅުގަނޑުމެން ކޯޓުތަކަށް ހާޒިރުނުވަމެވެ،" ޕީޖީ އޮފީހުގެ ވަކީލުންގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.
އެ ސިޓީގައި ވަކީލުން ވިދާޅުވެފައި ވަނީ އެ ނިންމުން ނިންމަންޖެހުނީ ގާނޫނު އަސާސީއާއި ޕްރޮސިކިއުޓާ ޖެނެރަލްގެ ގާނޫނުގައި ބަޔާންކުރެވިފައިވާ ގާނޫނީ އިމުގެ ތެރެއިން ނޫންގޮތަކަށް ޕްރޮސިކިއުޓާ ޖެނެރަލްއާ ގާނޫނުއަސާސީން މަތިކުރެވިފައިވާ މަސްއޫލިއްޔަތުގެ "އެއްވެސް މިންވަރެއް އެއްވެސް ސިފައެއްގައި" ތަންފީޒުކުރެވިދާނެކަމަށް ނުދެކޭތީ ކަމަށެވެ.
އެ ބޭފުޅުންނަކީ ޕްރޮސިއުޓާ ޖެނެރަލްގެ ގާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކުރެވިގެންވާ ހަމަތަކުގެ މަތިން ޕީޖީ އޮފީހަށް އައްޔަން ކުރެވިފައިވާ މުވައްޒަފުން ކަމަށާއި ގާނޫނުގައި ކަނޑައެޅިފައިވާ ހަމަތަކުގެ މަތީން ނޫންގޮތަކަށް އަދި އެބޭފުޅުންނަކީ ހަމައެކަނި ޕީޖީ އޮފީހުގެ މުވައްޒަފުންނަށް ވީތީ ޕްރޮސިކިއުޓާ ޖެނެރަލްގެ މައްޗަށް ގާނޫނުއަސާސީން މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރެވިދާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް އެ ސިޓީގައި ވިދާޅުވެފައި ވެއެވެ.
"ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސައްކަތް އެހެން ފަރާތަކާ ހަވާލުކުރެވޭނެ ގޮތް ގާނޫނުއަސާސީގެ 224 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އެމަސައްކަތްތައް ހަވާލުކުރެވެން ޖެހެނީ ލިޔުމަކުން ކަމަށާއި، އަދި އެމަސައްކަތް ކުރެވެންޖެހޭނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އިރުޝާދުގެ ދަށުންކަން އެނގެއެވެ. އަދި އެފަދައިން ލިޔުމަކުން ޙަވާލުކުރެވިފައިވާ މަސައްކަތް އެލިޔުމެއްގައި ހަވާލުކުރެވިފައިވާ މިންވަރަށް މެނުވީ އަދާ ނުކުރެވޭނެކަން، ޕްރޮސިކިއުޓަރ ޖެނެރަލްގެ ގާނޫނު ގެ 17 ވަނަ މާއްދާގެ (ށ) އިން އެނގެން އޮންނާތީ، މިހާލަތުގައި އައްޔަނު ކުރެވިފައިވާ ޕްރޮސިކިއުޓަރ ޖެނެރަލެއް ނެތި، އެފަރާތަށް ގާނޫނުއަސާސީން މަތިކޮށްފައިވާ އެއްވެސް މަސައްކަތެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނަށް ވީތީ، އަޅުގަނޑުމެންނަށް އަދާކުރެވިދާނެކަމަށް ގަބޫލެއް ނުކުރެވެއެވެ،"
އެ ސިޓީގައި އިތުރަށް ވިދާޅުވެފައި ވަނީ މިހާލަތަކީ ޒަރޫރަތުގެ ހާލަތެއް ކަމަށް ބަލައި، އިސްތިސްނާއީ ގޮތެއްގައި ގާނޫނުއަސާސީއާއި ޕްރޮސިކިއުޓާ ޖެނެރަލްގެ ގާނޫނުގައި ކަނޑައަޅާފައިވާ ހުދޫދުން ބޭރުން، ޕްރޮސިކިއުޓާ ޖެނެރަލްގެ މައްޗަށް ގާނޫނުއަސާސީން ލާޒިމްކޮށްފައިވާ ކަންކަން ތަންފީޒުކުރެވިދާނެ ކަމަށް އެބޭފުޅުން ނުދެކޭ ކަމަށެވެ.
އެ ސިޓީގައި ވިދާޅުވެފައި ވަނީ ޕީޖީގެ މަގާމް ހުސްވާތާ 30 ދުވަހުގެ ތެރޭގައި އެމަގާމަށް ބޭފުޅަކު އައްޔަން ކުރަން ގާނޫނު އަސާސީ ލާޒިމްކުރާ ކަމަށެވެ. އަދި އެމަސްއޫލިއްޔަތު އަދާކުރުމުގެ ޒިންމާއާ ހަވާލުކުރެވިފައިވާ ފަރާތްތަކުން ތިބީ އެޒިންމާ އަދާކުރެވޭނެ ފަދަ ހާލަތެއްގައި ކަމަށް ވެސް އެ ސިޓީގައި ވިދާޅުވެފައި ވެއެވެ.
ކަން އެގޮތަށް އޮތްއިރު، މިއަދާ ހަމައަށް ވެސް ޒިންމާ ހަވާލުކުރެވިފައިވާ ފަރާތްތަކުން ޒިންމާ އަދާނުކޮށް ޒަރޫރަތުގެ ހާލަތެއް މެދުވެރިވެއްޖެކަމަށް އިއުލާންކޮށް، ގާނޫނީ ހުދޫދުގެތެރެއިން ކުރުމަށް ކަނޑައަޅާފައިވާ ކަންކަން އެ ނޫންގޮތަކަށް ކުރުމަށް އެބޭފުޅުންނަށް މަޖުބޫރުކުރެވިދާނެ ކަމަށް ނުދެކޭ ކަމަށް ވެސް ޕީޖީގެ ވަކީލުން ރައީސަށް ދަންނަވާފައި ވެއެވެ.
"އަޅުގަނޑުމެން މި މަސައްކަތް ކުރުމުގައި އިޚުލާސްތެރިކަމާއި އަމާނާތްތެރިކަމާއި ޒިންމާދާރުކަމާ އެކު ދެމިތިބީމުއެވެ. އަދި ދެންވެސް އެގޮތުގައި ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަމެވެ. ދިމާވެފައިމިވާ ހާލަތަށް ހައްލެއް ލިބުމަކީ އަޅުގަނޑުމެން ފަދައިން އެންމެހާ ރައްޔިތުންގެ އެދުމަކަށްވީ ނަމަވެސް، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމު ހުސްވެ، އެމަގާމުގެ މަސްއޫލިއްޔަތު އަދާކުރާނެ މީހަކު އައްޔަނު ކުރެވިފައި ނުވާހިނދު، ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ހައިސިއްޔަތުން، މިކަމަށް ހައްލެއް ހޯއްދަވައިދެއްވުން އެދި ވަރަށް އަދަބުވެރިކަމާއެކު ދެންނެވީމެވެ،"