11 May 2014, 10:53
ކިޔެވް (މޭ 11) : ޔުކްރޭންގައި ވަކިވެގަތުމަށް މަސައްކަތްކުރާ ސަރަހައްދުތަކުގެ ރައްޔިތުންނަށް އެގައުމުގެ ވަގުތީ ރައީސް އޮލިގްޒެންޑާ ތުރްޗިނޯވް އިންޒާރެއް ދެއްވައިފި އެވެ.
ޔުކްރޭންގެ ދައުލަތުން ވަކިވެ ރަޝިޔާއާ ގުޅުމާ ބެ ހޭގޮތުން ރައްޔިތުން ދެކޭގޮތް ބެލުމަށް ޓަކައި ފެންނަ ނުފެންނަ ވޯޓެއް މިއަދު ނެގުމަށް ހަމަޖެހިފައިވަނީ އެގައުމުގެ ދެ ސަރަހައްދު ކަމަށްވާ ދޮނިތްސިކް އާއި ލޮހާންސްކް ގައެވެ. ދޮނިތްސިކް އާއި ލޮހާންސްކްގެ ރައްޔިތުންނަށް އިންޒާރު ދެއްވަމުން ތުރްޗިނޯވް ވިދާޅުވީ ޔުކްރޭންގެ ކިބައިން މިނިވަންވެ ރަޝިޔާއާ ގުޅެން ފެންނަކަމަށް ވޯޓު ދީފި ނަމަ އެ ދެ ސަރަހައްދުގެ ރައްޔިތުން ބޮޑު މުސީބާތަކާ ކުރިމަތިލާންޖެހޭނެ ކަމުގަ އެވެ. އަދި މިގޮތަށް ވޯޓުދިނުމަކީ ގައުމަށްވެވޭ ޚިޔާނާތެއްކަމަށް ވެސް ތުރްޗިނޯވް ވިދާޅުވި އެވެ.
ތުރްޗިނޯވް އިތުރަށް ވިދާޅުވީ ދޮނިތްސިކް އާއި ލޮހާންސްކް ގެ ރައްޔިތުންގެ ގިނަ ބަޔަކު، ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ ޕްރޮޕަގެންޑާގައި ޖެހިފައިވާ ކަމަށާ އެއީ ޔުކްރޭން އެއްބައިވަންތަކަމަށާއި އެއްގައުމެއްގެ ގޮތުގައި އޮތުމަށް ކުރިމަތިވެފައިވާ ވަރަށްބޮޑު ނުރައްކަލެއް ކަމުގަ އެވެ. އަދި ޔުކްރޭންގެ ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތްތަކަކީ ޓެރަރިސްޓް ޖަމާއަތްތަކެއް ކަމަށް ވެސް ތުރްޗިނޯވް ސިފަކުރެއްވި އެވެ.
ޔުކްރޭންގައި ހަރަކާތްތެރިވާ ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ ތުރްޗިނޯވް އާއި އޭނާގެ ސަރުކާރުގެ އިސްވެރިންނަކީ ޔުކްރޭންގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަމުންދާ ފޭސިސްޓް ބައެއް ކަމަށް ސިފަކޮށްފަ އެވެ. އަދި ތުރްޗިނޯވްގެ ސަރުކާރަކީ ޔުކްރޭންގެ ރަޝިޔާ ދަރިކޮޅުގެ މީހުންނާ މެދު ތަފާތުކުރުންތައް ގެންގުޅޭ ނަސްލީ އިމްތިޔާޒުގެ ސަރުކާރެއް ކަމަށްވެސް ވަކިވެގަތުމަށް މަސައްކަތްކުރާ ފަރާތްތަކުން ތުހުމަތު ކުރެ އެވެ. (ރޮއިޓާސް)