11 May 2014, 10:53
ސީޕީ ކަޕް އިންޓަ ޑިޕާޓްމަންޓް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޒަންގެ ޗެމްޕިއަންކަން މާލެ ސިޓީ ޕީސް މޭކަސް އޭ ހޯދައިފި އެވެ.
މާލެސިޓީ ޕީސް މޭކަސް އޭ ޗެމްޕިއަންކަން ހޯދާފައިވަނީ މިދިޔަ ހުކުރު ދުވަހުގެރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި ޑީއޯސީ އާ ވާދަކޮށް 3-2 މެޗު ކާމިޔާބުކޮށްގެންނެވެ.
މިމެޗުގެ ފުރަތަމަ ސެޓް 25-16 ން މާލެ ސިޓީ ޕީސް މޭކާސް އޭ ކާމިޔާބުކުރި ނަމަވެސް ޑީއޯސީން ވަނީ މެޗުގެ ދެވަނަ ސެޓާއި ތިން ވަނަ ސެޓް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މި ދެސެޓް ޑީއޯސީން ކާމިޔާބުކުރީ 25-21 އަދި 25-15 ންނެވެ. މެޗުގެ ހަތަރު ވަނަ ސެޓް ކާމިޔާބުކޮށް މެޗުން މޮޅުވާން ޑީއޯސީއަށް ފުރުސަތު އޮތް ނަމަވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި ސެޓް 25-21 ކާމިޔާބުކުރީ މާލެ ސިޓީ ޕީސް މޭކާސް އޭ އިންނެވެ.
ދެ ޓީމުވެސް އެއްވަރުވެފައިވާތީ ނަތީޖާ ނެރުމަށްޓަކައި ކުޅުނު ފަސްވަނަ ސެޓް ވާދަވެރި ކުޅުމަކަށް ފަހު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުކުރީ މާލެ ސިޓީ ޕީސް މޭކަސް އޭ އިންނެވެ. މި ސެޓް އެޓީމުން ކާމިޔާބުކޮށްފައިވަނީ 19-17 ންނެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ މާލެ ސިޓީ ޕީސް މޭކަސް އޭ ގެ މުހައްމަދު ހަމްދޫންއެވެ.
ފައިނަލް މެޗު ނިމުމުން ވަނަ ވަނައަށް ދިޔަ ކުޅުންތެރިންނަށާއި ޓީމްތަކަށް ތަށްޓާއި މެޑަލްއާއި ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފަ އެވެ.
ސީޕީ ކަޕް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޒަންގެ އެންމެ މޮޅު ހަ ކުޅުންތެރިން ހޮވާފައިވާއިރު މި ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ މާލެ ސިޓީ ޕީސް މޭކާސް އޭ ގެ ހުސައިން ހަމީދު އާއި ހުސައިން އިމްތިޔާޒް އާއި މުހައްމަދު ހަމްދޫން އާއި ޑީއޯސީގެ އިބްރާހިން އިހްސާން އާއި ޝާމިލް އާދަމް އާއި އައިޑީ ކުލަބުގެ އަހުމަދު ފާރިޝް އެވެ.
މުބާރާތުގެ އެންމެ މޮޅު ލިބަރޯ ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެސްއޯޑީގެ ހުސައިން ފަހުމީ އެވެ. މުބާރާތުގެ އެންމެ ހިންގުންތެރި މެނޭޖަރަކަށް ޓީމް 119 ގެ މެނޭޖާ އާމިނަތު ހަނާން ހޮވުނު އިރު މުބާރާތުގެ ޓީމަށް އެންމެ ފައިދާ ހޯދައިން ކޯޗަކަށް ހޮވިފައިވަނީ މާލެ ސިޓީ ޕީސް މޭކަސް އޭ ގެ ކޯޗު އައްޔޫބް އިބްރާހިމް އެވެ.
މުބާރާތުގެ ރަނަރަޕްކަން ޑީއޯސީ އަށް ލިބުނުއިރު މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވިފައިވަނީ އައިޑީ ކުލަބެވެ. އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ މުބާރާތުގެ ގަދަ ހަ ކުޅުންތެރިންގެ ތެރޭގައިވެސް ހިމެނޭ މާލެ ސިޓީ ޕީސް މޭކަސް އޭ ގެ ހުސައިން ހަމީދު އެވެ.