11 May 2014, 10:38
މިދިޔަ ހަފްތާގައި އިންޑިއާ އަށް ކުރި ދަތުރުގައި އެގައުމުން ދިމާވި މީހެކެވެ. އޭނާއަކީ އެންމެ އުތުރުގެ އަތޮޅުގެ ރަށަކަށް ނިސްބަތްވާ މެދުއުމުރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ އަލަތު އަނބިމީހާ ވަރި ކުރިތާ އަދިވީ އެންމެ ދެ ތިން މަހެވެ. އޭނާ އިންޑިއާއަށް ގޮސްގެން އުޅެނީ ގިނަ ދިވެހިން އިންޑިއާއަށް ދާ ބޭނުމާއި މުޅިން ހިލާފު ބޭނުމަކަށެވެ. އޭނާ އިންޑިއާ އަށް ދިޔައީ ޅަ ކުއްޖަކާ ކައިވެނި ކުރުމަށެވެ.
"ލައްކަ ދުވަހު އުޅެވިއްޖެ ދިވެއްސަކާއި އިނދެގެން. ދެން ބޭނުމީ ޅަ ކުއްޖަކާ އިންނަން. ތަންކޮޅެއް ހަމަޖެހިގެން އުޅެން. އެކަން ވަރަށް ފަސޭހަ މި ގައުމުން،" 48 އަހަރުގެ އެ މީހާ ބުންޏެވެ.
އޭނާ ބުނި ގޮތުން އޭނާ ބިދޭސީއަކާ އިންނަން ބޭނުންވާ އެންމެ ބޮޑު ސަބަބަކީ "ޒުވާން މަލަކުން ފޮނިބުއިން" ކަމަށެވެ. ބިދޭސީ އަންހެނުން "ދިވެހިންހާ ޝަކުވާ ބޮޑެއްނުވާނެ" ކަމަށް ބުނެ ބިދޭސީންނަށް ތައުރީފުކޮށް އޭނާ ވާހަކަ ދެއްކި އެވެ.
އިންޑިއާގެ ކެރެލާގެ ހޮޓަލަކުން ދިމާވި މެދުއުމުރުގެ އެ ދިވެހި މީހާ ބުނި ގޮތުގައި އޭނާގެ އެކުވެރި ދެތިން މީހަކު ބިދޭސީންނާ ކައިވެނިކޮށްގެން އުޅެ އެވެ. މެދު އުމުރަށް ގޮސް ތިބި އެ އެންމެން ވެސް އިނދެގެން އުޅެނީ އިންޑިއާގެ ޒުވާން އަންހެން ކުދިންނާ ކަމަށް އޭނާ ބުންޏެވެ. ރާއްޖެއިން ބޭރުގެ ބައެއް ގައުމުތަކުން ޒުވާނުންނާއި ކައިވެނި ކުރުމަކީ ފަސޭހަ ކަމެއް ކަމަށް ބުނެ އެކަން ކުރާ ގޮތް ވެސް އޭނާ ކިޔައިދިނެވެ.
"ވަރަށް ފަސޭހަ. ކުޑަ ލާރިކޮޅެއް ހަރަދު ކޮށްލަނިކޮށް ބޭނުން ވައްތަރެއްގެ ބޭނުން ކުލައެއްގެ ކުއްޖެއް ލިބޭނެ،" އެ މީހާ ބުންޏެވެ.
އޭނާ ބުނި ގޮތުން ނަމަ އުމުރުން ދުވަސް ވެފައިވާ ދިވެހި ގިނަ ފިރިހެނުން އިނދެގެން އުޅެނީ ކައިރި ގައުމުތަކުގެ ފަގީރު ޒުވާން ކުދިންނާ އެވެ. އެ ކައިވެނިތައް ކުރަނީ އެ އަންހެން ކުދިންގެ އާއިލާތަކަށް ފައިސާ ދީގެން ކަމަށް އެމީހާ ބުންޏެވެ. އެގޮތަށް ކުރާ ބައެއް ކައިވެނިތައް ވަރަށް އުޖާލާ ކަމަށާއި އޭނާ ވެސް ބޭނުން ވަނީ އިންޑިއާގެ ޒުވާން ކުއްޖަކާ ކައިވެނިކޮށްގެން އަލުން ދިރިއުޅުމެއް ބިނާކުރަން ކަމަށް އޭނާ ބުންޏެވެ.
އޭނާގެ ވާހަކަތައް އަޑުއިވި ހަގީގަތް ބަލައިލުމުން އެނގުނީ އޭނާގެ ވިސްނުމަކީ ގިނަ ދިވެހިންގެ ވިސްނުމެއް ކަމަށެވެ. އަދި އެކަމަކީ މިހާރަކަށް އައިސް ވަރަށް ބާރު ދުވެއްޔެއްގައި އިތުރުވެގެން ހިނގައިދާނެ ކަމެއް ކަމެވެ. ތަފާސް ހިސާބުތަކަށް ބަލާ އިރު މިދިޔަ އަހަރު ދިވެހިން ކުރި ބިދޭސީ ކައިވެނި 36 ޕަސެންޓަށް އިތުރެވެ. ފެމެލީ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން 2012 ވަނަ އަހަރު ދިވެހިން ވަނީ 101 ބިދޭސީ ކައިވެނިކޮށްފަ އެވެ. އަދި މިދިޔަ އަހަރު ވަނީ އެ އަދަދު 36 ޕަސެންޓަށް އިތުރުވެ، 137 ބިދޭސީ ކައިވެނިކޮށްފަ އެވެ. ފެމެލީ ކޯޓުން "ސަން"އަށް ހިއްސާ ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ދިވެހިންގެ ތެރެއިން އެންމެ ގިނައިން ބިދޭސީންނާ ކައިވެނި ކުރަނީ ދިވެހި ފިރިހެނުންނެވެ. އެގޮތުން މިދިޔަ އަހަރު ދިވެހި ފިރިހެނުން ވަނީ ބިދޭސީ 76 ކައިވެނިކޮށްފަ އެވެ. ރެކޯޑްތަކުން ދައްކާ ގޮތުން މިދިޔަ އަހަރު 62 ދިވެހި އަންހެނުން ބިދޭސީންނާ ކައިވެނިކޮށްފައިވެ އެވެ. ފެމެލީ ކޯޓުން ބުނީ ބިދޭސީ ކައިވެނިތައް ގިނައިން ކުރަނީ ރާއްޖެ އިން ބޭރުގައި ކަމަށެވެ.
އިމިގްރޭޝަންގެ ތަފާސް ހިސާބުތަކަށް ބަލާއިރު ސެޕްޓެމްބަރު، 2011 ގެ ނިޔަލަށް ރާއްޖޭގައި ރަޖިސްޓްރީވެގެން 99،369 ބިދޭސީން މަސައްކަތް ކުރަމުންދިޔަ އެވެ. އެ އަދަދު މިހާރު އިތުވެފައިވާނެ ކަމާމެދު ޝައްކެއް ނެތެވެ. މިހާ ގިނަ ބިދޭސީން ރާއްޖޭގައި އުޅޭ އިރު އެމީހުން ދަނީ އެކި ގޮތްގޮތަށް ރާއްޖޭގެ ކަންކަމަށް އަތްގަދަ ކުރަމުންނެވެ. އޭގެ ތެރޭގައި އިގްތިސާދީ، އިޖްތިމާއީ ކަންކަން ހިމެނެ އެވެ.
ދިވެހިން ބިދޭސީންނާ ކުރާ ކައިވެނިތައް އިތުރީ ކީއްވެ ބާއެވެ؟
ދިވެހިން ބިދޭސީންނާ ކުރާ ކައިވެނިތައް އިތުރުވުމުގެ ތަފާތު ސަބަބުތައްވެ އެވެ. އޭގެ ތެރޭގައި ޒުވާން ކުއްޖަކާ ކައިވެނި ކުރުމުގެ މަގްސަދުގައި ބިދޭސީންނާ އިންނަ މީހުން މަދެއް ނޫނެވެ. އެގޮތުން ދިވެހި ފިރިހެނުންނާއި ދިވެހި އަންހެނުން އެމީހުންނަށް ވުރެ އެތައް ގުނައެއް ޒުވާން ކުދިންނާ އިނުމަށްޓަކައި ބިދޭސީންނާ ކައިވެނި ކުރާކަން ފާހަގަވެ އެވެ. ރާއްޖޭގައި މަސައްކަތް ކުރުމަށް އައިސް އުޅޭ ބިދޭސީންނާ ރާއްޖެ އިން ބޭރަށް ގޮސްގެން ހޯދާ ބިދޭސީންނާ ވެސް އެގޮތަށް ކުރާ ކައިވެނިތައް ކޮށްފައިވާކަން ފާހަގަވެ އެވެ.
ބައެއް ބިދޭސީން ދިވެހިންނާ އިންނަ އެހެން ސަބަބުތައް ވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި ބިދޭސީން ރާއްޖޭގައި އުޅުމަށް ފަސޭހައަކަށް ކުރާ ކައިވެނިތައް ވެސް ހިމެނެ އެވެ. އޭގެ ބައެއް ހާދިސާތައް ރާއްޖޭގައި ހިނގާފައި އެބަހުއްޓެވެ. އެގޮތުން ރާއްޖެއަށް މަސައްކަތް ކުރުމަށް އައިސް ދިވެއްސަކާ އިނދެގެން އުޅެ އެތައް އަހަރެން ވުމަށް ފަހު އެ ބިދޭސީ މީހާ އޭނާގެ ގައުމަށް ދަމުން ދިވެހި މީހާ ވަރިކޮށްފައިވާ އެތައް ހާދިސާއެއް މި ދިވެހި ގައުމުގައި ހިނގާފައި އެބަހުއްޓެވެ. އެކަން އެންމެ އާންމުކޮށް ވަނީ އަތޮޅު ތެރޭގަ އެވެ.
ބިދޭސީ ކައިވެނިތައް އިތުރުވާ އެހެން ސަބަބުތައް ވެސް އެބަހުއްޓެވެ. އެއީ އެމީހުން ރާއްޖޭގައި އިންވެސްޓް ކުރުމަށެވެ. ނޫނީ ބައެއް ވަޒީފާތައް އަދާ ކުރުމަށެވެ. ދިވެހިންނާއި އިނދެގެން އެ ދިވެހިންގެ ނަމުގައި އެތައް ވިޔަފާރިއެއް ކުރާ ބިދޭސީންނެއް އެބައުޅެ އެވެ. އެގޮތަށް ހިންގާ އެތައް ކުންފުއްޏަކާއި އެތައް ސައި ހޮޓަލެއް ވެރިރަށް މާލޭގައި އެބަހުއްޓެވެ. އޭގެ ތެރޭގައި އަވައްޓެރި ބައެއް ގައުމުތަކުގެ މީހުންނަށް ހާއްސަކޮށްގެން ހިންގާ ބައެއް ވިޔަފާރި ތަންތަން ހިމެނެ އެވެ. އެފަދަ މަސައްކަތްތައް ކުރުމަށް ދިވެއްސަކާ އިނުމުގެ ބޭނުމަކަށް ވެފައި ވަނީ އެހެން މީހަކު ބައިވެރިނުކޮށް އެ ބިދޭސީ މީހާ އެވިޔަފާރި ކޮންޓްރޯލް ކުރުމެވެ.
ވިސާގެ ފަސޭހައަށް ދިވެހިންނާ އިނދެގެން އުޅޭ ބިދޭސީން ވެސް ރާއްޖޭގައި އުޅެމުންދެ އެވެ. ރާއްޖޭގައި ޓެކްސީ ކުރާތާ ހަތް އަހަރުވެފައިވާ ބިދޭސީ އަކު ސަންގެ ނޫސްވެރިންނަށް ވަނީ ދިމާވެފަ އެވެ. އޭނާ އުޅެނީ އޭނާގެ މަންމައަށް ވުރެ ކުޑަ ތަންކޮޅެއް ޅަ ދިވެހި އަންހެނަކާ އިނދެގެންނެވެ. އޭނާ ބުނާ ގޮތުން ނަމަ އެ ކައިވެނިކުރީ "ލޯބިން އުޅެން" ކަމަށެވެ. ނަމަވެސް އޭނާއާ އެކު ޓެކްސީ ކުރާ އެކުވެރިން ބުނާ ގޮތުން ނަމަ އޭނާ އެ ކައިވެނި ކުރީ "ރާއްޖޭގައި އުޅެން ފަސޭހައަކަށް، ނޫނީ ޓެކްސީ ކުރަން" ށެވެ.
ބިދޭސީންނާ ދިވެހިން ކުރާ ކައިވެނިތަކަށް ބަލާ އިރު އެ ކައިވެނިތަކުގައި ވަރިކުރާ މިންވަރު ވަނީ ދަށަށް ގޮސްފަ އެވެ. މިދިޔަ އަހަރު ދިވެހިން ބިދޭސީނާ ކުރި ކައިވެނި އިތުރުވި އިރު، އެފަދަ ކައިވެނީގެ ވަރީގެ ނިސްބަތް 31 ޕަސެންޓަށް ވަނީ ދަށްވެފަ އެވެ. އެގޮތުން 2012 ވަނަ އަހަރު 35 ވަރިކޮށްފަފައިވާ އިރު މިދިޔަ އަހަރު ދިވެހި-ބިދޭސީ ވަރި ވަނީ 24 އަށް ދަށްވެފަ އެވެ.
ބިދޭސީންނާއި ދިވެހިން ކައިވެނި ކުރުމަކީ މައްސަލައެއްތޯ އެވެ؟ ނުވަތަ އެ ކައިވެނިތަކުގެ ސަބަބުން މައްސަލަތަކެއް ފެންމަތި ވެދާނެތޯ އެވެ؟
ހަގީގަތަކީ ދިވެހިންނާ ބިދޭސީން ކުރާ ކައިވެނިތަކުގެ ސަބަބުން ބައެއް ފަހަރު ހިތާމަވެރި ހާދިސާތަކެއް ހިނގާފައިވުމެވެ. އެގޮތުން ބައެއް ބިދޭސީން އެމީހުން މިގައުމުގައި މަސައްކަތްކޮށް ނިމުމުން އަންހެން މީހާ އަށް ނޭނގި އޭނާ ވަރިކޮށް އެ ބިދޭސީ މީހާ އޭނާގެ ގައުމަށް ގޮސްފައި އެބަހުއްޓެވެ. އެފަދަ ބައެއް ހާދިސާތަކުގައި އެތައް ކުއްޖެއް ބިކަވެފައި ވެސް އެބަހުއްޓެވެ. އަދި ހަމައެއާ އެކު ދިވެހި ބައްޕައަކު ފޮރުވައިގެން އުޅޭ ފަސް މަހުގެ ތުއްތު ކުއްޖާ ހޯދަން ފެމެލީ ކޯޓުގައި ޖަރުމަނަށް ނިސްބަތްވާ އެ ކުއްޖާގެ މަންމަ އެދިގެން ދާދިފަހުން ހިނގި ހާދިސާ ފާހަގަކޮށްލަންޖެހެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޖަރުމަނު އަންހެނަކާ ކައިވެނިކޮށްގެން ލިބިފައިވާ ފަސް މަހުގެ ތުއްތު އަންހެން ކުއްޖާ ގޮވައިގެން ދިވެހި ބައްޕަ ފިލާފައި ވަނީ ދެމަފިރިންގެ މެދުގައި ޖެހުނު "ދީނީ" މައްސަލައަކާ ގުޅިގެންނެވެ. ދެ ގައުމެއްގެ ދެ މީހުންގެ މެދުގައި ދީނީ އަދި ސަގާފީ މައްސަލަތައް ޖެހުމަކީ ވުން ގާތް ކަމެކެވެ.
"ހަގީގަތުގައި ބިދޭސީންނާ ދިވެހިން ކުރާ ކައިވެނިތައް އިތުރުވުމަކީ ކަންބޮޑުވާންޖެހޭ މައްސަލައެއް. ސަބަބަކީ އެ ކައިވެނިތަކުގެ ސަބަބުން ރާއްޖޭގެ ދާހިލީ ކަންކަމުގެ ބާރު ބިދޭސީންނަށް ލިބިގެންދާތީ،" ޑެޕިއުޓީ ކޮންޓްރޯލާ ހާމިދު ފަތުހުﷲ ވިދާޅުވި އެވެ.
ބިދޭސީ ކައިވެނިތަކުގެ ސަބަބުން ހިނގައިފާނެ ބައެއް ހާދިސާތަކަށް ބަލަމާތޯއެވެ. އެފަދަ ކައިވެނިތަކުގެ ސަބަބުން ރާއްޖޭގެ ދާހިލީ ކަންކަމަށް ބިދޭސީންގެ ބާރު ފޯރުވުމުގެ ފުރުސަތު ލިބިގެންދެ އެވެ. އެގޮތުން ބިދޭސީ ކައިވެނިތަކުން ލިބޭ ދަރިން ބޭނުން ކޮށްގެން އެފަދަ ނުފޫޒްތައް ފޮނުވުމުގެ މަގު ފަހިވެގެންދެ އެވެ. އޭގެ ބައެއް ހާދިސާތައް ދުނިޔޭގެ ތާރީހުން ހެކިދެ އެވެ.
އަށް ލައްކަ ފަންސާ ހާސް މީހުންގެ އާބާދިއަކަށް ނިސްބަތްވާ، ދެކުނު ޕެސިފިކް ކަނޑުގައި އޮންނަ ފިޖީ އަކީ މިނިވަން ރައްޔިތެއް މިނިވަންކަމާ އެކު އުޅެމުން އައި ގައުމެކެވެ. ގައުމީ ކަންކަމާއި ތަރައްގީގެ ކަންތައްތަކާއި ގައުމުގެ މުސްތަގުބަލަށް ނިންމަން ޖެހޭ މުހިންމު ނިންމުންތައް އޭރު އެ ގައުމުގެ ރައްޔިތުން ނިންމަމުން އައީ ގައުމީ ލޭ ހަށިގަނޑުގައިވާ އެ ގައުމުގެ ރައްޔިތުންނެވެ. ނަމަވެސް މިހާރު އެ ގައުމަށް ވަނީ އެ މިނިވަންކަން ގެއްލި އަނިޔާގެ ތެރެއަށް ވެއްޓިފަ އެވެ. ފަހުގެ ތާރީހެއްގައި އެ ގައުމުގައި އެތަކެއް "ބަޣާވާތެއް" ކޮށްފައިވާ އިރު މިއަދު އެ ގައުމުގައި ގައުމިއްޔަތެއް ނެތެވެ. ސަބަބަކީ އެގައުމުގައި ބިދޭސީން އަތްގަދަ ކުރުމެވެ. ބިދޭސީންނަށް އެ ގައުމުގައި އަތްގަދަ ކުރުމުގެ ފުރުސަތު ލިބިގެންދިޔައީ އެގައުމުގެ މީހުންނާ ކައިވެނިކޮށްގެން ހޯދާފައިވާ ދަރިން ބޭނުން ކޮށްގެނެވެ. އެގައުމުގެ އިސްމަގާމުތަކުގައި މިއަދު ތިބީ ބިދޭސީންގެ ދަރިންނެވެ. ނަތީޖާއެއްގެ ގޮތުން އެމީހުންގެ ހިތުގައި ގައުމީ ލޯބި ކުޑަވެ ނަސްލީ ތަފާތު ކުރުންތައް ވަނީ އިންތިހާ ދަރަޖައަށް ގޮސްފަ އެވެ.
ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވި ގޮތުގައި ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް މިހާރު ވަނީ ގޮސްފަ އެވެ. އަދި ރާއްޖެއަށް ބިދޭސީން އެތެރެ ކުރުން މަޑުކޮށްލަން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ހަތަރު އަހަރު ފަހުން ރާއްޖޭގެ އާބާދީއާ ބިދޭސީންގެ އާބާދީ ވެސް އެއްވަރުވާނެ ކަމަށް ބެލެވޭ އިރު ބިދޭސީ ކައިވެނިތަކުގެ ސަބަބުން ރާއްޖޭގައި ބިދޭސީންގެ އަތްގަދަ ކުރުމުގެ ފުރުސަތު ލިބިގެންދެ އެވެ. ހަގީގަތަކީ ބިދޭސީ ގިނަ ކައިވެނިތަކަކީ ކައިވެނި ކުރުމުގެ މަގްސަދާ ހިލާފަށް ކުރެވިފައިވާ ކައިވެނިތަކެއް ކަމެވެ. އެގޮތުން ކައިވެނީގެ މަގުސަދަކަށް ވެފައިވާ ރަނގަޅު ޖީލެއް ބިނާކުރުމުގެ ބަދަލުގައި ޒުވާނަކާ އިނުމަށް ނުވަތަ އުޅެން ފަސޭހައަށް ކުރެވޭ ކައިވެނިތަކުގެ ސަބަބުން ބޮޑެތި މައްސަލަތައް ފެންމަތިވުން ގާތެވެ.