އައްޑޫ ސިޓީގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުކުރެވިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ދެ މީހަކަށް ހިތަދޫ ރީޖަނަރަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން އެބަދެ އެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ދަންވަރު އެކްސިޑެންޓް ހިނގާފައި ވަނީ އައްޑޫ ސިޓީ މީދޫގަ އެވެ. އަދި އަނިވެފައި ވަނީ އެ ވަގުތު ކާރުގައި ތިބި ދެމީހުނަށެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އޮފިޝަލަކު ސަން އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، ކާރެއް ކޮންޓްރޯލް ނުވެގެން ހިނގި އެކްސިޑެންޓްގައި އަނިޔާވެގެން އައިސީޔޫގައި ފަރުވާ ދެމުންދަނީ އުމުރުން 31 އަހަރާއި 35 އަހަރުގެ ދެ ފިރިހެނަކަށެވެ. ހޮސްޕިޓަލުން ބުނީ އެ މީހުނަށް ފަރުވާ ދެމުންދަނީ ރޭ ދަންވަރުގެ 2:30 ހާއިރުން ފެށިގެން ކަމަށެވެ.

ނަމަވެސް ފުލުހުންގެ ފަރާތުން މީޑިޔާ އަށް އެކަމާ ބެހޭ މައުލޫމާތެއް ލިބިފައިއެއްނުވެ އެވެ.