ކޯޓުތަކުން ފޮނުވާ ކޯޓަށް ހާޒިރުވުމުގެ އަމުރާ އެއްގޮތަށް ޝަރީއަތްތަކަށް ހާޒިރުވުމަށް އެ ސިސްޓެންޓް ޕްރޮސެކިއިޓާ ޖެނެރަލް އަހްމަދު ހަމީދު ފަހުމީ އެ އޮފީހުގެ ވަކީލުންނަށް އަންގަވައިފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ކޯޓުތަކަށް ވަޑައިގަތުމަށް ޕީޖީ އޮފީހުގެ ވަކީލުންނަށް އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލް އަންގަވާފައި ވަނީ ހުރިހާ ވަކީލުންނަށް ފޮނުވި މެމޯއެއްގަ އެވެ.

ޝަރީއަތްތަކަށް ހާޒިރުވާން ޕީޖީ އޮފީހުގެ ވަކީލުންނަށް ވަގުތު ބޭނުންވާ ކަމަށް ވިދާޅުވެ މިއަދު ތާވަލުކޮށްފައިވާ ހުރިހާ މައްސަލަތައް އެހެން ދުވަހަކަށް ފަސްކޮށްދިނުމަށް އެދި އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލް އަހްމަދު ހަމީދު ފަހުމީ ސޮއިކުރައްވައި ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓަށް މިއަދު ވަނީ ސިޓީއެއް ވެސް ފޮނުވާފަ އެވެ.

ޕީޖީ އޮފީހުގެ ވަކީލުން ކޯޓުތަކަށް ހާޒިރުވާން އުޒުރުދެއްކެވުމާ ގުޅިގެން ބަންޑާރަ ނާއިބު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ދެއްވި ގާނޫނީ ލަފާގައި ވިދާޅުވެފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލް އާއި ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ބޭފުޅަކު ނެތް ހާލަތެއްގައި ޕީޖީ އޮފީހުގައި ޕްރޮސިކިއުޝަން ދާއިރާގައި އެވަގުތަކު ހުންނަ އެންމެ އިސްބޭފުޅަކާ އެ އޮފީހުގެ ހިންގުން ހަވާލުކުރެވޭނެ ކަމަށެވެ.

މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުން މީގެކުރިން ނެރެފައިވާ ކޯޓުއަމުރަށް ރިއާޔަތްކުރާއިރު، ޕީޖީ އޮފީހުގެ ވަކީލުންނަށް މިހާލަތުގައި ކޯޓުތަކަށް ހާޒިރުވެވޭނެ ކަމަށެވެ.