11 May 2014, 09:41
ނިއުދިއްލީ (މޭ 11): އިންޑިޔާގައި ކުރިޔަށްދާ އާންމު އިންތިޚާބުގެ އެންމެ ފަހު މަރްޙަލާގެ ވޯޓުލުމަށް ދެދުވަހަށް ވެފައިވަނިކޮށް އެގައުމުގެ ސިޔާސީ ޕާޓީތަކުން ކޭންޕޭން ހަރަކާތްތައް ހުއްޓާލައިފި އެވެ.
ކޭންޕޭން ހުއްޓާލުމުގެ އެންމެ ފަހުގެ ހަރަކާތެއްގެ ގޮތުން ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް ރާހޫލް ގާންދީ އިއްޔެ ވަނީ އުއްތުރާ ޕްރަދޭޝްގެ ބަނާރިސްގެ މަގުތަކުގައި މަތިނެތްކާރެއްގައި ކޭންޕޭން ބުރެއް ޖައްސަވައި އޭނާ އަށް ތާއީދުކުރާ އެތައް ލައްކަ ބަޔަކާ ބައްދަލުކުރައްވާފަ އެވެ. ކޭންޕޭން ހުއްޓާލުމުގެ ގޮތުން ބީޖޭޕީގެ ކެންޑިޑޭޓް ނަރަންދްރަ މޮޑީވެސް ވަނީ ބަނާރިސްގެ ކައިރީގައިވާ ރޮބަޓްސްގާންޖް އަވަށުގައި އިއްޔެ ބޭއްވި އެއްވުމެއްގައި ބީޖޭޕީގެ ސަޕޯޓަރުންނާ މުޚާބަތު ކުރައްވައި ވާހަކަ ދައްކަވާފަ އެވެ.
މޮޑީ ވަނީ މިހާތަނަށް އިންތިޚާބުތައް ބޭއްވި ސްޓޭޓްތަކުގެ އިންތިޚާބުތައް އޭނާއަށް ކާމިޔާބު ކުރެއްވޭނެކަމުގެ ޔަގީންކަން އޮތްކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. މިދިޔަ މަހުގެ ކުރީކޮޅު ފެށުނު އިންޑިޔާގެ އާންމު އިންތިޚާބުގެ ވޯޓުގުނުން ފެށޭނީ މިމަހުގެ ސޯޅަ ވަނަ ދުވަހުގައި ކަމަށް އިންޑިޔާގެ އިލެކްޝަން ކޮމިޝަނުންވަނީ ބުނެފަ އެވެ. އިންޑިޔާގެ އާންމު އިންތިޚާބުގައި އެންމެ ގިނަ ވޯޓުލިބުމުގެ ފުރްސަތު ބީޖޭޕީ އަށް ބޮޑު ނަމަވެސް ޕާލަމެންޓްގެ ދެބައިކުޅަ އެއްބައި ގޮނޑިއާ ކައިރި ކުރާ މިންވަރަށް ވެސް އެ ޕާޓީ އަށް ގޮނޑި ކާމިޔާބު ނުކުރެވޭނެ ކަމަށް ޚިޔާލު ހޯދުމުގެ ސާވޭތަކުން ވަނީ ހާމަވެފަ އެވެ. އެހެންކަމުން ބީޖޭޕީ ވެރިކަމަށް އައި ނަމަވެސް އާދެވޭނީ ކޯލިޝަނެއްގެ ތެރެއިން ކަމަށްވަނީ ބެލެވިފަ އެވެ. އިންޑިޔާގެ ވެރިކަމުގެ ނިޒާމަކީ ބަރުލަމާނީ ނިޒާމަކަށްވާތީ މިނިޒާމުގައި ކޯލިޝަނެއްގެ ތެރެއިން ވެރިކަމަށް އަތުވެއްޖެ ނަމަ ބީޖޭޕީގެ ސަރުކާރު ވެގެންދާނީ ބަލިކަށި ސަރުކާރަކަށެވެ.
ހިންދޫ ހަރުކަށި ޚިޔާލުގެ ކަނާތުފިޔައިގެ ފިކުރުގެ ޕާޓީއެއް ކަމަށްވާ ބީޖޭޕީ ދެކެ އެންމެ ބޮޑަށް ބިރުގަންނަނީ އިންޑިޔާގެ މުސްލިމުންނާއި އެހެންދީންތަކަށް ނިސްބަތްވާ ބައިމަދު ޖަމާއަތްތަކުންނެވެ. އެހެންކަމުން އިންޑިޔާގެ މުސްލިމުން ވަނީ މިފަހަރުގެ އިންތިޚާބުގައި ބީޖޭޕީ އާ ދެކޮޅަށް ގުޅިގެން މަސައްކަތްކޮށްފަ އެވެ. މުސްލިމުންގެ ވޯޓު ބީޖޭޕީ އަށް ދިޔަ ނުދިނުމަށްޓަކައި އިންޑިޔާގެ މުސްލިމުންގެ ޖަމްއިއްޔާތަކުން ވަނީ ގުޅިގެން މަސައްކަތްކޮށް ޕީޖޭޕީގެ ނުރައްކާތެރިކަން އިންޑިޔާގެ މުސްލިމުންނަށް ވިސްނައިދިނުމަށް މަސައްކަތްތަކެއް ކޮށްފަ އެވެ. މިއީ މިހާތަނަށް އިންޑިޔާގެ އިންތިޚާބަކާ ގުޅިގެން މުސްލިމުން ގެ ޖަމާއަތްތަކުން ކޮށްފައިވާ މަސައްކަތްތަކެއްނޫނެވެ. (ނޫސްއެޖެންސީތައް)