މި މަހުގެ 19 ވަނަ ދުވަހު ފަށާ އޭއެފްސީ ޗެލެންޖް ކަޕްގެ ޕްރޮމޯޝަނަލް ހަރަކާތެއްގެ ގޮތުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާއެކު ބޭއްވި ކުޑަކުދިންގެ ހަވީރުގައި ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރި ވެއްޖެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި އެފްއޭއެމް ގުޅުގެން ލައިފްބޯއީ ޓާފް ގްރައުންޑް ވަން ގައި މިއަދު ހަވީރު ކުރިއަށްދިޔަ "ކުޑަކުދިންގެ ހަވީރު" ގައި އެފްއޭއެމްގެ އިސްވެރިންނާއި ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު އާއި ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންގެ ބައިވެރިވި އެވެ.

މިއަދު ހަވީރު ބޭއްވި ކުޑަކުދިންގެ ހަވީރު ފެއްޓެވުމުގެ ގޮތުން އެފްއޭއެމްގެ ރައީސް އިލްހާމް އަހުމަދު އާއި ގައުމީ ފުޓްބޯޅަ ޓީމްގެ މެނޭޖަރު އަހުމަދު މަހްލޫފް ގައުމީ ޓީމުގެ ނަމުގައި މިއަދު ފާހަގަ ކުރާ ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ހުރިހާ ކުޑަކުދިންނަށް ދަންނަވާފަ އެވެ.

މުޅި ދުނިޔޭގައި ވެސް ފާހަގަ ކުރާ ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަކީ ކޮންމެ އަހަރެއްގެ މޭމަހުގެ 10 ވަނަ ދުވަހެވެ.

ގިނަ އަދަދެއްގެ ކުޅިވަރު ހަރަކާތްތަކާއިއެކު ބޭއްވުނު ކުޑަކުދިންގެ ހަވީރުގައި، ގައުމީ ޓީމުގެ ކުޅުންތެރިންނާއެކު ފޮޓޯނެގުމުގެ ހަރަކާތްތައް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އަދި މުބާރާތުގައި ގައުމީ ޓީމުން ބޭނުން ކުރާ ޖާޒީ ވިއްކުމުގެ ކެމްޕޭނެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ރާއްޖޭގެ ތާރީހުގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ޗެލެންޖް ކަޕް ޕްރޮމޯޓް ކުރުމުގެ ގޮތުން ކުޅުވަރާ ބެހޭ މިނިސްޓްރީ އާއި އެމްއޭއެމް ގުޅިގެން މީގެ ކުރިން ވެސް ގިނަ ހަރަކާތަތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ވެހިކަލްތަކުގައި މާލެ ވަށައި ބުރު ޖެހެމާއި އައްޑޫގައި ޓްރޮފީ ޓުއާ އެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މުބާރާތް އިތުރަށް ޕްރޮމޯޓް ކުރުމަށްޓަކައި އެފްއޭއެމްއިން އަންނަނީ ގިނަ ހަރަކާތްތަކެއް ރާވަމުންނެވެ.

އޭއެފްސީ ޗެލެންޖް ކަޕަށް ތައްޔާރުވުމުގެ ގޮތުން ދިވެހި ރާއްޖޭގެ ގައުމީ ޓީމާއި ލާއޯސްގެ ގައުމީ ޓީމާ ދެމެދު އެކުވެރި ކަމުގެ ފުޓްބޯޅަ މެޗެއް ކުޅަމަށް ވެސް މިހާރު ވަނީ ހަމަޖެހިފައެވެ. އެގޮތުން މިމެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ އަންގާރަ ދުވަހުގެ ރޭ 9:00ގައި ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގަ އެވެ.

ޗެލެންޖް ކަޕްގެ ގްރޫޕް އޭގައި ރާއްޖެއާ ވާދަކުރާނީ ފަލަސްތީނާއި މިޔަންމާ އަދި ކިރްގިސްތާނެވެ. މި ގްރޫޕުގެ މެޗުތައް ކުޅޭނީ ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގަ އެވެ.

އޭއެފްސީ ޗެލެންޖް ކަޕް ހުޅުވާ މެޗުގައި މިމަހުގެ 19 ވަނަ ދުވަހު ރާއްޖެ އާއި މިޔަންމާ، ވާދަކުރާ އިރު މުބާރާތުގައި ރާއްޖެ ވާދަކުރާ ދެ ވަނަ މެޗުގައި މިމަހުގެ 21 ވަނަ ދުވަހު ނިކުންނާނީ، ކިރުގިސްތާނާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މިމަހު 23 ވަނަ ދުވަހު ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ.