ކޮލެޖެއްގެ ގޮތުގައި މިހާރު ހިންގަމުން އަންނަ ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާ، ޔުނިވާސިޓީ އަކަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިޔާ (އައިއައިޔޫއެމް)ގެ ފަންނީ އެހީތެރިކަމާއި އެކު ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ކުއްލިއްޔާ ޔުނިވާސިޓީއަކަށް ބަދަލުކުރުމަށްޓަކައި، އެޑިއުކޭޝަން މިނިސްޓްރީ އާއި ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒް އާއި ރައީސް އޮފީސް ތަމްސީލުކުރާ ގޮތަށް މަތީ ފެންވަރުގެ ހާއްސަ ކޮމެޓީއެއް އެކުލަވާލައި، ބައްދަލުވުންތައް ފެށިފައިވާ ކަމަށެވެ.

ކުއްލިއްޔާ ޔުނިވާސިޓީއަކަށް ބަދަލުކުރުމަށް ހަދަންޖެހޭ ފީސިބިލިޓީ ސްޓަޑީ އާއި ސްޓްރެޓެޖިކް ޕްލޭން އަދި ކީ ޕާފޯމެންސް އިންޑެކްސް (ކޭޕީއައި) އެއް އެކުލަވައިލުމަށްޓަކައި ކުއްލިޔާގެ 34 މުވައްޒަފަކާ އެކު މިއަދު ވަނީ އިސްލާމީ މަރުކަޒުގައި މަސައްކަތު ބައްދަލުވުމެއްވެސް ފަށައިފަ އެވެ.

މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީގެ ޕްރޮފެސަރުންނާ އެކު މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުން ނިމުމުން، އެ މަސައްކަތު ބައްދަލުވުމުން ނެރެވުނު ނަތީޖާ އާއި ނިންމުންތައް ސަރުކާރާ އެކު ހިއްސާކުރުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ކުއްލިއްޔާ ޔުނިވާސިޓީއަކަށް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި އެތަނަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މެލޭޝިޔާގެ އިސްލާމިކް ޔުނިވަސިޓީ އާއި އެކު އެމްއޯޔޫއެއްގައި ސޮއިކުރުމަށްވެސް ނިންމާފައިވާ ކަމަށެވެ.

ކުއްލިއްޔާ ޔުނިވާސިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް މެލޭޝިއާގެ އިސްލާމިކް ޔުނަވިސިޓީގެ އެހީ އާއި އެކު ފަށާފައިވާއިރު، އިސްލާމިކް ޔުނިވަސިޓީއެއް ގާއިމްކުރުމުގެ މަސައްކަތުގައި ގަތަރާއި ކުވޭތުން އެހީ ވެދޭނެ ކަމަށް ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ މިދިޔަ މަހު އޮތް ކުއްލިއްޔާގެ މިދިޔަ އަހަރުގެ ދަސްވެނިވުމުގެ ހަފުލާގައި ވިދާޅުވެފަ އެވެ.

މީގެ އިތުރުން، ރާއްޖޭގެ ފުރަތަމަ އިސްލާމިކް ޔުނިވަސިޓީ އަށް، މިހާރުގެ ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާ ބަދަލުކުރުމުގެ މަސައްކަތް މާ ލަސްތަކެއް ނުވެ ސަރުކާރުން ކުރާނެ ކަމަށްވެސް ނާއިބް ރައީސް އެރޭގެ ޖަލްސާގައި ވިދާޅުވެފައި ވެއެވެ.