10 May 2014, 16:01
މިހާރު ކުރިއަށްދާ ހަތަރު ވަނަ އިންޓަ އޮފީސް ކެރަމް މުބާރާތުގެ އޯޕަން ސިންގަލްސް އިވެންޓުގެ ސެމީ ފައިނަލުން ކުޅުންތެރިން ޖާގަކަށަވަރުކޮށްފި އެވެ.
މުބާރުގެ ފުރަތަމަ އިވެންޓު ކަމުގައިވާ އޯޕަން ސިންގަލްސް އިވެންޓުގެ ސެމީން ކުޅުންތެރިން ޖާގަކަށަވަރު ކުރީ މިއަދު ހެނދުނު ކުޅެވުނު ކުއާތާ ފައިނަލް މެޗުތަކުންނެވެ.
ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކުއަޓާ ފައިނަލްގެ ފުރަތަމަ މެޗުގައި އެމްއޭސީއެލްގެ ނާޒިމް ހަސަން ބަލިކުރި އެމްބީސީގެ އިސްމާއީލް އަޒްމީނާއި ކުއާޓާ ފައިނަލްގެ ދެވަނަ މެޗުގައި ޔޫއެޗް ގްރޫޕްގެ އިސްމާއީލް ޝުޖާއު ބަލިކޮށް ސެމީ ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރުކުރި އެމްޕީއެލްގެ މުހައްމަދު މުންތަސިރެވެ.
ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ކުއާޓާ ފައިނަލްގެ ތިންވަނަ މެޗުގައި އެމްއެންޑީއެފްގެ އިސްމާއިލް ސަލީމް ބަލިކުރި އެމްޕީއެލްގެ އިބްރާހިމް ލިފާއު އާމިރާއި ކުއާޓާ ފައިނަލްގެ ހަތަރުވަނަ މެޗުގައި ކަސްޓަމްސްގެ އިބްރާހިމް ރަޒީފް ބަލިކޮށް ސެމީ ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރުކުރި އެމްއޭސީއެލްގެ އަލީ ހަސަން އެވެ.
އޯޕަން ސިންގަލްސް އިވެންޓުގެ ކުޅުން މިއަދަށް ނިންމާލާ އިރު ފައިނަލްގައި ބައްދަލުކުރާނެ ކުޅުންތެރިން ކަށަވަރުވާނެވެ. މިމުބާރާތުގެ ފިރިހެން އަދި އަންހެން ސިންގަލްސް އިވެންޓުގެ މެޗުތައް މިއަދު ކުޅެން ފެށުމަށްވެސް ވަނީ ހަމަޖެހިފައެވެ. ޖުމްލަ 18 އޮފީހަކުން 17 ފިރިހެން ޓީމަކާއި ނުވަ އަންހެން ޓީމެއް ވާދަކުރާ މިމުބާރާތުގައި ސިންގަލްސް އިވެންޓުތަކުގެ އިތުރުން ފިރިހެން އަދި އަންހެން ޑަބަލްސް އިވެންޓާއި ޓީމް އިވެންޓުވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
އޮފިސް އަދި ކުންފުނިތަކުގެ މެދުގައި އަހަރުން އަހަރަށް ފޯރިގަދަވެ ވާދަވެރިކަން ބޮޑުވަމުން އަންނަ މިމުބާރާތުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޓީމް އިވެންޓު، އޯޕަން ސިންގަލްސް އިވެންޓު، ފިރިހެން ސިންގަލްސް، އަންހެން ސިންގަލްސް، ފިރިހެން ޑަބަލްސް އަދި އަންހެން ޑަބަލްސް އިވެންޓެވެ.
މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ އޮފީސް ތަކަކީ، އެލައިޑް އިންޝުއަރަންސް، އޮޑިޓާ ޖެނެރަލް އޮފީސް، މިނިސްޓްރީ އޮފް ހޯމް އެފެއާޒް، ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)، ކޭޕީއެމްޖީ މޯލްޑިވްސް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕްރޭޝަން (އެމްބީސީ)، މޯލްޑިވްސް ކަސްޓަމްސް ސާވިސް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)، މޯލްޑިވްސް އިސްލާމިކް ބޭންކް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، މޯލްޑިވްސް ޕޮލިސް ސާވިސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް، ޕްރެޒިޑެންޓްސް އޮފީސް، ޕްރޮސެކިއުޓާ ޖެނެރަލްސް އޮފީސް، ރެއިންބޯ އެންޓަރ ޕްރައިސަސް، އަދި ޔޫއެޗް ގްރޫޕް ޕްރައިވެޓް ލިމިޓެޑް އެވެ.