ކުޑަކުދިން ލައްވައި ކުށް ކުރުވާފައި އެކުދިންނަށް ގާނޫނީ އަދަބުދިނުމަކީ ބަލައިގަނެވޭނެކަމެއް ނޫން ކަމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

އެޗްއާރްސީއެމް އިން މިހެން ބުނީ މިއަހަރުގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބާގައި ނެރުނު ބަޔާނެއްގައެވެ.

"...ބޮޑެތިމީހުން ގާނޫނުގެ ކުރިމަތީގައި އެމީހުންގެ ސަލާމަތް ހޯދުމަށްޓަކައި ކުޑަކުދިން ކުރިއަށް ނެރެ، އެކުދިންލައްވާ ކުށްކުރުވާފައި، އެކުދިންނަށް ގާނޫނީ އަދަބުދިނުމަކީ ބަލައިގަނެވޭނެކަމެއް ނޫނެވެ. ކުޑަކުދިން ކުރާ ކުށްތައް އިންސާރުވެރިކޮށް ތަހުގީގުކުރުމަށް ފަހު ކުޑަކުއްޖާލައްވާ ކުށްކު ކުރުވި މީހާއަށް ގާނޫނުން އަދަބުދޭން ޖެހެއެވެ،" އެޗްއާރްސީއެމްގެ ބަޔާނުގައި ވެއެވެ.

ކުށެއް ކުރެވޭއިރު އެއީ ކުށެއްކަން ނޭނގޭ ކުދިން މަދެއް ނުވާނެ ކަމަށާ، އެފަދަ ކުދިންގެ ނާޖާއިޒު ފައިދާ ނަގާ މީހުން މުޖުތަމައުގައި އުޅޭ ކަމަށް ވެސް އެބަޔާނުގައި ބުނެފައި ވެއެވެ. އަދި ބުނެފައި ވަނީ ކުދިން ކުށްކުށަށް އަރައި ގަންނަނީ ތަރުބިއްޔަތު ކުރެވިފައި ނުވާތީ ކަމަށެވެ.

"ކަމުގެ މައްޗަށް ވިސްނައި، ހެޔޮނުބައި ދެނެގަނެވޭ ފަދަ ބަޔަކަށް ނުވާހިނދު، އެކުދިންނަށް ކުށެއް ކުރެވޭހިނދު އެކުރެވެނީ ކުށެއްކަންވެސް ނޭނގޭ ކުދިން މަދެއް ނުވާނެއެވެ. ކަން މިހެން އޮތް އިރު ، އެފަދަ ކުދިންގެ ނާޖާއިޒު ފައިދާނަގާ މީހުން މުޖުތަމައުގައި އެޅޭކަން ހިތާމައާއެކު ފާހަގަކުރަން ޖެހެއެވެ. ކުޑަކުދިން ބޮޑެތިވަމުން އަންނަ އިރު ކުށްކުށަށް އަރައިގަންނަނީ އެކުދިންނަށް ރަނގަޅުގޮތް ދަސްކޮށް ނުދެވި، އެކުދިންގެ ޢުމުރުފުރަޔާ އެކަށީގެންވާގޮތެއްގައި ތަރުބިއްޔަތު ކުރެވިފައި ނުވާތީކަން ގަބޫލުކުރަން ޖެހެއެވެ،" ބަޔާނުގައި ވެއެވެ.

ކުޑަކުދިންގެ މަސްލަހަތު އިސްކުރުމަށާއި ، ކުދިންނަށް އެންމެ ފައިދާކުރާނެ ގޮތަށް ކަންތައްތައް އިންތިޒާމްކުރުމަށް އެޗްއާރްސީއެމްގެ ބަޔާނުގައި ސަރުކާރަށް ގޮވާލާފައި ވެއެވެ.