10 May 2014, 15:48
ޗެލްސީން ލޯނުގެ ދަށުން ދޫކުރި ބެލްޖިއަމް ދެ ކުޅުންތެރިން ކަމަށްވާ ފޯވަޑް ރޮމެލޫ ލުކަކޫ އާއި ގޯލްކީޕަރު ތިބޯޓް ކޯޓުވާ އަށް އެ ކްލަބުގެ ކޯޗު ހޯޒޭ މޮރީނިއޯ ތައުރީފްކޮށްފި އެވެ.
މޮރީނިއޯ އެންމެ ބޮޑަށް ތައުރީފްކުރީ ޗެލްސީން ލޯނުގެ ދަށުން އެވަޓަން ދޫކުރި ލުކަކޫއަށެވެ. މި ސީޒަނުގައި ލުކަކޫ ވަނީ އެވަޓަންގައި ރަނގަޅު ކުޅުމެއް ދައްކައި، ކުޅުނު 32 މެޗުން 15 ލަނޑު ކާމިޔާބުކޮށްފަ އެވެ.
"ލޯނުގެ ދަށުން އެވަޓަން އަށް ލުކަކޫ ފޮނުވާލުމުން ލިބުނީ ކާމިޔާބެއް،" ޗެލްސީގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި މޮރީނިއޯ ބުންޏެވެ. "ބައެއް ފަހަރު ލޯނުގެ ދަށުން ކުޅުންތެރިން ފޮނުވާއިރު، ސީޒަން ނިންމާލާއިރު މާބޮޑު ކާމިޔާބެއް ނުލިބޭ. ނަމަވެސް ލުކަކޫ ވަނީ ޕްރިމިއާ ލީގުގެ ބޮޑު ކްލަބަކަށް ރަނގަޅު ކުޅުމެއް ދައްކައި، އެ ކްލަބަށް މުހިންމު ލަނޑުތަކެއް ކާމިޔާބުކޮށްދީފަ،"
މޮރީނިއޯ ބުނީ، އެތުލެޓިކޯ މެޑްރިޑަށް ލޯނުގެ ދަށުން ފޮނުވި ގޯލްކީޕަރު ކޯޓުވާ އަކީ ވެސް ވަރަށް ރަނގަޅު ކުޅުމެއް ދެއްކި ކުޅުންތެރިއެއް ކަމަށާއި ލޯނަށް ފޮނުވި ހުރިހާ ކުޅުންތެރިންގެ މަސައްކަތް ސީޒަން ރިޕޯޓުގައި ހިމަނާފައިވާނެ ކަމަށެވެ.
"ލުކަކޫ އެކޭ އެއްގޮތަށް އެތުލެޓިކޯގައި ކޯޓުވާ ވަރަށް ރަނގަޅު ކުޅުމެއް ދެއްކި. މިގޮތަށް ލޯނުގެ ދަށުން ފޮނުވާ ކުޅުންތެރިންނާ މެދު ހާއްސަ ސަމާލުކަމެއް ބަހައްޓައި، އަހަރެމެން އެކަން ފާހަގަކުރާނަން،" އޭނާ ބުންޏެވެ. "މި ސީޒަންގެ ފައިނަލް ރިޕޯޓުގައި އެކަންކަން ހިމެނިން. އަހަރެން އެ ރިޕޯޓް މިދިޔަ ހޯމަ ދުވަހު ކްލަބާއި ހަވާލުކޮށްފިން،"