29 Dec 2010, 10:52
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލެއަށް ވޯޓުލުމަށް މިހާތަނަށް ރަޖިސްޓްރީކޮށްފައިވާ މީހުންގެ އަދަދަކީ 8000 ކަމަށާއި ރާއްޖޭން ބޭރުގެ ތިން ފޮއްޓަށް އަދި 100 މީހުން ވެސް ރަޖިސްޓްރީކޮށްފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ރަޖިސްޓްރޭޝަންގެ މަސައްކަތް އަންނަ މަހުގެ ފަހެއްގައި ނިންމާއިރު ހިސާބުތަކުން މިވަގުތު ދައްކާ ގޮތުގައި އިއްޔެގެ ނިޔަލަށް މާލޭގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރި މީހުންގެ އަދަދު 9000 އަށް ނާރާ ކަމަށެވެ.
ފުއާދު ވިދާޅުވީ އިއްޔެގެ ނިޔަލަށް 8000 ކޮންމެވެސް އަދަދެއްގެ މީހުން މާލެއަށް ވޯޓުލުމަށް ރަޖިސްޓްރީ ކުރި އިރު ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާލޭގައި ވޯޓުލުމަށް ރަޖިސްޓްރީވި 30000 އަށް ވުރެ ގިނަ މީހުން އެހެން ތަނަކަށް ބަދަލުވެފައިވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
"އޭގެ ތެރެއިން ގިނަ ބަޔަކީ އަދިވެސް މާލޭގައި އުޅުއްވާނެ ފަރާތްތައް ކަމަށް ކޮމިޝަނުން ބަލަނީ. އެހެންވީމާ އަހަވަށް ރަޖިސްޓްރޭޝަން ކަންތައް ނިންމެވުމަށް ކޮމިޝަނުން އެދެން،" ފުއާދު ވިދާޅުވި އެވެ. "ގިނަ އަދަދެއްގެ ބަޔަކު މާލޭގައި ރަޖިސްޓްރީ ނުކޮށް ތިބިކަން ކޮމިޝަނަށް ފާހަގަ ކުރެވޭ. އެފަރާތްތަކަށް ހަނދާންކޮށް މިދެނީ މުއްދަތުގެ ތެރޭގައި އެކަން ކުރެއްވުމަށް ފަހުން ބޭނުންފުޅު ވިޔަސް އެކަން ނުކުރެއްވޭނެ ކަމަށް، އެ ހިސާބުން ޖެހޭނީ އެމީހެއްގެ ދާއިމީ ރަޖިސްޓްރީ އޮތްތަނަކަށް ދަތުރުކުރައްވަން،"
ފުއާދު ވިދާޅުވީ 26 ރިސޯޓަކުން ވޯޓު ފޮށި ބަހައްޓައި ދިނުމަށް އެދިފައިވާއިރު ފޮށި ބެހެއްޓޭ މިންވަރަށް އެއްވެސް ރިސޯޓެއްގައި މީހުން ރަޖިސްޓްރީވެފައި ނުވާ ކަމަށާއި ރާއްޖޭން ބޭރުން އިންޑިޔާ އާއި ސްރީލަންކާ އާއި މެލޭޝިޔާގައި ތިން ފޮށި ބަހައްޓަން ހަމަޖެހިފައިވާއިރު ތިން ފޮއްޓަށް އަދި 100 މީހުން ވެސް ހަމަނުވާ ކަމަށެވެ.
އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރިސޯޓުތަކުގައި ވޯޓު ފޮށި އިލެކްޝަންސް އިން ބަހައްޓަނީ މަދުވެގެން 100 މީހުން ރަޖިސްޓްރީކުރުމުންނެވެ. އަދި ރާއްޖެއިން ބޭރުގައި ބަހައްޓާ ތިން ފޮށީގެ ތެރެއިން ކޮންމެ ފޮއްޓަކަށް 300 ހަމަނުވާނަމަ، އެތަންތަނުގައި ވެސް ފޮށި ނުބަހައްޓާ ގޮތަށް އިލެކްޝަންސް އިން ވަނީ ހަމަޖައްސައިފަ އެވެ.