އާއިލާއާއި މުޖުތަމައުގައި، ހުރިހާ ގޮތަކުން ވެސް ރައްކާތެރިކަން ކަށަވަރުވެފައިވާ ބަޔަކަށް ކުޑަކުދިން ވާންޖެހޭ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަ ކުރަމުންދާ، ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަހާއި ގުޅިގެން ސީޕީ ހުސައިން ވަހީދު ވިދާޅުވެފައި ވަނީ، އެކި ގޮތްގޮތުން ކުޑަކުދިންނަށް އަނިޔާތައް ލިބެމުންދާ ކަމަށެވެ. އަދި އަނިޔާތައް ލިބެނީ އާއިލާގެ ތެރެއިން ނުވަތަ ރަޙްމަތްތެރިންގެ ފަރާތުން ނުވަތަ އެކުދިންނަށް ހެޔޮއެދެން ޖެހޭ ބައެއްގެ ފަރާތުން ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

އަދި ވިދާޅުވެފައި ވަނީ އެކަންކަން ހުއްޓުވޭނީ ވެސް އާއިލާއާއި ރަޙުމަތްތެރިންނާއި ހެޔޮއެދޭ ފަރާތްތައް ގުޅިގެން މަސައްކަތް ކޮށްގެން ކަމަށެވެ. އެކަމުގައި ރައްޔިތުންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން އެކުދިންނަށް ދެއްވުމަށް ސީޕީ އިލްތިމާސް ކުރައްވާފައިވެ އެވެ.

ސީޕީ ވިދާޅުވެފައިވަނީ، ރާއްޖޭގައި ވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި، ޖިންސީ ހާނިކަ ކުރުމާއި، އެހެނިހެން ގޮތްގޮތުން ވެސް އެކުދިންގެ މުސްތަގުބަލް ބަނަވާފަދަ ނޭދެވޭ އަނިޔާތައްކޮށް އެކުދިންނާމެދު ނާތަހުޒީބު އަމަލުތައް ހިންގުން އިތުރުވަމުންދާކަމަށެވެ. އަދި ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކުން އެކަން އެނގޭ ކަމަށެވެ.

ހަދިޔާދޭނެ ކަމަށް ނުވަތަ ހިތްހަމަޖެހޭފަދަ ކޮންމެވެސް ކަމެއް ކޮށްދޭނެ ކަމަށް ބުނެ ކުޑަކުދިން ލައްވައި ޖިނާއީ ކުށްތައް ކުރުވުމުގެ ނުރަނގަޅު އާދަ މުޖުތަމައުގައި އަދިވެސް ހަރުލާފައިވާ ކަމަށްވެސް ސީޕީ ވިދާޅުވެފައި އެވެ. އެގޮތުން މާރާމާރީ އާއި މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ކުޑަކުދިން ހިމެނޭ މިންވަރު އިތުރުވަމުންދާކަން ފުލުހުންގެ ތަފާސް ހިސާބުތަކުން އެނގޭކަމަށް ވެސް ވިދާޅުވެފައި އެވެ. އަދި ވިދާޅުވެފައި ވަނީ އެކަން ހުއްޓުވަން ޖެހޭ ކަމަށެވެ.

ކުދިންނަށް ހިތްހަމަޖެހުމާއި އުފާފާޅުކުރުމުގެ ފުރުސަތު ތަނަވަސް ކުރުމަށް މައިންބަފައިންނާއި، ބަލަދުވެރިންނާއި ބެލެނިވެރިން އިސްކަންދޭންޖެހޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވެސް ސީޕީ ވިދާޅުވެފައި ވެއެވެ. ހަފްތާ ބަންދުތަކުގައާއި ޗުއްޓީ ދުވަސްތަކުގައި ކުޑަކުދިންނަށް އުފާވެރި މާހައުލުތަކުގައި ކުޅެ މަޖާކުރުމުގެ ފުރުސަތު ހޯދައިދޭން ޖެހޭކަން އޭނާ ފާހަގަކުރައްވާފައި ވެއެވެ. އެގޮތުން ދަތުރު ދިއުމާއި ޕިކްނިކް ދިއުންފަދަ ކަންކަން އެކުދިންނަށް ފަހިކޮށްދިނުމަކީ އާއިލާތަކުގެ ބަދަހިކަން އިތުރުވެގެންދާނެ ކަމެއް ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައި އެވެ.

"ކުދިންނަށް މަޖާކުރުމުގެ ފުރުސަތު ހޯދައިދޭ އިރު ވެސް އެއިން ފުރުސަތެއްގެ ތެރެއިން ޖިނާއީ ކުށެއްކުރުމުގެ ފުރުސަތު އޮވެ، އެއިން އެއްވެސް ކުއްޖަކަށް ނިކަމެތި ކަމެއް ލިބި، އެކުދިންގެ މުޅި މުސްތަޤުބަލަށް އެކަމުގެ އަސަރު ދެމިހުރެ، އެފަދަ ހަރަކާތެއްގެ ތެރެއިން އެކުދިންގެ ޢިއްޒަތުއްނަފްސަށާއި އަބުރަށް ހުތުރުވާނެފަދަ އެއްވެސް ކަމެއްލިބިގެން ނުދާނެކަން ކަށަވަރުކޮށް އެކުދިންގެ މުސްތަޤުބަލުގެ އުޖާލާކަން ކަށަވަރުކޮށްދިނުމަކީ މައިންބަފައިންނާއި ބަލަދުވެރިންގެ އަދި މުޅި މުޖުތަމައުގެ ޒިންމާއަކަށް ހަދަން ޖެހޭ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ދަތުރު ދިއުމާއި ޕިކްނިކް ދިއުންފަދަ ކަންކަމަށް ކުދިންނަށް ހުއްދަދޭއިރު އެފަދަ ދަތުރުތަކުގައި ރޭވިފައިވާ ކަންކަމުގެ ފުރިހަމަ މައުލޫމާތު މައިންބަފައިންނާއި ބެލެނިވެރިން ކަށަވަރު ނުކޮށްފިނަމަ އެފަދަ ކަމަކުން ނޭދެވޭ އަސަރުތައް އެކުދިންނަށް ކުރުމުގެ ފުރުސަތު އޮވެދާނެއެވެ." ކަމިޝަނަރު ވިދާޅުވި އެވެ.