އިންޑިއާއިން ދިވެހިރާއްޖެއާއި ސްރީލަންކާގެ ކަންތައްތައް އިންޑިއާގެ ސަލާމަތީ ބާރުތަކުން ބަލަމުން އަންނަ ކަމަށް އެގައުމުގެ ނޫހަކުން ބުނެފިއެވެ.

ޓައިމްސް އޮފް އިންޑިއާ ނޫހުން ބުނީ ޓެރަރިސްޓުން އުޅޭ އަދި އެފަދަ މީހުން ޓްރާންސިޓް ކުރާ ދެގައުމުގެ ގޮތުގައި ރާއްޖެއާއި ސްރީލަންކާގެ ކަންތައްތައް އިންޑިއާއިން ބަލަމުން އަންނަ ކަމަށެވެ.

"... ދިވެހިރާއްޖެއާއި ސްރީލަންކާގެ ކަންތައްތައް އިންޑިއާގެ ސަލާމަތީ ބާރުތަކުން އަންނަނީ ބަލަމުންނެވެ. ދެކުނު އިންޑިއާގައިވާ މުހިއްމު ތަންތަނަށް ހަމަލާ ދިނުމަށް ބޭނުންކޮށްފާނެ ކަމަށް ބެލެވޭ، ޕާކިސްތާނުގެ މަދަދު ލިބޭ ޓެރަރިސްޓުން އުޅޭ އަދި އެފަދަ މީހުން ޓްރާންސިޓްކުރާ ދެގައުމުގެ ގޮތުގައެވެ،" ޓައިމްސް އޮފް އިންޑިއާ ނޫހުގައި ވެއެވެ.

އިންޑިއާގެ އޮފިޝަލުންނާ ހަވާލާދީ އެނޫހުން އަދި ބުނީ އެކަން ދެގައުމަށް ވެސް އެނގޭ ކަމަށެވެ. އަދި ފަހަކަށް އައިސް ދެގައުމުން ވެސް މާ ފަރުވާތެރި ކަމާ އެކު ( އިންޑިއާއާ) ކޯޑިނޭޓް ކުރަމުން އަންނަ ކަމަށެވެ.

ނޫހުން އަދި ބުނީ އިންޑިއާގެ ސަމާލުކަމަށް މިކަން އައީ މިދިޔަ ހަފުތާގައި ޗެންނާއީގައި ސްރީލަންކާގެ ރައްޔިތެއްކަމަށްވާ ޝާކިރު ހުސައިން ހައްޔަރުކުރެވުމާ ގުޅިގެން ކަމަށެވެ. އޭނާ ހައްޔަރުކުރީ ސްރީލަންކާއާއި ދެކުނު އިރުމަތީ އޭޝިއާގެ ގައުމަކާއި އިންޑިއާ ގުޅިގެން ކުރި މަސައްކަތަކުން ކަމަށް ވެސް ބުނެފައި ވެއެވެ.

ޖާސޫސް ކުރުމުގެ ދަތުރުތަކުގައި ޝާކިރު ހުސައިން އިންޑިއާއަށް 20 ދަތުރުކޮށްފައިވާ ކަމަށް ޗެންނާއީގެ ކޯޓެއްގައި އިންޑިއާގެ ފުލުހުން މިދިޔަ ހޯމަ ދުވަހު ބުނެފައި ވެއެވެ. އެމީހުން އަދި ބުނެފައި ވަނީ ކޮޗީއާއި ވިޒަގް ބަނދަރުގައިވާ އިންޑިއާގެ ކަނޑުގެ ސިފައިންގެ މަރުކަޒުތަކަށް ހުސައިން ފާރަލާފައިވާ ކަމަށެވެ.

ދެދިވެހިން ޗެންނާއީއަށް ދަތުރުކުރުމުގެ ކަންތައްތައް ހަމަޖެއްސުމުގެ މަސައްކަތް ކޮލަމްބޯގައި ހުންނަ ޕާކިސްތާނު ހައިކޮމިޝަނުގެ ޑިޕްލޮމޭޓަކު ހުސައިންއާ ހަވާލުކުރި ކަމަށް ވެސް އޭނާ ވަނީ ތަހުގީގުގައި ބުނެފައެވެ. އޭނާ ތަހުގީގުގައި އެހެން ބުނެފައިވާ ކަމަށް ޓައިމްސް އޮފް އިންޑިއާ ނޫހުގައި ލިޔެފައި ވަނީ ނަން ހާމަ ނުކުރާ އޮފިޝަލުންނާ ހަވާލާދީއެވެ.

ނޫހުގައިވާ ގޮތުގައި އިންޑިއާއަށް ބޭސްފަރުވާއަށްދާ އަފްޣާނިސްތާނު ރައްޔިތުންނަށް އިންޑިއާގެ އޮފިޝަލުން އަންނަނީ މާ ފަރުވާތެރިކަމާ އެކު ބަލަމުން ( ފާރަލަމުން)ނެވެ.