10 May 2014, 13:57
ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކޯޗް ކަމުގެ މަގާމްގައި ހުރި އިނގިރޭސިވިލާތުގެ ސައިމަން މެކްމެނެމީގެ ކޮންޓްރެކްޓް ހަމަވުމުން އެކްލަބުގެ ކޯޗް ކަމުގެ މަގާމުން އޭނާ ވަކިވެއްޖެ އެވެ.
ނިއުގެ ކޯޗް ކަމުގެ މަގާމާ ސައިމަން ހަވާލުވެފައި ވަނީ ދެ މަސްދުވަހުގެ އެއްބަސްވުމެއްގަ އެވެ. ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމުން ދެ ފަރާތުން އެއްބަސްވާ ގޮތުގެ މަތިން މުއްދަތު އިތުރުކުރެވޭ ގޮތަށް ކުރިން އެއްބަސް ވެވިފައި ވީނަމަވެސް ފަހުން ސައިމަންއަށް ބޭރުގެ އެހެން ކުލަބަކުން އޮފާއެއް ލިބިފައި ވުމުން އޭނާ ނިންމީ ނިއު ދޫކޮށް ދިއުމަށްކަމަށް ނިއުގެ އިސް އޮފިޝަލަކު މިއަދު ސަންއަށް ވިދާޅުވިއެވެ.
އޭއެއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި ނިއު ކުޅެން ޖެހޭ ފަހު ތިން މެޗުގައި ސައިމަން ނިއުއަށް ކޯޗް ކޮށްދިން ނަމަވެސް، އެތިން މެޗުން ނިއު ވަނީ ބަލިވެފައެވެ. އަދި އެތިން މެޗުގައި ނިއު ކޮޅަށް ހަތް ގޯލް ވަދެފައިވާއިރު، ނިއުއަށް ޖެހިފައި ވަނީ އެންމެ ގޯލެއް ކަން ވެސް ފަހަގަ ކޮށްލެވެއެވެ.
މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި ނިއުއާ ހަވާލުވި ކޯޗަކީ ސްޕެއިނުގެ އަންހެލް ޕެރޭޒް ގާސިއާއެވެ. އޭނަވެސް ނިއުގެ ކޯޗް ކަމާ ހަވާލުވިތާ ދެމަސް ދުވަސް ފަހުން ވަނީ މަގާމުން ވަކިކޮށްފައެވެ.
ހުސްވި ފުޓްބޯޅަ ސީޒަނުގައި ނިއުގެ ކޯޗަކަށް ގެނައި ވެލީޒާ ޕޮޕޯވް ވަކިވެ އަޝްފާގް މެލޭޝިއާގެ ޕީޑީއާރްއެމް އާއި ގުޅުމުން ނިއު އަށް އަދި މިސީޒަންގައި ރަނގަޅު ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ.