10 May 2014, 13:42
އައިޑިއާސް އިން އިންތިޒާމު ކޮށްގެން ބާއްވާ ފުޓްސަލް މުބާރާތް "ބްރާވިއާ އައިޑިއާސް ކަޕް 2014" ވަރަށް ކުލަގަދަ ރަސްމިއްޔާތަކާ އެކީ އިއްޔެ ހަވީރު މާފަންނު ސްޓޭޑިއަމް 1 ނަންބަރު މިނީ ދަނޑުގައި ފަށައިފި އެވެ.
މުބާރާތް ފެށުމުގެ ގޮތުން ހއ. ކެލަޔަށް ހާއްސަ ސަޤާފީ ކުޅިވަރެއް ކަމުގައިވާ ފޯރިގަދަ "މާލި ދަނޑި" ކެލާ މީހުން ވަނީ ޖަހާފަ އެވެ. އަދި މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން ރީފްސައިޑް ގެ ޑިރެކްޓަރު ސަލްމާން ހަސަން ވަނީ މުބާރާތުގެ ރަސްމީ ލަވަ އިފްތިތާހުކޮށްދެއްވާފަ އެވެ.
މުބާރާތް ހުޅުވުމުގެ ގޮތުން ބައްދަލުކުރީ ސްޕޯޓްސް ކުލަބް ވެލޯރަސް(ތަކަންދޫ) އާއި ތުރާކުނު އައިލެންޑް ޑިވަލޮޕްމަންޓް ސޮސައިޓީ(ޓިޑްސް) އެވެ. ފޯރިގަދަ މި މެޗް 6-4 އިން ކާމިޔާބު ކޮށްފައިވަނީ ސްޕޯޓްސް ކުލަބު ވެލޯރަސް އެވެ. ވެލޯރަސް އަށް ޖާޒީ ނަންބަރު ދިހައެއް ހުސެން އާތިފް ދެ ގޯލް ކާމިޔާބުކުރި އިރު، ޖާޒީ ނަންބަރު ނުވައެއް އަހްމަދު ރިލްވާން ގޯލެއް ކާމިޔާބުކޮށްދިނެވެ. އަދި މެޗްގެ މޮޅުކުޅުންތެރިޔާ އަށް ހޮވުނު ޖާޒީ ނަންބަރު ހަތެއް ހައްސާން އަހުމަދު ވަނީ ހެޓްރިކެއް ހަދައިފަ އެވެ. ޓިޑްސް އަށް ގޯލް ޖަހާދީފައިވަނީ އަހުމަދު ނިޝާމް، ޖާޒީ ނަންބަރު ނުވައެއް ހަސަން އިމްރާން އަދި ޖާޒީ ނަންބަރު ހަތެއް އަބްދުﷲ އަހުމަދު އެވެ. އޭގެ ތެރެއިން އިމްރާން ވަނީ ޓިޑްސް އަށް ދެ ލަނޑު ކާމިޔާބުކޮށްދީފަ އެވެ.
އިތުރަށް ކުރިއަށް ދިޔަ މެޗް ތަކަށް ބަލާލާއިރު ރޭގަނޑު 8 ޖެހި އިރު ބައްދަލުކުރީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި ރީފްސައިޑެވެ. މި މެޗް 4-1 އިން ކާމިޔާބު ކޮށްފައިވާނީ އިސްލާމިކް އެފެއާޒް އެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އިސްލާމިކް އެފެއާޒް އަށް ދެ ގޯލް ޖަހައިދިން އިބްރާހިމް ޝަނޫން އެވެ.
ދެވަނަ މެޗުގައި ރޭ ބައްދަލު ކުރީ މެކާނޯ (ކެލާ) އާއި ސަން މީޑިއާ ގްރޫޕެވެ. މި މެޗް 21-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކޮއްފައިވާނީ މެކާނޯ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މެކާނޯ އަށް 14 ގޯލް ކާމިޔާބުކުރި އަލީ، މަޝްހޫރު ނަމުން ނަމަ ކޮއްޓި އައްޔަ އެވެ.
ރޭގެ ފަހު މެޗުގައި ސްޓެލްކޯ އާއި ޔުނައިޓެޑް އައިސޮލާނޯ (ވަށަފަރު) ބައްދަލު ކުރި މެޗް 5-1 އިން ކާމިޔާބު ކޮށްފާވަނީ ސްޓެލްކޯ އެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސްޓެލްކޯގެ ޖާޒީ ނަންބަރު ހަތެއް ހާރޫން އިބްރާހިމެވެ.
މި މުބާރާތުގެ މެޗުތައް މިއަދާ މިރޭވެސް ކުރިއަށް ދާނެ އެވެ. އެގޮތުން ހަވީރު ހަތަރެއް ޖަހާއިރު ބައްދަލު ކުރާނީ މިދިޔަ އަހަރުގެ ޗެމްޕިއަން އެލް. އެލް ސްޕޯޓްސް (ހއ. ދިއްދޫ) އާއި މޯލްޑިވްސް ރޯޑު ޑިވަލޮޕްމަންޓް ކޯޕަރޭޝަނެވެ. 5 ޖަހާއިރު ބައްދަލުކުރާނީ އޮމަދޫ އާއި އެމްއެމްއޭ އެވެ. ރޭގަނޑު 8 ޖަހާއިރު ބައްދަލު ކުރާނީ މާލޭ ސިޓީ ކައުންސިލާއި ރޫޓް އެކްސް (ކެލާ) އެވެ. ރޭގަނޑު 9 ޖަހާއިރު ބައްދަލު ކުރާނީ އަލިފުށި (ސޭ) އާއި އެލައިޑް އިންޝުއަރެންސް ބައްދަލުކުރާއިރު 10 ޖަހާއިރު ބައްދަލު ކުރާނީ ޓޮރެންޓް(ކެލާ) އާއި ބާރަށެވެ.
ބްރާވިއާ އައިޑިއާސް ކަޕް 2014 ގެ މެއިން ސްޕޮންސަރަކީ ރީފްސައިޑެވެ. އެލައިޑު އިންޝުއަރެންސް އިން ކޯ ސްޕޮންސަރު ކޮށްފައިވާ މި މުބާރާތުގެ ޕްރިންޓިންގް ޕާޓްނަރަކީ އެމްސެވަން ޕްރިންޓެވެ. އަދި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ސަން އޮންލައިން އެވެ. އަދި މުބާރާތުގެ މެޗްތައް ކުރިއަށް ދާއިރުއާއި މުބާރާތުގެ އަޕްޑޭޓްސް އަދި ފޮޓޯ އައިޑިއާސްގެ ރަސްމީފޭސްބުކް ޕޭޖްގައިއަޕްޑެޓް ކުރެވެމުން ދާނެ އެވެ.