ބްރެޒިލްގައި އަންނަ މަހު ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތާ ގުޅުވައިގެން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ރާއްޖެ އެތެރެކޮށް ވިއްކާ ބްރޭންޑެއް ކަމަށްވާ ނިޕޯން ފެއިންޓުގެ ފަރާތުން (ވޯލްޑް ކަޕް ކަންމަތި ގްރެފިޓީ ޗެލެންޖް) ގެ ނަމުގައި ގެރެފިޓީ ޗެލެންޖް މުބާރާތެއް ބާއްވަން ނިންމައިފި އެވެ.

އެސްޓީއޯއިން ބުނި، ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަކީ ރާއްޖޭގެ ޒުވާނުން ވަރަށް ފޯރިޔާއެކު ބަލަމުން އަންނަ ކުޅިވަރެއް ކަމަށާއި އެހެން ކަމުން މުބާރާތްތަކުގެ މެޗްތައް ބެލޭގޮތަށް ތަންތަން ހެދުމާއި ކުރެހުމުގެ ކަންތައްތައް ކުރިޔަށް ގެންދިއުމާއި ބޮޑެތި ސްކްރީން ބެހެއްޓުމަކީ އަބަދުވެސް ދިވެހިން ކުރަމުން އަންނަ ކަމަކަށް ވާތީވެ، އެކަންތައް ތައްކުރުމަށްޓަކައި އެސްޓިއޯއިން ގްރެފިޓީ ޖެހުމަށް ބޭނުންވާ ކުލަ ފޯރުކޮށްދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އެސްޓިއޯއިން ބުނީ، ގްރެފިޓީ ޗެލެންޖްގައި ބައިވެރިވުމަށް ހަމަޖެހިފައި ވަނީ ގިނަ ވެގެން ފަސް މީހުން އަދި މަދުވެގެން ތިން މީހުންގެ ޓީމެއްގެ ގޮތުގައި ކަމަށެވެ. އެ ޗެލެންޖްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށް ތައްޔާރުކޮށްފައިވާ ފޯމް ހުށަހެޅުމުން މުބާރާތުގައި ބައިވެރިވެވޭނެ ކަމަށާއި ފޯމް ބަލައިގަންނާނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގެ ނިޕޯން ޕެއިންޓް ޝޯވރޫމުން ކަމަށް ވެސް އެސްޓީއޯއިން ބުނެޏެވެ.

ޗެލެންޖްގައި ބައިވެރިވުމަށް އެދޭ އެޕްލިކޭޝަން ފޯމް އެސްޓީއޯ ހޯމް އިންޕްރޫވްމެންޓްގެ ނިޕޯން ޕެއިންޓް ޝޯ ރޫމުން އަދި އެސްޓީއޯގެ ފޭސްބުކް ޕޭޖް އިން އެޕްލިކޭޝަން ފޯމް ޑައުންލޯޑް ކުރެވެން ވެސް ހުންނާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ވޯލްޑް ކަޕް ކަންމަތި ގްރެފިޓީ ޗެލެންޖްގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެސްޓިއޯގެ ވޯލްޑް ކަޕް ކަންމަތި ގްރެފިޓީ ޗެލެންޖްގެ އެއް ވަނަ އަށް އަންނަ ފަރާތަކަށް 14،162 ރުފިޔާގެ ހިޓާޗީ ޕްރޮޖެކްޓަރެއް ލިބެއެވެ. އަދި ދެ ވަނައަށް އަންނަ ފަރާތަކަށް 10،200 ރުފިޔާގެ ހިޓާޗީ އެލްސީޑީ ޕްރޮޖެކްޓަރެއް ލިބޭއިރު، ތިން ވަނައަށް އަންނަ ފަރާތަކަށް އެސްޓިއޯއިން ދިނުމަށް ހަމަޖެހިފައި ވަނީ 9،373 ރުފިޔާގެ ހިޓާޗީ އެލްސީޑީ ޕްރޮޖެކްޓަރެއް ކަމަށް ވެސް އެސްޓިއޯއިން ބުންޏެވެ.