އުތުރު ތިލަފަޅު (ސިފަވަރު) ތަރައްގީ ކުރުމާ ބެހޭ ގޮތުން ވެސް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ޑިފެންސް ޗީފް ޖެނެރަލް ބިކްރަމް ސިންގް މަޝްވަރާކުރެއްވި ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ( އެމްއެންޑީއެފް) އިން ބުނެފި އެވެ.

ސިފަވަރު ތަރައްގީ ކުރުމުގެ 7.7 ބިލިޔަން ރުފިޔާގެ މަޝްރޫއަކާ ބެހޭ ގޮތުން ޖެނެރަލް ބިކްރަމް ސިންގް ދިވެހި ސަރުކާރާ މަޝްވަރާކުރެއްވި ކަމަށް އެގައުމުގެ އޮފިޝަލުންނާ ހަވާލާދީ އިންޑިއާގެ ނޫހަކުން އިއްޔެ ބުންޏެވެ. އިންޑިއާގެ ދަ ނިއު އިންޑިއަން އެކްސްޕްރެސް ނޫހުން އެހެން ބުނެފައިވާތީ ސަން އިން ސުވާލު ދެންނެވުމުން އެމްއެންޑީއެފްގެ ޑެޕިއުޓީ ސްޕޯކްސް ޕާސަން ކެޕްޓަން އަލީ އިހުސާން ވިދާޅުވީ އެފަދަ ހުރިހާ ކަމަކާ ވެސް މަޝްވަރާ ކުރެއްވި ކަމަށެވެ.

"އެފަދަ ހުރިހާ ކަންކަމަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި. އެހެން ނަމަވެސް އެކަންކަމާ ބެހޭ ތަފުސީލު އަޅުގަނޑުމެންނަށް ހާމަކުރެވޭނީ އަދި ފަހުން،" އިހުސާން ވިދާޅުވިއެވެ.

ދަ ނިއު އިންޑިއަން އެކްސްޕްރެސް އިން އިއްޔެ ބުނީ އުތުރު ތިލަފަޅުގައި ޑޮކްޔާޑެއް ތަރައްގީ ކުރުމަށް 3000 ކްރޯރް ރުޕީސް (500 މިލިޔަން ޑޮލަރު، 7.7 ބިލިޔަން ރުފިޔާ)ގެ މަޝްރޫއެއް ހިންގައިދޭން އިންޑިއާއިން ހުށައަޅާފައިވާ ކަމަށެވެ. އެކަން ދިވެހި ސަރުކާރަށް ހުށަހެޅުއްވީ ޖެނެރަލް ބިކްރަމްސިންގެ ދަތުރުފުޅުގައި ބޭއްވި ރަސްމީ ވާހަކަތަކުގައި ކަމަށް ވެސް ބުންޏެވެ. ނަމަވެސް އެނޫހަށް އެމައުލޫމާތު ދިން ބޭފުޅެއްގެ ނަން ނޫހުން ހާމަކޮށްފައެއް ނުވެއެވެ.

އެނޫހުން އަދި ބުނެފައި ވަނީ އުތުރު ތިލަފަޅު ތަރައްގީ ކުރުމަށް ޗައިނާއިން ވެސް ހުށަހަޅާފައިވާ ކަމަށާއި އެކަމުގައި އިންޑިއާއާއި ޗައިނާ ވާދަކުރަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމްގެ ދައުވަތަކަށް ޖެނެރަލް ބިކްރަމްސިންގް ރާއްޖެއަށް ވަޑައިގެންނެވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ދިވެހި ސިފައިންގެ އެންމެ މަތީ ވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ އަރިހަށް ޖެނެރަލް ސިންގް ވަނީ އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާފަ އެވެ.