ރާއްޖޭގެ މަސްވެރިކަމާ ބެހޭގޮތުން ކުރު ފިލްމަކާއި ޑޮކިއުމެންޓްރީއެއް ތައްޔާރުކުރުމަށް ބޭރުގެ ފަރާތްތަކުން ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝައިނީ މިހެން ވިދާޅުވީ ޔޫރަޕްގެ ގައުމުތަކުގައި ބާއްވާ އެންމެ ބޮޑު މަސްވެރިކަމުގެ ފެއާކަމަށްވާ "ޔޫރަޕިއަން ސީފުޑް އެކްސްޕޯ" ގައި ބައިވެރިވެވަޑައިގަތުމަށްފަހު ސަން އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

މިނިސްޓަރު ޝައިނީ ވިދާޅުވީ ރާއްޖޭގައި ދޮށީގެ މަސްވެރިކަމުގައި ބާނާ މަހަށް އިތުރު މާކެޓްތައް ހޯދައިދީ އެ މަހަށް ޚާއްސަ އަގެއް ހޯދައިދިނުމަށް މަސައްކަތްކުރާނެ ކަމަށް ބޭރުގެ ފަރާތްތަކުން ވިދާޅުވި ކަމަށެވެ. އަދި ދޮށީގެ މަސްވެރިކަން ދުނިޔޭގެ ބާޒާރަށް އިތުރަށް ޕްރޮމޯޓްކޮށް، އިތުރު އަގު ހޯދުމަށް އެފަރަތާތްތަކާ އެކު މަޝްވަރާ ކުރެއްވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރުގެ ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތަކުގެ ތެރެއިން އެންމެ ބޮޑު ވައުދު ކަމުގައިވާ "ބެޔަސް ނުބެޔަސް" ސްކީމަށް ބޭރުގެ އެކިއެކި ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އެގޮތުން އެ ސްކީމްގެ ބައިތައް ބޭރުގެ ފަރާތްތަކުން، އެފަރާތްތަކުގެ މަޝްރޫއުތަކުގައި ހިމަނަން ބޭނުންވާ ކަމަށާއި އެފެއާގެ ސަބަބުން ރާއްޖޭގެ ދޮށީގެ މަސްވެރިކަން އިތުރަށް ޕްރޮމޯޓްވެގެން ދިޔަ ކަމަށްވެސް މިނިސްޓަރު ޝައިނީ ވިދާޅުވިއެވެ.

"އެ ފަރާތްތަކުން ގަބޫލުކުރައްވާ ގޮތުގައި ބެޔަސް ނުބެޔަސް ސްކީމަކީ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް ވަރަށް ރަނގަޅު މަޝްރޫއެއް. އެ ސްކީމަށް އެހީތެރިކަން ދޭނެ ކަމަށް އެ ބޭފުޅުން ވިދާޅުވި،" ޝައިނީ ވިދާޅުވި އެވެ.

އެ ދަތުރުފުޅުގައި އިނގިރޭސި ވިލާތުގެ ރެސްޓޯރަންޓްތަކަށް މަސް ސަޕްލައިކުރާ އެންމެ ބޮޑު ކުންފުންޏާއި ދެމެހެއްޓެނިވި މަސްވެރިކަމަށް ސެޓްފިކެޓް ދޫކުރާ އިދާރާ، މެރިން ސްޓޫއާޑްޝިޕް ކައުންސިލް (އެމްއެސްސީ) އާއި ޔޫރަޕްގެ ފުޑް ސެކިއުރިޓީއާ ބެހޭ ކޮމިޝަނަރާ ބައްދަލުކުރެއްވި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެ ފެއާއަކީ މަސްވެރިކަމުގެ މުޅި އިންޑަސްޓްރީ ތަމްސީލުވާ ގޮތަށް ރާއްޖެ ބައިވެރިވި ފުރަތަމަ ފެއާއަށް ވާއިރު، މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ މަސްވެރިކަން އިތުރަށް ފުޅާކޮށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކަށް ވިއްކާ މަހުގެ ވައްތަރުތައް އިތުރުކުރުމާ ބެހޭ ގޮތުން ވެސް އެ ފެއާގައި މަޝްވަރާކުރެއްވި ކަމަށެވެ.

ބެލްޖިއަމްގެ ބްރަސަލްސްގައި ބޭއްވި އެ ފެއާގައި މިފްކޯ އާއި ކޫއްޑޫ ފިޝަރީޒް ގެ އިތުރުން ފެލިވަރު ފިޝަރީޒް އާއި އަމިއްލަ ފަސް ކުންފުންޏަކުން ބައިވެރިވެފައި ވެއެވެ.