އިންތިހާބަށް ކެމްޕޭން ކުރުން ފެށިފައިވާއިރު އެއްބަޔަކު އަނެއް ބަޔަކަށް ފުރައްސާރަކޮށް ފަލީހަތް ނުކުރުމަށާއި ހުތުރު އެއްޗެހި ނުގޮވުމަށް އިލެކްޝަންސް ކޮމިޝަނުން ގޮވާލައިފި އެވެ.


ކެމްޕޭނާ ގުޅިގެން މިހާރު ވެސް ކޮމިޝަނަށް ޝަކުވާތައް އަންނަން ފަށާފައިވާ ކަމަށް އިޝާރާތް ކުރައްވައި ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ފަޔާޒު ހަސަން މިއަދު ވިދާޅުވީ ތަހުޒީބުވެފައިވާ މުޖުތަމައުތަކުގައި ބާއްވާ އިންތިހާބުތަކުގައި ކެމްޕޭން ކުރާ ރީތި މިސާލުގައި ކެމްޕޭންތައް ކުރުމަށް ކޮމިޝަނުން އާދޭހާ އެކު އެދޭ ކަމަށެވެ.


"އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭ އެދުމެއް ކުރާ އިލްތިމާސެއް ކެމްޕޭން ކުރުމުގައި ތަހުޒީބު މުޖުތަމައުތަކުގައި މިކަން ކުރާ ގޮތަށް ކުރުމަކީ. އެއް ކެންޑިޑޭޓަކު އަނެއް ކެންޑިޑޭޓަކަށް އިހުތިރާމްކޮށްގެން ގަދަރުކޮށްގެން ރީތި މާހައުލެއްގައި މިކަން ކުރުމަށް އެދެން،" ފަޔާޒް ވިދާޅުވި އެވެ. "އެއްގޮތަކަށް ވެސް އަޅުގަނޑުމެން ބޭނުމެއް ނުވޭ ކެމްޕޭންގައި އެއްބަޔަކު އަނެއް ބަޔަކަށް މަލާމާތްކޮށް ފުރައްސާރަ ކުރާކަށް. ހަޖޫ ކިޔައި ޣީބަ ބުނެ ހުތުރު އެއްޗެހި ގޮވައި މީހުން ބޭޒާރު ކުރާ ކެމްޕޭނުތަކަކަށް ވާކަށެއް."


ފަޔާޒު ވިދާޅުވީ މަހެއްހާ ދުވަހަށް ދެމިގެންދާ ކެމްޕޭންތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ހިނގާއިރު ރައްޔިތުން، ހާއްސަކޮށް ތުއްތު ކުދިންނަށް މި ހުރިހާ މަންޒަރެއް ފެންނާނެ ކަމަށާއި މި ބޮޑު ކެމްޕޭނުގައި އެއްބަޔަކު އަނެއް ބަޔަކަށް ފަލީހަތްކޮށް ހުތުރު އެއްޗެހި ކިޔަން ފަށައިފި ނަމަ މުސްތުގުބަލް ފެނިގެންދާނީ އެ ގޮތުގައި ކަމަށެވެ.


ކެމްޕޭނު ކުރުމުގައި އެއްބަޔަކު އަނެއް ބަޔަކާ ދިމާ ނުކުމަށް ކޮމިޝަންނުން ބުނާއިރު ލޯކަލް ކައުންސިލް އިންތިހާބުގައި މައްޗަންގޮޅި ދެކުނު ދާއިރާއަށް ކުރިމަތިލެއްވި ސަރަނގު އާދަމް މަނިކުގެ ކެމްޕޭން ފެށުމުގެ ގޮތުން ރައީސް ނަޝީދު ކުރީގެ ރައީސް މައުމޫނާ ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅާ މެދު ކޮމިޝަނުން ދެކެނީ ކިހިނެއްތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ފަޔާޒު ވިދާޅުވީ އެކަމަށް ކޮމެންޓެއް ކުރަން ކޮމިޝަނުން ބޭނުން ނުވާ ކަމަށެވެ. އަދި އެކަމާ ބެހޭ ގޮތުން ޝަކުވާއެއް ލިބިފައި ނުވާ ކަމަށެވެ.