ބެއިޖިންގް (މޭ 10): ދެކުނު ޗައިނާ ކަނޑުގައި ހަމަނުޖެހުން އުފެއްދުމަށް އެމެރިކާ މަސައްކަތް ކުރަމުން ގެންދާކަމަށް ޗައިނާއިން ތުހުމަތުކޮށްފި އެވެ.

ޗައިނާގެ ހާރިޖިއްޔާއިން ބުނީ އެމެރިކާ ގެންދަނީ ޗައިނާއާއި ވިއެޓްނާމާ ޖަޕާނާ ދެމެދު ފިތުނަ އުފައްދައި އެސަރަހައްދު ގަޑުބަޑު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި ސަރަހައްދީ އަރައިރުންތައް ހައްލުކުރަން މަސައްކަތް ކުރުމުގެ ބަދަލުގައި އެމެރިކާ ގެންގުޅެނީ ވަކިގައުމުތަކަކާ އެއްކޮޅަށް ޖެހި އަނެއްގައުމާ ދެކޮޅަށް މަސައްކަތް ކުރުމުގެ ސިޔާސަތެއް ކަމަށްވެސް ޗައިނާގެ ހާރިޖިއްޔާގެ ތަރްޖަމާނާ ހުވަޗޫން ޔަންގް ވިދާޅުވި އެވެ.

ޗައިނާ، ޖަޕާން، ވިއެޓްނާމް އަދި ފިލިޕީންސަކީ ކަނޑުގެ އިމުގެ މައްސަލައިގައި އަރައިރުންތަކެއް އުފެދިފައިވާ ހަތަރު ގައުމެވެ. މިއަރައިރުންތަކުގެ އަސްލަކީ ދެކުނު ޗައިނާ ކަނޑުގައިވާ ޖަޒީރާތަކާއި ކަނޑުގެ ސަރަހައްދީ މައްސަލަތަކެވެ. މިއަރާރުންތަކުގައި އެމެރިކާ ގެންގުޅެނީ ޗައިނާ އާ އިދިކޮޅަށް އެހެން ގައުމުތަކަށް އެހީތެރިވުމުގެ ސިޔާސަތެކެވެ.

ޗައިނާއަކީ ކައިރި މުސްތަގްބަލެއްގައި އެމެރިކާއާ ވާދަކުރާނެ ދުނިޔޭގެ ބޮޑު ބާރުކަމަށް ވެގެންދާނެތީ އެމެރިކާ ޗައިނާ ދެކެ ވަރަށްބޮޑަށް ޖެހިލުންވާކަމަށާއި ޗައިނާގެ އިގްތިސާދީ އަސްކަރީ އަދި ޓެކްނޮލޮޖީގެ ކުރިއެރުންތަކާމެދު އެމެރިކާ ކަންބޮޑުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. (ރޮއިޓާސް)