10 May 2014, 11:08
ވެލެންޓައިންސް ދުވަސް ފާހަގަކުރުމަށް ޕާޓީއެއް ބޭއްވި ސައުދީ އަރަބިއްޔާގެ ފަސް މީހަކު 32 އަހަރަށް ޖަލަށް ލުމަށް ސައުދީގެ ކްރިމިނަލް ކޯޓަކުން ހުކުމް ކޮށްފި އެވެ.
ސައުދީގެ ނޫހެއް ކަމަށްވާ، ސައުދީގެޒެޓުގައި ބުނެފައިވަނީ، ވެލައިންޓައިންސް ދުވަސް ފާހަގަކުރަން ތިއްބާ ހައްޔަރުކުރި އެ ފަސް މީހުން 32 އަހަރަށް ޖަލަށްލުމާ އެކު އެ މީހުންކުރެ ކޮންމެ މީހަކު 4500 އެތި ފަހަރުން ތައުޒީރު ކުރުމަށް ވެސް އެ ކޯޓުން ހުކުމް ކޮށްފައިވާ ކަމަށެވެ.
ސައުދީ އަރަބިއްޔާގައި އިސްލާމީ ޝަރީއަތާއި އެއްގޮތަށް އަމަލުކުރުމަށް ރައްޔިތުންނަށް ބާރު އެޅުމަށް އެ ގައުމުގެ ސަރުކާރުން އުފައްދާފައިވާ ކޮމިޝަން ފޮ ދަ ޕްރޮމޯޝަން އޮފް ވަރުޗާ އެންޑް ޕްރިވެންޝަން އޮފް ވައިސް (ސީޕީވީޕީވީ) ގެ ފުލުހުން، ވެލެންޓައިންސް ދުވަސް ފާހަގަކުރަން ތިބި އެ ފަސް މީހުން ހައްޔަރުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު، ގެއެއް ކުއްޔަށް ހިފައިގެން ހިލޭ ހަ އަންހެނުން ތަކަކާއި އެއްކޮށް މަސްތުވެ ނަށަން ތިއްބައި ކަމަށް ސައުދީ ގެޒެޓުގައި ބުނެފައިވެ އެވެ.
އެ ނޫހުގައި ބުނެފައިވަނީ، އެ ފަސް މީހުންވެސް ހިލޭ އަންހެނުންނާއި އެކު އެކަހެރި ތަނެއްގައި މަސްތުވެ ނަށަން ތިބި ކަމަށް ކޯޓުގައި އެއްބަސްވެފައިވާ ކަމަށެވެ. އަދި އެ ފަސް މީހުންނާއި އެކު ހައްޔަރުކުރި ހަ އަންހެނުންގެ މައްސަލަވެސް ވަރަށް އަވަހަށް ކޯޓުން ބަލާނެ ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.
އިސްލާމީ ޝަރީއަތާއި އެއްގޮތަށް ސައުދީ އަރަބިއްޔާގައި އަމަލުކުރުމަށް އުފައްދާފައިވާ ސީޕީވީޕީވީ އަށް އިސްލާމީ ޝަރީއަތާއި ގާނޫނާއި ހިލާފަށް ކޮންމެ ކަމެއް ކުރާ މީހެއް އަދި ތަނެއްވެސް ބަންދު ކުރުމުގެ ބާރު ދީފައިވެ އެވެ.
އެގޮތުން، އާއްމު ތަންތަނުގައި މަސްސުނިވެ އުޅޭ މީހުންނާއި އިސްލާމީ ޝަރީއަތާއި އެއްގޮތަށް ހެދުން ނާޅާ މީހުންނާއި، ނަމާދު ގަޑިއަށް ފިހާރަތައް ބަންދު ނުކުރާ މީހުންވެސް ހައްޔަރުކުރެ އެވެ.