10 May 2014, 10:53
އެޑިސް އަބާބާ (މޭ 10): ދެކުނު ސޫދާންގައި ހިނގަމުންދާ ލޭ އޮހޮރުވުން ބޮޑު ދާޚިލީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި މި ހަނގުރާމައިގެ ދެފަރާތުން ސޮއިކޮށްފި އެވެ.
ދެކުނު ސޫދާނުގައި ހަނގުރާމަ ހިނގަމުންދަނީ އެގައުމުގެ ސަރުކާރު ސިފައިންނާއި ސަރުކާރާ ދެކޮޅަށް ބަޣާވާތް ކުރަމުންދާ ކުރީގެ ނާއިބު ރައީސް ރިކް މުޝާރަށް ތާއީދުކުރާ ހަނގުރާމަވެރިންނާ ދެމެދުގަ އެވެ. ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ދެކުނު ސޫދާނުގެ ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެގައުމުގެ ރައީސް ސަލްވާ ކީރު އެވެ. އިދިކޮޅު ހަނގުރާމަވެރިންގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެމީހުންގެ ލީޑަރު އަދި ސަލްވާ ކީރުގެ ސިޔާސީ އެންމެ ބޮޑު ހަތުރު ކަމަށްވާ ރިކް މުޝާރު އެވެ.
މިއެއްބަސްވުމުގައި އެދެބޭފުޅުން ސޮއިކުރައްވާފައިވަނީ އިތިއޮޕިޔާގެ ބޮޑުވަޒީރު ހެއިލީ ދިސަލިން އާއި އެމެރިކާއާއި ޔޫރަޕްގެ އިއްތިޙާދާ އދ. ގެ މަންދޫބުންގެ ޙާޒިރުގަ އެވެ. ސުލްޙައިގެ މި އެއްބަސްވުން ވުޖޫދަށް އައިސްފައިވަނީ އެޑިސް އަބާބާގައި އެ ދެފަރާތުގެ މަންދޫބުން ދައްކަމުން ގެންދިޔަ ސުލްޙައިގެ ވާހަކަތަކަކަށް ފަހުގަ އެވެ.
ރިޕޯޓްތައް ބުނާގޮތުން ސުލްހައިގެ އެއްބަސްވުމުގައި ރައީސް ސަލްވާ ކީރު އާއި އޭނާގެ ހަތުރު ރިކް މުޝާރު ސޮއިކުރެއްވީ އެމެރިކާއާއި ޔޫރަޕްގެ އިއްތިޙާދުން އެދެބޭފުޅުންނަށް ކުރިމަތިކުރި އާދަޔާ ހިލާފު ފިއްތުންތަކުގެ ސަބަބުންނާއި އެދެބޭފުޅުންނަށް އެމެރިކާއާއި ޔޫރަޕްގެ އިއްތިޙާދުން ހުށަހެޅި ފައިސާގެ ބޮޑެތި އަދަދުތަކަކާ ގުޅިގެންނެވެ.
ދެކުނު ސޫދާނަކީ އަރަބި ގައުމެއް ކަމަށްވާ ސޫދާނު ދެބައިކޮށްލައި ސޫދާނުގެ ނަސާރާއިންނަށް އެމެރިކާއާއި ޔޫރަޕްގެ އެހީތެރިކަމާއެކު މީގެ ދެތިން އަހަރުކުރިން އުފައްދައިދީފައިވާ ނަސާރާ ގައުމެކެވެ. ސޫދާން ބައިކޮށްލުމުގައި ފަރުދާގެ އަނެއް ފަރާތުން އިސްރާއީލުވެސް ރޭވުންތެރި ދައުރެއް އަދާކުރި ކަމަށް ރިޕޯޓްތައް ބުނެއެވެ. ދެކުނު ސޫދާނަށް މިނިވަންކަން ލިބުމާއެކު ވަރަށް އަވަހަށް އިސްރާއީލާއެކު ވަނީ ގުޅުންތައް ގާއިމް ކޮށްފަ އެވެ.
ސޫދާން ބައިބައި ކޮށްލާފައިވަނީ ހުޅަނގާއި އދ. ގެ ބޮޑެތި ފިއްތުންތަކެއް ސޫދާނުގެ ރައީސް ޢުމަރު ހަސަން އަހްމަދުލް ބަޝީރުގެ ސަރުކާރަށް ކުރިމަތިވެގެންދިޔުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.
ދެކުނު ސޫދާނުގެ ދާހިލީ ހަނގުރާމައިގައި ހިންގަމުންދާ އިންސާނިއްޔަތާ ހިލާފު ޖަރީމާތަކާ އަދި ނަސްލު ނައްތާލުމުގެ އަމަލުތަކާއެކު އެގައުމު ދެވަނަ ރުވަންޑާ އަކަށް ވުމުގެ ފުރްސަތު ނުދެއްވާނެ ކަމަށް އިންސާނީ ހައްގުތަކާބެހޭ އދ. ގެ ކޮމިޝަނަރު ނަވީ ޕިއްލޭ ވަނީ ވިދާޅުވެފަ އެވެ. އަދި އެމެރިކާގެ ހާރިޖީ ވަޒީރު ޖޯންކެރީވެސްވަނީ ކޮންމެ އަގެއް ދައްކައިގެން ނަމަވެސް ދެކުނު ސޫދާންގެ ދާހިލީ ހަނގުރާމަ ހުއްޓުވާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.
ދެކުނު ސޫދާނުގައި ދާހިލީ ހަނގުރާމަ ކުރަމުންގެންދާ ދެފަތާރުންވެސް އެގައުމުގެ ރައްޔިތުންނާ ދެކޮޅަށް އިންސާނިއްޔަތާ ހިލާފު ބޮޑެތި ޖަރީމާތައް ހިންގާފައިވާ ކަމަށް އދ. ން ވަނީ ތުހުމަތުކޮށްފަ އެވެ. އދ. ން ނެރުނު ރިޕޯޓެއް ބުނާގޮތުން ދެކުނު ސޫދާނުގައި ހަނގުރާމަކުރާ އެގައުމުގެ ސަރުކާރުގެ ބާރުތަކާއި ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ރިކް މުޝާރުގެ ބާރުތަކުންވަނީ އެގައުމުގެ އާންމު ރައްޔިތުންނާ ދެކޮޅަށް ގަތްލުއާންމުތަކާއި ރޭޕްކުރުމާއި ނަސްލު ނައްތާލުމުގެ ބޮޑެތި ޖަރީމާތައް ހިންގާފަ އެވެ.
މިދެފަރާތުންވެސް ރައްޔިތުންނާ ދެކޮޅަށް މި ޖަރީމާތައް ހިންގާފައިވަނީ މިސްކިތްތަކާއި ފައްޅިތަކާއި ހޮސްޕިޓަލްތަކުގެ އިތުރުން އެގައުމުގައި ހުންނަ އދ. ގެ އިމާރާތްތަކުގައި ކަމަށާ މިޖަރީމާތަށް ހިންގާފައިވަނީ ނަސްލު ނައްތާލުމުގެ މަގްސަދުގައި ކަމަށްވެސް އދ. ން ބުނެއެވެ. (ނޫސްއެޖެންސީތައް)