10 May 2014, 10:57
ކާމިޔާބު ކަމާއިއެކު އޭއެފްސީ ޗެލެންޖްކަޕްގެ ހުރިހާ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި ދެއްވަންޖެހޭ ހުރިހާ އެހީތެރިކަމެއް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ދެއްވާނެ ކަމަށް އޭއެފްސީގެ ރައިސް ޝެއިޚް ސަލްމާން ބިން އިބްރާހިމް އަލް ހަލީފާ ވައުދުވެޑައިގެންފި އެވެ.
އޭއެފްސީގެ ރައިސް މިހެން ވިދާޅުވެފައި ވަނީ އޭއެފްސީގެ ރައިސް އާއި އެފްއޭއެމްގެ ނައިބް ރައިސް އަދި ޑެޕިއުޓީ ޖެނެރަލް ސެކެއްޓަރީ އިސްމާއިލް އިޒްހާން އާއިއެކު މިމަހު ހަތެއްގައި ބަހުރޭންގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުވުމުގައި އޭއެފްސީގެ ރައިސް ވަނީ މި މުބާރާތައް ތައްޔާރުވުމަށްޓަކައި އެފްއޭއެމުން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވާފައެވެ. އަދި އޭއެފްސީ އާއި އެފްއޭއެމް ގުޅިގެން މުބާރާތުގެ ތައްޔާރީތައް ވިލަރެސް ކުރުމަކީ މުހިއްމުކަމެއް ކަމަށް ވެސް އޭއެފްސީގެ ރައިސް ވިދާޅުވިއެވެ.
އޭއެފްސީ ޗެލެންޖް ކަޕް ހުޅުވާ މެޗުގައި މިމަހުގެ 19 ވަނަ ދުވަހުގެ ރޭ 9:00 ޖަހާއިރު ބާއްދަލުކުރާ ދެޓީމަކީ ރާއްޖެ އާއި މިޔަންމާއެވެ. އަދި އެދުވަހުގެ ހަވީރު 4:00 ޖަހާއިރު ބައްދަލުކުރާ ދެޓީމަކީ ފަލަސްތީނާއި ކިޒްކިސްތާނެވެ. މުބާރާތުގައި ރާއްޖެ ވާދަކުރާ ދެ ވަނަ މެޗުގައި މިމަހުގެ 21 ވަނަ ދުވަހުގެ ރޭ 9:00 ޖަހާއިރު ނިކުންނާނީ، ކިޒްގިސްތާނާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މިމަހު 23 ވަނަ ދުވަހުގެ ރޭ 9:00 ޖަހާއިރު ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ.
ރާއްޖެ ހިމެނޭ ފަޅީގައި ލައްވައިލި މިޔަންމާ އަކީ 2012 ވަނަ އަހަރުގެ ޗެލެންޖް ކަޕް ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ވާދަކުރި ޓީމެކެވެ. އަދި ފަލަސް ތީނަކީ، ނޭޕާލް ގައި 2012 ވަނަ އަހަރު އޮތް ޗެލެންޖު ކަޕްގައި ރާއްޖެއާ އެއް ގްރޫޕެއްގައި ވާދަކުރި ޓީމެކެވެ.
މިމުބާރާތުގައި އައްޑޫ ސިޓީގެ ޒޯން ސްޓޭޑިއަމް ގައި ކުޅުމަށް ހަމަޖެހިފައިވާ ގްރޫޕް ބީ ފަޅީގައި ހިމެނޭ ޓީމް ތަކަކީ ތުރުކުމަނިސްތާނާއި ފިލިޕިންސްއާއި އަފްޣާނިސްތާނުގެ އިތުރުން ލާއޯސް އެވެ.
އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ އިން ބާއްވާ އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތް މިއަހަރު ރާއްޖޭގައި ބޭއްވުމަށް ފަހު، ދެން މި މުބާރާތް އިތުރަށް ކުރިއަށް ނުގެންދަން އޭއެފްސީގެ އެގްޒެކެޓިވް ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ.